ރިޕޯޓް

ވަރީގެ ކަސޯޓީ: މިދިޔަ އަހަރު ވެސް 1400 އަށް ވުރެ ގިނަ ވަރި!

ދިވެހިން ދިވެހިންނަށްވީތީ ފަހުރުވެރިވާ އެތައް އެތައް ކަމެއް އެބަހުއްޓެވެ. ޔަގީނަށް ވެސް މިއީ އޭގެ ތެރެއިން ކަމެއް ނޫނެވެ.

ނަމަވެސް ދިވެހިންނާ ބެހޭ ގޮތުން އެންމެން ދަންނަ ވާހަކަތަކުގެ ތެރެއިން ވާހަކައަކަށް މި ވާހަކައެއް ވާނެކަން ޔަގީނެވެ. އިނދެ ވަރިކުރުމުގެ ތައްޓަކީ ދިވެހިން އެކަމަކަށް ފަހުރުވެރިނުވިޔަސް ދިވެހިންނަށް ލިބި، ދިވެހިންނަށް މިލްކުވެފައިވާ ތައްޓެކެވެ. 

މި ތައްޓަކަށް ކުޅެގެން އަހަރެމެންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ރަން މެޑަލް ނުލިބިއެއް ނުދާނެކަން ހަމަ ޔަގީނެވެ.

އެހެންވީމަ މިހައި ހިސާބުން މިދިޔަ އަހަރުގެ ވަރީގެ ތަފާސްހިސާބުތަކަށް ބަލައިލަމާ ހިނގާށެވެ.

ފާހަގަކޮށްލަން ޖެހެނީ މިދިޔަ އަހަރަކީ އެހެން ހުރިހައި އަހަރުތަކަށް ވުރެ އާދަޔާހިލާފު ނަތީޖާއެއް އިނދެ ވަރިކުރުމުގެ ސިލްސިލާ އިން ދިވެހިން ނެރުނު އަހަރެއްކަމެވެ. ފެމިލީ ކޯޓުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޯޓަށް މިދިޔަ އަހަރު ވެއްދި ވަރީގެ އެކި މައްސަލަތަކުގެ ތެރެއިން ވަރީގެ ތައްގަނޑު ޖަހައި ރޫޅާލި ކައިވެނީގެ އަދަދު 1426 އަށް އަރަ އެވެ.

މިއީ ފާއިތުވި 10 ވަރަކަށް އަހަރަށް ބަލާއިރު ފެމިލީ ކޯޓްގައި އަހަރަކަށް ރަޖިސްޓްރީކުރެވިފައިވާ ވަރީގެ ރިކޯޑް އަދަދެކެވެ.

ދިވެހި ރާއްޖޭގައި ވަރީގެ މައްސަލަ ބޮޑުވެގެން ބޮލަށްތުރާލަކަށް ވެގެން އެ އޮތީ ޒަވާޖީ ހަޔާތުގެ ތަމްރީން ޕްރޮގްރާމެއް ވެސް ތައާރަފްކޮށް އަލަށް ކައިވެނިކުރާ ބައިވެރިން މި ޓެސްޓެއް ނުވަތަ ވޯކްޝޮޕެއް ފުރިހަމަނުކޮށް ކައިވެނި ވެސް ނުކުރެވޭ ވަރަށް މިކަން ހަރުކަށިކޮށްފަ އެވެ.

ނަމަވެސް އާއިލާތައް ރޫޅިގެން ދަނީ ރާއްޖޭގައި މިފަހަކުން ރައީސުން ބަދަލުވާހާ އަވަހަށާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެ ބޭފުޅުންގެ ޕާޓީ ބަދަލުކުރައްވާހާ އަވަސް އަވަހަށެވެ. ޒަވާޖީހަޔާތަށް ތައްޔާރުވުމަށް ތައާރަފްކުރި ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގަން ފެށިފަހުން ވަރީގެ މައްސަލަތައް ނުވަތަ އާއިލާތައް ރޫޅުމުގެ މައްސަލަ މި ރާއްޖޭގައި އޮތީ ބޮއްސުންލައިގެން ގޮސްފަ އެވެ.

ހަގީގަތަކީ މިއީ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން މި ޕްރޮގްރާމެއް ތައާރަފްނުކުރަނީސް ވަރީގެ މައްސަލަ މިތަނުގައި މިހާ ބޮޑެއް ނޫނެވެ. ފަހަރެއްގައި ވަރިއަކީ ޒަމާނީ ތަރައްގީ އެކެވެ.

