ވިޔަފާރި

ނީލަމުގައި ފުނައްޑޫ ފެކްޓްރީ ވިއްކާލަނީ

Mar 11, 2020

ބީއެމްއެލް އިން ނަގާ ނަގާފައިވާ ލޯނެއް ނުދައްކައިގެން، ތ. ފުނައްޑޫ ލީސް ހޯލްޑް ރައިޓްސް އަދި އެ ރަށުގައި ގާއިމް ކޮށްފައިވާ މަސް ފެކްޓްރީ ނީލަމުގައި ވިއްކާލަން އިއުލާނުކޮށްފި އެވެ.

ތ. ފުނައްޑޫ އާއި އެ ރަށުގައި ގާއިމް ކޮށްފައިވާ މަސް ފެކްޓްރީއަކީ އައިއޯއެފް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑު ކުންފުނީގެ ތަނެކެވެ. މި ކުންފުންޏަކީ އަވަހާރަވެފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ ކުންފުންޏެކެވެ.

ބީއެމްއެލް އިން ބުނީ ފުނައްޑޫގެ ލީސް ހޯލްޑް ރައިޓްސް އާއި މަސް ފެކްޓްރީގެ އިމާރާތްތަކާއި މެޝިނަރީ އާއި އެ ނޫން ވެސް ތަކެތި ވިއްކާލަނީ އައިއޯއެފް ކޯޕަރޭޝަން ކުންފުންޏަށް ދޫކޮށްފައިވާ އޯވަޑްރާފްޓް ފެސިލިޓީއަކާއި ޑިމާންޑް ލޯނަކަށް ފައިސާ ނުދައްކައިގެން ކަމަށެވެ.

އެ ރަށާއި މަސް ފެކްޓްރީ ވިއްކާލުމުގެ ނީލަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. ނީލަން ފެށޭ އަގަކީ ހަތް މިލިއަން ޑޮލަރެވެ. އަދި ނީމަލަށް ހުށަހަޅާ އަގުތައް ހުޅުވުން އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.