ވިޔަފާރި

ކޮވިޑް-19: ބީއެމްއެލް އިން ޓޫރިޒަމަށް ދެ މިލިއަން ޑޮލަރުގެ ފެސިލިޓީއެއް

ކޮވިޑް-19 އިގެ ބަލާއާފާތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ލިބެމުންދާ ގެއްލުމުން އަރައި ގަންނަން އެހީވާން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިން ދެ މިލިއަން ޑޮލަރާ ހަމައަށް (ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ) ނެގޭ ލޯނު ފެސިލިޓީއެއް ތައާރަފު ކޮށްފި އެވެ.

ގައުމީ ބޭންކް ބީއެމްއެލް އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ) އާއި ގުޅިގެން ތައާރަފު ކުރި މި ލޯން ފެސިލިޓީއަކީ މިހާރު ޓޫރިޒަމް ސެކްޓާއަށް ކުރިމަތިވެފައިވާ ގޮންޖެހުން ތަކުން އަރައި ގަތުމަށްޓަކައި ވޯކިން ކެޕިޓަލްގެ ގޮތުގައި ބޭނުން ކުރަން ދޫކުރާ އެއްޗެކެޗެ،

ބީއެމްއެލްގެ "ޝޯޓް ޓާމް ފައިނޭންސިން" އަކީ ރިސޯޓްތަކާއި ގެސްޓްތަކަށް ދޫކުރާ ފެސިލީޓ އެކެވެ. މި ފެސިލީޓީ ދައްކަން ތިން އަހަރު ދުވަސް ލިބޭނެ އެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ލިބޭނެ ގެއްލުން މުޅިން ވަޒަން ކޮށް ލެވޭނީ، މިކަން ދިގު ދެމިގެންދާ މުއްދަތުގެ މައްޗަށް ކަމަށާ މިހާރު ވެސް ގެއްލުން ވެފައިވާ ކަމަށެވެ.

"ޤައުމީ ބޭންކުގެ ހައިސިއްޔަތުން މި ފަދަ ދަނޑިވަޅެއްގައި މި ވިޔަފާރި ތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންގެ ޕާޓްނަރުންނާއެކު މިއަދު މި ތައާރަފްކުރެވޭ ޝޯޓް ޓާމް ފައިނޭންސިންއަކީ މި ދަނޑިވަޅުގައި ދިވާމެފައިވާ ދަތި ތަކަށް ހައްލެއް ހޯދުމަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް އެކަށޭނެ ފައިނޭންސިން އެއް،" ސޯޔާ ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން) ނަޒީރު އަވަސް އަށް ވިދާޅުވީ މި ލޯނު ފެސިލިޓީގެ ސަބަބުން މިހާރު ޓޫރިޒަމް ސެކްޓާ އަށް ލުއިކަމެއް ލިބިގެން ދާނެ ކަމަށެވެ. އަދި މިއީ އަށް ޕަސެންޓުގެ އިންޓްރެސްޓުގެ ލޯނަކަށް ވުމުން މިއީ ލިބިގެންދާ ބޮޑު ލުޔެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓޫރިޒަމް ސެކްޓާއަށް ލިބޭ ގެއްލުމުގެ އަދަދެއް މިހާރު ދަންނަންވަން ދަތި. މި އެހީ ވެގެންދާނީ ޓޫރިޒަމް ދާއިރާއަށް ލިބިގެންދާނެ ބޮޑު އެހީއަކަށް،" ނަޒީރު ވިދާޅުވި އެވެ.

ބީއެމްއެލް ޝޯޓް ޓާމް ފައިނޭންސިން ކުރުކޮށް

  • ނެގެނީ ދެ މިލިއަން ޑޮލަރާ ހަމައަށް
  • ގެސްޓްހައުސްތަކާއި ރިސޯޓު ތަކަށް
  • ލޯނު ދައްކަން ތިން އަހަރު ލިބޭނެ
  • ލޯނަށް ރަހުނު ކުރަން ޖެހޭނެ
  • ލޯނު ދެނީ އަށް ޕަސެންޓުގެ އިންޓްރެސްޓުގައި

ބީއެމްއެލް އިން ވަނީ މިދިޔަ ހަފްތާ ކުރީކޮޅު ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް އެހީތެރިކަން ފޯރުކޮށްދޭން ރަހުނަކާނުލައި ދޫކުރާ ވާކިން ކެޕިޓަލް ފައިނޭންސިންގެ ހިދުމަތް ވެސް ތައާރަފު ކޮށްފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސެކްޓާއަށް ދަނީ ބޮޑެތި ގެއްލުން ތަކެއް ވަމުންނެވެ. މިގޮތުން ޓޫރިޒަމް ގިނަ ފެސިލިޓީތަކުގެ އޮކިއުޕެންސީ ވަނީ ބޮޑު ތަނުން ވެއްޓިފަ އެވެ.