ވިޔަފާރި

އިންކަމް ޓެކްސް ގަވާއިދު ގެޒެޓް ކޮށްފި

Mar 11, 2020
8

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު ގެޒެޓްކޮށްފި އެވެ.

މި ގަވާއިދަކީ ޑިސެންބަރު 31، 2019 ގައި ގެޒެޓް ކޮށްފައިވާ ގަވާއިދުގައި ހުރި ބައެއް ބައިތަކަށް އިސްލާހު ގެނެސް ބައެއް ކަންކަން އިތުރަށް ފުރިހަމަކޮށް އަދި ގާނޫނުގައި ހިމެނޭ ކަންކަމުގެ ތެރެއިން އިތުރު ބައިތައް ހިމެނުމަށްފަހު އެކުލަވައިލި ގަވާއިދެކެވެ.

މީގެ އިތުރުން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު ތަންފީޒު ކުރުމަށް އަމަލު ކުރާނެ އަސާސްތައް މި ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

މީރާ އިން ބުނި ގޮތުގައި މި ގަވާއިދު އެކުލަވައިލުމުގައި ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއި އެއްބާރުލުން ލިބުނެވެ. އެ ގޮތުން ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލު ހުށަހަޅަން ދެ ފަހަރެއްގެ މަތިން ހުޅުވާލި އެވެ. އެ ދެލިކޮޕީއަށް ވަރަށް ގިނަ ބައެއްގެ ހިޔާލު ލިބުނެވެ.

އަދި ސްޓޭކްހޯލްޑަރުންނާއެކު ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން 27 ފަރާތަކާއި މީރާ އިން ބައްދަލުކޮށް ގަވާއިދާ ގުޅޭ މައުލޫމާތު ހިއްސާކޮށް ހިޔާލު ބަދަލުކޮށްފައި ވެސް ވެއެވެ.

އިންކަމް ޓެކުހަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މީރާ އިން ދަނީ ގިނަ މަސައްކަތް ތަކެއް ވެސް ކުރަމުންނެވެ. އެ ގޮތުން އާންމުންނަށް 70 މައުލޫމާތު ސެޝަން ކުރިއަށް ގެންގޮސްފައިވާއިރު ސެޝަންތަކުގައި 741 މީހުނަށް އިންކަމް ޓެކުހާ ގުޅޭ މައުލޫމާތު ދީފައި ވެއެވެ.

އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެނެވެ. އިންކަމް ޓެކްސްގެ ގާނޫނުގައިވާ ގޮތުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީއަކުން އެ ޓެކްސް ނަގާނެ އެވެ. އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހެ އެވެ. އަދި 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.

ކުންފުނިތަކުގެ ޑިވިޑެންޑުން އިންކަމް ޓެކްސް ނުނަގަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެއީ އެކި ފަރާތްތަކަށް މިލިއަނުން ފައިސާ ލިބޭ ކަމެކެވެ.

މި ޓެކްސްއަކީ މި އަހަރު ދައުލަތައް އާމްދަނީ އިތުރު ކުރަން ނަގަން ހިމެނި ޓެކްސް އެކެވެ. ބަޖެޓު އެކުލަވައިލި ދުވަސްވަރު ލަފާކޮށްފައި ވަނީ އެ ޓެކްސް ނަގައިގެން ދައުލަތައް މި އަހަރު 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.