ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19 ދުނިޔޭއަށް ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅައިފި

Mar 11, 2020

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް، ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ކަނޑައަޅައިފި އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ އެ ބަލި ފެތުރެމުންދާ ހަލުވި މިނާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ވައިރަސް ފެތުރުމާ ގުޅިގެން ރައްކާތެރިވުމަށް އަޅަންޖެހޭ މިންވަރަށް ފިޔަވަޅު ނޭޅުމަކީ ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ކޮވިޑް-19 ކަނޑައަޅަންޖެހުނު ސަބަބުކަމުގައި އެ ޖަމިއްޔާ އިން ބުންޏެވެ.

ނަމަވެސް، އެ ބަލި ފެތުރުން ހުއްޓުވުމާއި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ގައުމުތަކަށް ދީފައިވާ ލަފަޔާއި އިރުޝާދަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ޑަބްލިޔުއެޗްއޯ އިން އިތުރަށް ބުނެފައިވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާ އިން ފެތުރެންފެށި، އާ ކޮރޯނާ ވައިރަސް މިހާރު ވަނީ 100 އަށް ވުރެ ގިނަ ގައުމަށް ފެތުރިފަ އެވެ. އެގޮތުން، މުޅި ދުނިޔޭގައި އެ ބަލި 118،000 މީހުނަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 4،200 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

ޗައިނާގައި މިހާރު އެ ބަލި ފެތުރުން ވަރަށް ބޮޑުތަނުން ހުއްޓުވިފައިވީ ނަމަވެސް، ހާއްސަކޮށް ޔޫރަޕުގެ ގިނަ ގައުމުތަކަށް އެ ވައިރަސް މިހާރު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. އެގޮތުން، ޗައިނާ އިން ބޭރުން އެ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީ އަށެވެ. އެ ގައުމުން 10،000 އަށް ވުރެ ގިނަ މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، މުޅި ގައުމު މީހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ.

މެދު އިރުމަތީގައި ވެސް އެ ބަލި ފެތުރޭ މިންވަރު މިހާރު ވަނީ އިތުރުވާން ފަށައިފަ އެވެ. އެގޮތުން، ގަތަރުގައި އެއް ދުވަހުގެ ތެރޭގައި 238 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ.