ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފި

ކޮވިޑް19 ބައްޔަކީ "ޕެންޑެމިކް" އެއް ކަމަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަތުގެ ހާލަތު ސަރުކާރުން އިއުލާން ކޮށްފި އެވެ. މިއީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރި ފުރަތަމަ ފަހަރެވެ.

ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. ސިއްހީ ކުއްލި ހާލަތު އިއުލާން ކޮށްފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.

އެކަން އިއުލާން ކުރެއްވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެއަށް މިހާރު އޮތް ރިސްކަށް ބެލުމަށްފަހު ކަމަށެވެ.

ކުއްލި ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތަައް

  • ބައްޔަކުން ރައްކާތެރިވުމަށްޓަކައި، ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން.
  • ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުންހުރި ތަކެއްޗާއި ވަސީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސުން.
  • ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމަށް އަމުރުނެރުން.
  • ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެނޫޅުމަށް އެންގުން.
  • ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުން ދިޔުން.
  • އެއްގަމުމަގުންނާއި ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން.

މިނިސްޓަރު އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ އިތުރު ބަޔަކު ވައިރަހަށް ޕޮޒިޓިވްވެގެނެއް ނޫން ކަމަށާއި އެ ނިންމުން ނިންމާފައިވަނީ ރައްޔިތުންގެ އާއްމު ސިއްހަތަށް ކުރިމަތިވެފައިވާ ނުރައްކަލަކަށް ބިނާކޮށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނު ގޮތުގައި، ރާއްޖޭގެ ވަށައިގެން ހުރި ގައުމުތަކުން މި ވައިރަހުގެ ނުރައްކާ ބޮޑުވުމުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަކީ މުހިންމު ކަމެއް،" އަމީން ވިދާޅުވި އެވެ. "މި ހާލަތުގެ ދަށުން މީހުން ކަރަންޓީނު ކުރުމާއި، އެކަހެރި ކުރުމުގެ ބާރު ޕަބްލިކް ހެލްތު ޑިރެކްޓަރަށް ލިބިގެންވޭ، ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައެޅީ މި ބަލި އިތުރަށް ފެތުރިގިގެން ދިޔުން ހުއްޓުވުމަށްޓަކައި،"

މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން ދަނީ ހުރިހާ އިދާރާތަކެއް ގުޅިގެން، ބޭރުގެ ލަފަޔާ އެއްގޮތަށް ރައްޔިތުންގެ ރާއްކާތެރިކަމާއި ސަލާމަތަށް ފިޔަވަޅުތައް އަޅަމުން ކަމަށެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް19 ބަލީގެ ނުރައްކާތެރިކަމަށް ބަދަލެއް ނާންނަ ކަމަށާއި ނުރައްކާ އޮތީ ބަލި ފެތުރޭ މިންވަރުގެ މައްޗަށް ކަމަށެވެ. ބަލި އިތުރަށް ފެތުރިގެން ގޮސްފިނަމަ ވަރަށް ގިނަ ކަންތައްތަކެއް ގައުމުތަކަށް ކުރިމަތިވާނެ ކަމަށާއި ވައިރަހާ ކުރިމަތިލާން ވަރަށް ގިނަ ގޮންޖެހުންތައް ވެސް މެދުވެރިވާނެ ކަމަށެވެ.

"މި ބަލި ކޮންޓެއިން ކުރުމަށް ކުރާ އުއްމީދު ކަނޑައެއް ނުލަން، އެ ވައިރަހަށް ޕޮޒިޓިވްވިޔަސް އަޅުގަނޑުމެން މި ބަލަނީ އެ މީހަކާ ކޮންޓެކްޓްވި ހުރިހާ ފަރާތްތަކެއް ހޯދައި، އެ ވައިރަސް އިތުރު ބަޔަކަށް ފެތުރިގެން ނުދާނެ ގޮތަކަށް، އެކަމަކު އެހެން ގައުމުތަކުގައި ވެސް އެ ބަލި ފެތުރޭ މިންވަރަށް ބަލާއިރު، އަޅުގަނޑުމެންވެސް އެބަޖެހޭ އެފަދަ ހާލަތަކަށް ދުރާލައި ތައްޔާރުވާން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްޔަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ.

އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އިއްޔެ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ. މި ތިން ރިސޯޓް ވެސް މިހާރު އޮތީ މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންއަކަށް ގެނެސްފަ އެވެ.