ވިޔަފާރި

އެންޒީ މަސްދަޅު ކޭސް ހިލޭ ޑެލިވާ ކުރަން ފަށަނީ

އެންޒީއިން ރޯދަ މަހަށް ހާއްސަކޮށް މަސްދަޅު ކޭސް ހިލޭ ޑެލިވާ ކުރުމުގެ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

އަންނަ ހޮނިހިރު ދުވަހު ފަށާ މި ޕްރޮމޯޝަންގެ ދަށުން މާލެ އާއި ހުޅުމާލޭގައި ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. އަދި ދަޅު މަހަކީ ރޯދަ މަހު އެންމެ ގިނައިން ބޭނުން ކުރާ އެކައްޗަށް ވުމުން މި ޕްރޮމޯޝަން ފެށީ ކޮންމެ މީހަކުވެސް އެމީހެއްގެ ޑޯ ސްޓެޕަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށެވެ.

އެންޒީ އިން ބުނި ގޮތުގައި ޑެލިވަރީ ކުރުމުގެ މި ޕްރޮމޯޝަން ފެށީ މިހާރު ކުރިއަށްދާ އެހެން ޕްރޮމޯޝަން އަކާއެކު އެވެ. އެ ކުންފުނިން މިހާރު ކުރިއަށްގެންދަނީ "ވަރަށް ފައްކާ" ލޭބަލް ޖަހާފައިވާ މަސްދަޅު ގަނެގެން ފައިސާގެ އިނާމުތަކެއް ލިބޭ ޕްރޮމޯޝަން އެކެވެ.

އެ ޕްރޮމޯޝަންގައި، ލޭބަލްކޮޅު ނައްޓާލުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަންބަރު 5040 އަށް މެސެޖު ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. ފައިސާގެ އިނާމެއްގެ ގޮތުގައި ކޮންމެ މަހަކު ގުރުއަތު ނެގުމަށްފަހު 1،000 ރުފިޔާ، 5،000 އާއި 10،000 ރުފިޔާގެ ނަސީބުވެރި ތިން ފަރާތެއް ހޮވަ އެވެ. އަދި، 15 ފެބްރުއަރީ އިން 31 ޖުލައި، މުއްދަތުގެ ތެރޭގައި އެސްއެމްއެސް ކޮށްފައިވާ މީހުންގެ މެދުގައި ގްރޭންޑް ލަކީ ޑްރޯ އެއް ނެގޭނެ އެވެ. މި ޑްރޯގައިވެސް 1،000 ރުފިޔާ، 5،000 އާއި 10،000 ރުފިޔާގެ ނަސީބުވެރި ތިން ފަރާތެއް ހޮވަ އެވެ.

ހިލޭ ޑެލިވަރީ ޕްރޮމޯޝަންގައި އެންޒީ އިން ޑެލިވާ ކުރަނީ "ވަރަށް ފައްކާ" ލޭބަލް ޖަހާފައި ހުރި މަސްދަޅު ކޭސްތަކެވެ.

ހިލޭ ޑެލިވަރީ އަށް މި ޕްރޮމޯޝަންގެ ދަށުން މަދުވެގެން 13 މަސްދަޅު ގަންނަން ޖެހެ އެވެ. އެންޒީ އިން ބުނީ އޯޑަރުތައް ބަލައިގަންނަނީ ހެނދުނު 08:30 އިން 16:00 އަށް ކަމަށެވެ. ފައިސާ ދެއްކުމަށް އޮންލައިން ޕޭމަންޓުވެސް ބަލައިގަންނަ ކަމަށް ބުންޏެވެ.