ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލަންކާ އިން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލައިފި

Mar 11, 2020
2

ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަހަށް ސްރީލަންކާގެ ރައްޔިތަކު ޕޮޒިޓިވްވުމާ ގުޅިގެން، އެގައުމުން އޮން ވިސާ ދޫކުރާ ސްކީމް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

އެ ވައިރަހަށް ޕޮޒިޓިވްވި 52 އަހަރުގެ މީހާއަކީ ޓޫއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. އަދި އެ މީހާއަށް ވައިރަސް ޖެހުނީ އިޓަލީ ޓޫރިސްޓުންތަކެއްގެ ފަރާތުންކަމަށްވެސް ބުނެފައިވެ އެވެ.

އެ މީހާއަށް ކޮލޮމްބޯގެ ދެކުނުގައި ހުންނަ އިންފެޝްޝަސް ޑިޒީސަސް ހޮސްޕިޓަލުގައި ކަރަންޓީނުކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.

މިއީ ކޮވިޑް-19 އަށް ލަންކާ ރައްޔިތަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

އެކަމާ ގުޅިގެން، ލަންކާގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ބުނީ އޮން އެރައިވަލް ވިސާ ސްކީމުގެ ދަށުން އެއްވެސް ބޭރު މީހަކަށް ވިސާ ދޫކުރުން މުއްދަތެއްނެތް ގޮތަށް މެދުކަނޑާލާފައިވާ ކަމަށެވެ.

ދިވެހިންގެ ބޮޑު އާބާދީއެއް އޮންނަ ލަންކާއިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ލިބެ އެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ލަންކާގެ ސަރުކާރުގެ އެ ނިންމުމުގެ ތަފްސީލުތައް ބަލަމުން އަންނަ ކަމަށެވެ.

ލަންކާ ސަރުކާރުން މިހާރު ދަނީ އެ އިޓަލީ ޓޫރިސްޓު ގުރޫޕުން ޒިޔާރަތްކުރި ތަންތަނާއި، ބައްދަލުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާ އިން ބޭރުވެގެން އެ ވައިރަސް އެންމެ ބާރަށް މިހާރު ފެތުރެމުންދަނީ އިޓަލީގަ އެވެ. އެ ގައުމުގައި މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އޭގެ ތެރެއިން 631 ވަނީ މަރުވެފަ އެވެ. އެ ބަލި ފެތުރުން ހުއްޓުވުމަށް މުޅި އިޓަލީ މިހާރު ވަނީ ބަންދުކޮށްފަ އެވެ.

ކޮރޯނާވައިރަހަށް ލަންކާ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ވޫހާން އިން އެ ގައުމަށް ދިޔަ ޗައިނާގެ އަންހެނެކެވެ. އެ މީހާ އަށް ފަރުވާ ދިނުމަށް ފަހު ރަނގަޅުވެގެން ވަނީ ދޫކޮށްލައިފަ އެވެ.