އޮފްބީޓް

ކުޑަ ކުއްޖެއްގެ ރަނގަޅު އަމަލަކުން ގިނަ ބަޔަކު ތައުރީފު ކުރަނީ

ކުޑަ ފިރިހެން ކުއްޖެއްގެ ރަނގަޅުކަމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިކުއްޖާއަށް ތައުރީފުކުރަމުން އެބަ ދެއެވެ.

ޗައިނާގެ މި ފިރިހެންކުއްޖާ އޭނާގެ މަންމަ އާއެކު ރޭލެއްގައި ދަތުރުކުރަނިކޮށް ނަގާފައިވާ ފޮޓޯއަކުން ފެންނަނީ މަންމައަށް ވަރުބަލިވެގެން ނިދިފައި އިނީމަ ކުއްޖާ ކޮޅަށް ތެދުވެ އޭނާގެ އަތް ބާލީހަކަށް ހަދައިގެން މަންމަގެ ބޯ އަތުގައި އަޅުވާލައިގެން ހުއްޓަ އެވެ. އަދި އޭގެ ކުޑައިރުކޮޅެއް ކުރިން މި ކުއްޖާ ވަނީ އެއަށް ވުރެ ވެސް މާ ބޮޑު އެހީތެރިކަމެއް އެހެން މީހަކަށް ފޯރުކޮށްދީފައި ކަމަށް މި ޚަބަރުގައި ވެއެވެ. އެއީ ތުއްތު ކުއްޖެއް ގޮވައިގެން ހުރި މީހަކަށް އޭނާ އިށީނދެގެން އިން ގޮނޑި ދިނީ އެވެ.

މިޒަމާނުގައި ކުޑަކުދިންނާއި ޒުވާނުން އެހެން މީހުންނަށް އެއްވެސް އަޅާލުމެއް ނުހުންނަ ކަމަށާއި އެކުދިން ތިބެނީ އަމިއްލަ އެދުމުން ފުރިފައި ކަމުގެ ތުހުމަތުތައް ވަރަށް ގިނައިން އިވެ އެވެ. ޚާއްސަކޮށް އެކި ތަންތަނަށް ދަތުރުކުރާއިރު އާއި ހޮސްޕިޓަލު ފަދަ ތަންތަނުގައި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން އަދި ކުޑަކުދިން ގޮވައިގެން ތިބޭ މީހުންނަށް އިށީންނާނެ ތަންކޮޅެއް ނެތަސް އެމީހުން ތިބޭ ގޮނޑި ނުދޭކަން ގިނަ ބަޔަކު ފާހަގަ ކުރެ އެވެ.

ނަމަވެސް މި ކުޑަކުޑަ ފިރިހެންކުއްޖާގެ ވާހަކަ މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން މި އުޅެނީ މި ކުއްޖާގެ އަމަލުތައް ހުރިލެއް ރަނގަޅު ކަމުންނެވެ. އޭނާގެ މަންމަ އަށާއި އަދި އެކުގައި ދަތުރުކުރި އެހެން މީހަކަށް އެ ކުއްޖާ ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ވެސް މެއެވެ.

މި ކުޑަ ފިރިހެންކުއްޖާ އޭނާގެ މަންމަ އާއެކު ރޭލުގައި ދަތުރުކުރަމުން ދިޔައިރު އޭނާގެ މަންމައަށް ނިދުނީ ވަރަށް ބޮޑަށް ވަރުބަލިވެފައި އިނީމަ ކަމަށް މި ރޭލުން ދަތުރުކުރި އަދި މި މަންޒަރު އެންމެ ގާތުން ދުށް ބައެއް މީހުން ޗައިނާގެ ނޫހަކަށް މައުލޫމާތު ދީފައި ވެއެވެ. އެމީހުން ބުނެފައިވާ ގޮތުގައި ކުއްޖާ އިނީ އޭނާގެ މަންމަ ކައިރީގައި އިށީނދެގެންނެވެ.

އެހެން އިންދާ ކުޑަ ކުއްޖެއް ގޮވައިގެން ރޭލަށް އެރި މީހަކަށް އިށީންނާނެ ތަންކޮޅެއް ނުލިބި ކޮޅަށް ހުރިތަން ފެނުމުން އެ ކުއްޖާ އިން ތަނުން ތެދުވެފައި އެމީހާއަށް އޭނާ އިން ގޮނޑި ދިނީ އެވެ. އަދި މަންމަ ކައިރީގައި ކޮޅަށް ހުރެފައި ބަލާލިއިރު މަންމައަށް ނިދިގެން ދަގަނޑު ހޮޅީގައި ބޯ ޖެހޭތަން ފެނުމުން އޭނާގެ އަތް ބާލީހަކަށް ހަދާފައި މަންމައަށް ބޯ އަޅާލެވޭ ގޮތް ހަދައިގެން މަޑުމަޑުން ހުރީ އެވެ.

މި ހަބަރަށް ސޯޝަލް މިޑިއާގައި ކޮމެންޓްކުރި މީހަކު ބުނި ގޮތުގައި މަންމަ ވަރުބަލިވެގެން ގޮސް ކުއްޖާއަށް އަޅާލަންވާ ވަރަށް އަޅާ ނުލެވުނަސް އެ ކުއްޖާ ތަރުބިއްޔަތު ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަން މި ކުއްޖާގެ އަމަލުތައް ހުރި ގޮތުން ހަމަވާ ކަމަށެވެ.