ހަބަރު

ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފި

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ނިންމައިފި އެވެ.

ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކުރީ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަށެވެ. އިންތިހާބު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން މިއަދު ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައި އިންތިހާބުގައި ވޯޓުލުން ފަސްކުރަން ނިންމީ ކަމަށެވެ.

އިންތިހާބު ފަސްކޮށްފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހަށެވެ. ޝަރީފް ވިދާޅުވި ގޮތުގައި އެ ތާރިހަކީ ގާނޫނީ ގޮތުން ލޯކަލް ކައުންސިލް އިންތިހާބު ކޮމިޝަނަށް ފަސް ކުރެވޭނެ އެންމެ ފަހުގެ ތާރީހެވެ. އެއަށްވުރެ ފަސްކުރާނަމަ، ކޯޓު އަމުރެއް ބޭނުންވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އަންނަ މަހުގެ 18 އަށް ރާއްޖޭގެ ހާލަތު ރަނގަޅުނުވާނަމަ، އިންތިހާބު ފަސްކުރުމަށް ކޯޓަށް ކޮމިޝަނުން ދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ފަސްކޮށްފައިވަނީ ވޯޓުލުން އެކަންޏެވެ. އިންތިހާބުގައި މިހާރު ކުރިއަށް ގޮސްފައިވާ އެއްވެސް މަރުހަލާއެއް ބަދަލުވެގެން ނުދާނެ އެވެ. މިހާރު ވެސް ވަނީ ގިނަ ތައްޔާރީތަކެއްވެފަ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ތައްޔާރީތައް މަޑުޖައްސާލާފައިވާ ކަމަށެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19އަށް ރާއްޖެއިން އަށް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ.

އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އިއްޔެ ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ. މި ތިން ރިސޯޓް ވެސް މިހާރު އޮތީ މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންއަކަށް ގެނެސްފަ އެވެ.

އިންތިހާބު ފަސްކޮށްފައިވާއިރު މީގެކުރިން އެ ކޮމިޝަނުން ވަނީ އިންތިހާބު ފަސް ކުރާނެ ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ބުނެފަ އެވެ. އެކަމާ ގުޅިގެން ކޮމިޝަނަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. އާންމުންނާއި ބައެއް ސިއްހީ މާހިރުން ގެންދިޔައީ އިންތިހާބު ފަސްކުރުމަށް ވަރަށް ބޮޑަށް ގޮވާލަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެންބަރުން ވެސް ވަނީ އިންތިހާބު ފަސްކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގިނައިން މީހުން އެއް ތަނަކަށް އެއްވެ އުޅުން މަދު ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.