ވިޔަފާރި

އެސްޓީއޯއިން ތެލުގެ އަގު ހެޔޮކޮށްފި

Mar 13, 2020

އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ހެޔޮ ކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ހެޔޮވެފައި ވަނިކޮށް، އެސްޓީއޯއިން ތެލުގެ އަގަށް ގެނައި މި ބަދަލާއެކު ޑީސަލް ލިޓަރަކުން 0.50ލ. އަދި ޕެޓްރޯލް ލީޓަރަކުން 0.53ލ. ވަނީ ހެޔޮކޮށްފަ އެވެ.

ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލު ގެނައުމާއެކު ކުރިން 10.89ރ. އަށް ވިއްކަމުން ދިޔަ ޑީސަލް ލިޓަރެއް މިހާރު ވިއްކާނީ 10.39ރ. އަށެވެ. އަދި ކުރިން 10.13ރ. އަށް ވިއްކި ޕެޓްރޯލް ލިޓަރެއް ދެން ވިއްކާނީ 9.60ރ. އަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައި ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެ ފަހަރު ބަދަލު ގެނެސްފައި ވަނީ ޑީސަލްގެ އަގަށެވެ. އެ ބަދަލާއެކު ޑީސަލް ލިޓަރަކުން 30 ލާރި އަގު ހެޔޮކޮށް، ޑީސަލް ލީޓަރެއް ވިއްކަމުން ގޮސްފައިވަނީ 10.89ރ. އަށެވެ.

ކޮވިޑް-19 ގެ ބިރާއެކު ދުނިޔޭގެ ގިނަ އެއާލައިންތަކެއް ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ. އަދި ކޮވިޑް ފެތުރެމުންދާތީ އިގްތިސޯދީ މަސައްކަތްތައް ހުއްޓާލުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ބޮޑުތަން ދަށަށް ގޮސްފަ އެވެ. މިހާރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު އުޅެނީ 30 ޑޮލަރުގަ އެވެ.