ކޮންމެއަކަސް 2007 ވަނަ އަހަރުގެ ކުރިން ވަރީގެ ނިސްބަތް ރާއްޖޭގައި މަދުކަން ފާހަގަކޮށްލަން ޖެހެ އެވެ. މިސާލަކަށް ކައިވެނީގެ މި ތަމްރީނު ޕްރޮގްރާމެއް ތައާރަފްކުރުމުގެ ތިން އަހަރު ކުރީގެ ތަފާސްހިސާބުތައް ބަލައިލާއިރު އަހަރެއްގެ ތެރޭގައި ރަޖިސްޓްރީކޮށް ނިންމާފައި ވަނީ ވަރީގެ 530 މައްސަލަ އެވެ. ނަމަވެސް މި ޕްރޮގްރާމެއް ތައާރަފްކުރި ފަހަކުން މި އަދަދު ހާހަކުން ތިރިއެއް ނުވެ އެވެ.

އަނެއްކާ މައްސަލަ އުޅެނީ މި ޕްރޮގްރާމެއްގައި ތޯ އެވެ؟ ނުވަތަ ދިވެހިން ހަމަ އިނދެ ވަރިކުރާ ހިތްވަނީ ހެއްޔެވެ؟

ފެމިލީ ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2007 ވަނަ އަހަރު 1134 ވަރީގެ މައްސަލަ ނިންމައި ފައިލްކޮށްފައިވެ އެވެ. ޖެހިގެން އައި 2008 ވަނަ އަހަރުގެ ރިކޯޑަކީ 1215 ވަރި އެވެ. މި އަދަދު 2012 ވަނަ އިތުރުވެގެން ގޮސް އެރީ 1254 ވަރިއަށެވެ.

އެއަށް ފަހު 2013 ފާހަގަކޮށްލެވެނީ ވަރީގެ ރިކޯޑް މިންވަރަކަށް މައްސަލަ ކޯޓަށް ވެއްދި އަހަރެއްގެ ގޮތުގަ އެވެ. ޖުމްލަ 1868 މައްސަލަ ހުށަހެޅުނުއިރު 1411 ކައިވެނި އެ އަހަރު ރޫޅިގެން ދިޔަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް 121 ކައިވެނި ރޫޅިގެންދިޔަ އިރު އަހަރު ނިމިގެން ދިޔައީ 1426 ކައިވެނި ރޫޅިގެންނެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ލިބިފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 758 ކައިވެނި ވަނީ ރޫޅިފަ އެވެ.

މިއީ ހަމަ ރަނގަޅަށް ވެސް މީހަކު މޮޔަކޮށް އެމީހަކާއި އެމީހެއްގެ ހަމަ ބުއްދި ވެސް ވަރިވެގެން ހިނގައިދާނެ ފަދަ ތަފާސްހިސާބުތަކެކެވެ.

އެވްރެޖުކޮށް ފެމިލީ ކޯޓުގައި ދުވާލެއްގެ މައްޗަށް 21 ކައިވެނި ރަޖިސްޓްރީކުރެވެ އެވެ. ދުވަސް ނިމިގެންދާއިރު 10 ކައިވެނި ރޫޅެ އެވެ.

އެހެންވީމަ ވަރިކުރުމުގެ ބާރު މާތް ރަސްކަލާގެ ހަމަހަމަ އުސޫލެއްގެ ދަށުން ފިރިހެނުން ފަދައިން އަންހެނުންނަށް ވެސް އެ ބާރެއް ދެއްވި ނަމަ އަދި ކިހާވަރެއްވާނެ ހެއްޔެވެ؟ ވަރިގެ ތަޅުދަނޑި ފިރިމީހާ ފޮރުވައިގެން އުޅޭއިރު ވެސް ވަރިއާ އެންމެ ރައްޓެހި ބައެއްގެ ގޮތުގައި ތަފާސްހިސާބުތަކުން މި ދައްކަނީ އަންހެނުންނެވެ.

ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅާ އަންހެނުންގެ އަދަދު ފިރިހެނުންނަށް ވުރެ މަތި ކަމަށް އާއިލާއާ ބެހޭ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާއިރު މިދިޔަ އަހަރު ވެސް ވަރިވުމަށް އެދި އަންހެނުން ކޯޓަށް ވެއްދި މައްސަލަތަކުގެ އަދަދު 651 އަށް އަރަ އެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ވެސް 336 އަންހެނަކު ވަނީ އެމީހުންގެ ފިރިންގެ ގާތުން ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

ވަރިވުމަށް އެދި މިދިޔަ އަހަރު ކޯޓަށް މައްސަލަ ހުށަހެޅި ފިރިހެނުންގެ އަދަދަކީ 327 އެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 170 މީހަކު މައްސަލަ ހުށަހަޅާފައިވެ އެވެ.

