ކަރީނާ ކަޕޫރު

"އަންގްރޭޒީ މީޑިއަމް" ކުޅެން ކަރީނާގެ އެއްބަސްވި ސަބަބު

ކަރީނާ ކަޕޫރުގެ ފިލްމީ ކެރިއަރު ވަރަށް ކާމިޔާބެވެ. ފިލްމު އިންޑަސްޓްރީގައި އޭނާ ހޭދަކުރި މުއްދަތުގައި ބައެއް އަޑިގަނޑުތަކާއި އުސްގަނޑުތައް އަޔަސް އޭނާ ނެގި ކޮންމެ ރިސްކަކުން ވެސް ރަނގަޅު އެދެވޭ ނަތީޖާއެއް ވަނީ ފެނިފަ އެވެ. ކައިވެނިކޮށް ދަރިއަކު ލިބުނު ނަމަވެސް ކަރީނާގެ ޑިމާންޑް ނުވެއްޓި ހުރީ އޭނާއަށް ރަނގަޅަށް ފިޔަވަޅުތަކެއް އެޅިފައި ވާތީ އެވެ.

ކަރީނާ ކުޅެފައިވާ އާ ފިލްމެއް ކަމަށްވާ "އަންގްރޭޒީ މީޑިއަމް" ކުރިޔަށް އޮތް ހަފުތާގައި ރިލީޒް ކުރަން ހަމަޖެހިފައިވާއިރު ކަރީނާ މި ފިލްމުގައި ކުޅެނީ ލަންޑަންގައި ދިރިއުޅޭ ފުލުހެއްގެ ރޯލެވެ.

އިރްފާން ޚާން ލީޑް ރޯލު ކުޅޭ މި ފިލްމުގައި އޭނާ ކުޅެނީ ވަރަށް ޚާއްސަ ރޯލެއް ކަމަށް އިންޑިޔާގެ ނޫހަކަށް ކަރީނާ ބުނެފައި ވެއެވެ.

ކަރީނާ ބުނި ގޮތުގައި މި ފިލްމު އޭނާ ގަބޫލުކުރީ އިރްފާން ޚާނާއެކު މަސައްކަތް ކުރަން ބޭނުން ވާތީ އެވެ. ފިލްމުތަކުގައި ބަތަލާގެ ރޯލު ކުޅޭ އެކްޓަރުންނަށް ފުލުހުންގެ ރޯލު ކުޅުމަކީ އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް މި ރޯލު ކުޅެން ބޭނުންވީ ލަންޑަން ކޮޕެއްގެ ރޯލު ވީމަ ކަމަށް ވެސް ކަރީނާ ބުންޏެވެ.

އިރްފާނާއެކު ފިލްމުގެ ޝޫޓިން ނިންމާލުމުގެ ފުރުސަތު ކަރީނާ އަށް ލިބުނު ނަމަވެސް އޭނާއާއެކު ފިލްމު ޕްރޮމޯޓް ކުރާނެ ފުރުސަތެއް ނުލިބޭނެ އެވެ. ސަބަބަކީ އިރްފާންގެ ސިއްހަތު މާ ބޮޑަށް ގޯސްވެފައި ވާތީ އެވެ. ނަމަވެސް ފިލްމު ޕްރޮމޯޓް ކުރުމުގެ މަސައްކަތް އެކަނި ކުރުމަކީ އެހާ ބޮޑު ބުރައެއް ކަމަކަށް ކަރީނާ ގަބޫލެއް ނުކުރެ އެވެ.

އޭނާ ބުނި ގޮތުގައި މޮޅު ފިލްމެއް ނަމަ އެ ފިލްމެއް އޭގެ ޒާތުގައި އަމިއްލައަށް އިޝްތިހާރުވާނެ އެވެ. އިންޓަވިއުތައް ދިނުމާއި ރިއަލިޓީ ޝޯތަކުގައި ބައިވެރިވުމަކީ ޕްރޮޑިއުސަރުންނާއި ސްޕޮންސަރުން ދައްކާ ބަހަނާ ތަކެކެވެ.

އެ ފިލްމެއްގެ ޓްރެއިލާއެއް ބެލުންތެރިންނަށް ކަމުގޮސްފި ނަމަ އެ ފިލްމެއް ބަލަން ސިނަމާތަކަށް މީހުން ދާނެ ކަމަށް ކަރީނާ ގަބޫލު ކުރެ އެވެ. އެއީ ފިލްމާއި ވާހަކައިގެ ބާރުގަދަކަން ކަމަށް ކަރީނާ ސިފަ ކުރި އެވެ.