ދައުލަތުގެ ހިއްސާވާ ކުންފުންޏަކުން ހެޔޮ އަގެއް ހުށަހަޅާފައި ވަނިކޮށް 25 މިލިއަން ރުފިޔާ އަގު ބޮޑުކޮށް އެހެން ބަޔަކަށް މަޝްރޫއުއެއް ހަވާލުކޮށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ތުހުމަތު ކުރައްވައިފި އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ ކުރީގެ ސަރުކާރުގެ ވާހަކަ ދައްކާއިރު މި ސަރުކާރުގެ އަމަލުތައް ހުރި ގޮތް ވެސް ބަލައިލަން ޖެހޭ ކަމަށާއި އެކަންކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އެގޮތުން ދާދި ފަހުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުނު ސިޓީއެއްގައި މި ސަރުކާރުގެ ތެރެއިން ހިނގާފައި އޮތް ކޮރަޕްޝަނާ ގުޅޭ މައްސަލައެއް އަފީފް ހާމަ ކުރެއްވި އެވެ.
އަފީފް ވިދާޅުވީ ދައުލަތުގެ 90 ޕަސަންޓު ހިއްސާވާ ކުންފުންޏަކުން ހެޔޮ އަގެއް ހުށަހަޅާފައި ވަނިކޮށް ކުރީގެ ސަރުކާރުން ކޮރަޕްޝަންގެ ތެރެއިން ކަންކަން ހިނގަމުން ދިޔަ ކުންފުންޏަކަށް 25 މިލިއަން ރުފިޔާ އިތުރަށް ބޮޑު އަގެއްގައި ހަވާލު ކޮށްފައިވާ ކަމާށެވެ. އަދި އެ މަޝްރޫއަށް ގެންނަން ޖެހޭ މުދާވެސް ގެނެސް އެކަންތައް ނިންމާލާފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.
"އާދެ އިއްޒަތްތެރި ރައީސް ޒީރޯ ޓޮލަރަންސް. އަޅުގަނޑުމެން އަދި ޒީރޯ ޓޮލަރަންސް އޭ ކިޔައިގެން ތިބެގެނެއް ކަމަކު ނުދާނެ. އަޅުގަނޑުމެން އެބަޖެހޭ މިކަންކަން ބަލަން ހާއްސަކޮށް މި މަޖިލީހުން އަޅުގަނޑުމެން އެބަޖެހޭ ކިހިނެތްތޯ މިކަން ހިނގާފަ އޮތީ ބަލަން ޖެހޭ،" އަފީފް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ސިޓީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ލިބިފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ. އެހެން ނަމަވެސް މަޖިލީހުގައި ވެސް ކަންކަން އޮންނަ ގޮތުން މާލިއްޔަތު ކޮމިޓީ މެންބަރަކަށް ލިބޭ ސިޓީއެއް މާލިއްޔަތު ކޮމިޓީން ބެލޭ ކަމަކަށް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް ފައިދާއެއް ކުރަން އޮތީ މިކަންތައްތައް ތަންފީޒު ކުރަން ތިބޭ ފަރާތްތަކުގެ ތިބި އިހުލާސްތެރިކަމާއި ނަޒާހަތްތެރިކަމެއްގެ މައްޗަށް. މިއަދު އަޅުގަނޑުމެން މިތިބީ ނަޒާހަތްތެރި މަޖިލީހެކޭ ވެސް ކިޔައިގެން މިތާނގަ މިތިބެނީ އަޅުގަނޑުމެންގެ ނަޒާހަތްތެރިކަން ހުރީ ކިހާ ވަރަކަށްތޯ އަޅުގަނޑުމެން ވެސް އެބަ ޖެހޭ ބަލައިލަން،" އަފީފް ވިދާޅުވި އެވެ.