މި މުއްދަތުގައި 1347 ކައިވެނި އާއިލާއާ ބެހޭ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާއިރު މިދިޔަ އަހަރު 2380 ކައިވެނި ރަޖިސްޓްރީކޮށްދިންކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

އަންހެނުން ވަރިވުމަށް އެދޭ ސަބަބުތަކުގެ ލިސްޓެއް ތަރުތީބުކޮށްލާފައިވާއިރު އެއް ވަނާގައި އޮތީ "އާއިލާ ބެލޭނޭ ވަރަށް ފިރިމީހާ އަށް އާމްދަނީ ނުލިބޭ" މައްސަލަ އެވެ.

މި މައްސަލައަކުން ފެށިގެން ގޮސް މި ލިސްޓެއްގައި ނެތް މައްސަލައެއް ވެސް ނެތެވެ. ކޫސަނި މައްސަލަތަކުން ފެށިގެން ގޮސް ބޮޑެތި ޖަރީމާތަކުގެ މައްސަލަ ވެސް މި ލިސްޓުން ފާހަގަކޮށްލެވެ އެވެ.

ބައެއް ސަބަބުތައް ތިރީގައި ލިޔެލާނަމެވެ.

- ހިލޭ އަންހެނުން ކައިރިއަށް ފިރިމީހާ ދިއުން

- ޖިންސީގޮތުން ފިރިމީހާ ބަލިކަށިވުން

- ދަރިން ހޯދަން ބޭނުން ނުވެގެން

- ދަރިން ނުލިބިގެން

- ބިދޭސީންނާ ކައިވެނިކޮށް ބިދޭސީ މީހާ ފިލައިގެން ދިއުމުން

ފިރިހެނުން އެމީހުންގެ އަނބިން ވަރިކުރުމަށް އެދި ކޯޓަށް ހުށަހަޅާ ސަބަބުތަކުގެ ތެރެއިން ވެސް ބޭވަފާތެރިކަމުގެ މައްސަލަ އާއި ޖިންސީ ބަލިކަށިކަމުގެ މައްސަލަ ލޯތްބާއި ރުހުމާއި އޯގާތެރިކަމުގެ މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްލެވެ އެވެ.

މިސާލަކަށް:

- ކުރިން އިނދެގެން އުޅުނު ފިރިހެން މީހަކާ އަނބިމީހާ ގުޅުން ބާއްވަން ފެށުން

- މައްސަލަ ޖެހި އަނބިމީހާ ގެއިން ނުކުމެގެން ދިއުން

- ވަރިކޮށް ދިނުމަށް އެދި އަނބިމީހާގެ އަމިއްލަ ނަފުސަށް އޭނާ އަނިޔާކުރަން ފެށުން

- އަނބިމީހާ އަކީ ގިނަގިނައިން އިސްރާފުކުރާ މީހަކަށްވުން

- ހިލޭ ފިރިހެނުން ހޯދުން

ފިރިހެނުން ވަރިވުމަށް އެދި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިފަދަ މައްސަލަތަކެއް ފާހަގަކުރެވޭއިރު ދީނީ ކަންކަމަށް އަނބިމީހާ ފަރުވާކުޑަކޮށްގެން އޭނާ ވަރިކުރަން ހުށަހަޅާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. ނަމަވެސް ދީނީ ކަންކަމަށް ފިރިމީހާ ފަރުވާކުޑަކޮށްގެން ނުވަތަ ދީންވެރިނުވެގެން އެމީހެއްގެ ކިބައިން ސަލާމަތްވުމަށް އަންހެނުން މައްސަލަ ހުށަހަޅާ ކަމަކަށް މި ތަފާސްހިސާބުތަކަކުން ނުދައްކަ އެވެ.

ފިރިހެނުން އެމީހުންގެ އަނބިން ވަރިކުރަން ހުށަހަޅާ އެހެން މައްސަލައެއް ވެސް ފާހަގަކޮށްލާނަމެވެ. އެއް އަންބަށް ވުރެ ގިނަ އަނބިން ގެންގުޅުމުގެ ސަބަބުން އުފެދޭ މައްސަލަތައް ހައްލުނުވުން މިއެވެ.

މީގެ އިތުރުން ނިކަން ލޯބިން އުޅެ ކައިވެނިކުރާ ދެ މީހަކު އެންމެފަހުން ބޮޑު ދެ ދުޝްމަނުންނަށް ބަދަލުވުމުގެ ސަބަބުން ވެސް ކޯޓުތަކުން އެމީހުން ވަރިކޮށްދީފައި އެބަހުއްޓެވެ. މިސާލަކަށް އަނބިމީހާ އަށް ލިބޭ ވަޒީފާގެ ކުރިއެރުމަކަށް ފިރިމީހާ ހަސަދަވެރިވެގެން ނުވަތަ ތައުލީމީ ގޮތުން އެކަކަށް ލިބޭ ކުރިއެރުމަކަށް އެކަކު ހަސަދަވެރިވެގެން ވެސް ރާއްޖޭގައި ކައިވެނިތައް ރޫޅިފައި އެބަހުއްޓެވެ.