ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ވިޔަފާރިތަކަށް އެހީ ނުވެއްޖެނަމަ، ރަށްތައް ފަގީރުވާނެ!

ރާއްޖޭގެ ރަށްތަކަކީ މީގެ 15 ވަރަކަށް އަހަރު ކުރިން އިގްތިސޯދީ ގިނަ ހަރަކާތްތަކެއް ނެތް ތަން ތަނެވެ. ނަމަވެސް ގެސްޓްހައުސް ވިޔަފާރި ފުޅާ ވެގެން ދިއުމާއެކު ވަރަށް ގިނަ ރަށްރަށަށް ތިޔާގިކަން އައެވެ. އާއިލާތައް ގުޅިގެން ފެށި ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކުން އެތައް އާއިލާއެއްގެ ފުދުންތެރިކަން އިތުރުވި އެވެ. އެހެންވެ، އެ ވިޔަފާރި ފުޅާ ކުރަން ލޯނު ނަގައިގެން ގެސްޓްހައުސް ތަރައްގީ ކުރި އެތައް ބަޔަކު އެބަތިއްބެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި ރާއްޖޭގެ ރަށު ޓޫރިޒަމް ވިޔަފާރިތަކަށް ބަލާއިރު ގިނަ ބަޔަކު މި ވިޔަފާރި ފުޅާ ކޮށްފައި ވަނީ ކޮންމެވެސް ލޯނަކުންނެވެ. ބައެއް މީހުން ނެގީ ލުއި ލޯނެވެ. އަނެއް ބަޔަކު ނެގީ ކޮންމެވެސް ފައިނޭންޝަލް ފެސިލީޓ އެވެ. އަދި ދިރި އުޅޭ ގެ މޯގޭޖު ކޮށްފައި މިލިއަނުން ލޯނު ނެގި އެތައް ބަޔަކު ވެސް އެބަތިއްބެވެ.

ލޯނުގެ އެހީގައި ވިޔަފާރިތައް ފުޅާކޮށް، ހިނގައިގަތްތަނާ އެތައް ބަޔަކަށް މިވަނީ ނުތަނަވަސްކަން ލިބިފަ އެވެ. ކޮރޯނާ ވައިރަސް ދުނިޔޭގައި ފެތުރެން ފެށުމާއެކު ދުނިޔޭގެ ޓޫރިޒަމްގެ މައްޗަށް ނެގި ބޮޑު ބިޔަ ރާޅު ރާއްޖެއާ ހަމައަށް ވެސް ފޯރައިފި އެވެ. އޭގެ ނަތީޖާއަކަށްވީ މި ވިޔަފާރިއަށް ބަރޯސާ ވެގެން ތިބި އެތައް ބައެއްގެ ވިޔަފާރި އާއި ދިރިއުޅުން ގޮސް ހަތަރު އަނގޮޅިއެއްގައި ހުއްޓިފައި ވުމެވެ.

"އަޅުގަނޑުމެން މިއީ ރާއްޖޭގެ އެންމެ ބޮޑު އެއް ތަން. މި ތަނުގައި އެބަ އޮތް 54 މިލިއަން ރުފިޔާގެ ލޯނެއް. މިގޮތަށް އެތަށް ތަނެއް ހަދާފައި ހުރީ ލޯނުން. އެހެންވީމަ [ކޮވިޑް-19 އިގެ ސަބަބުން] ވަރަށް ބޮޑު ގެއްލުމެއް ވާނެ. މިހާރު ވެސް މިދިޔަ މަހު 90 ޕަސެންޓުގައި ހުރި އޮކިއުޕެންސީ ވަނީ 40 ޕަސެންޓަށް ވެއްޓިފައި،" ރާއްޖޭގައި އެންމެ ފުޅާކޮށް ގެސްޓްހައުސް ވިޔަފާރި ކުރާ ކ. މާފުށީ، ކާނި ކުންފުނީގެ ވެރިޔާ އަބްދުﷲ ނަސީރު ވިދާޅުވި އެވެ.

ކާނި އެއީ މަޝްހޫރު ބޮޑު ގެސްޓްހައުސް އެކެވެ. މީގެ އިތުރުން ވެސް ކުދި ކުދި އެތައް ގެސްޓްހައުސްތަކެއް އާއިލާ ތަކުން މިގޮތަށް ހަދާ ތަރައްގީކޮށްފައި އެބަހުއްޓެވެ. އަދި މި ވިޔަފާރި ފުޅާ ކުރުމަށްޓަކައި ރެސްޓޯރެންޓުތަކާއި ކެފޭތަކާއި މޫދު ކުޅިވަރުގެ ވަސީލަތްތައް ގާއިމް ކޮށްފައި ވެއެވެ. އެހެންވެ މިހާރުގެ ހާލަތުން މި ވިޔަފާރިތައް ވެސް ފުން ވަޅުގަނޑެއްގެ ފުނަށް ދިއުމުގެ ބޮޑު ފުރުސަތެއް އެބަ އޮތެވެ.

ކ. ގުރައިދޫ ގެސްޓްހައުސްއަކުން ވާހަކަ ދެއްކި އެތާނގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކޮރޯނާ ބަލާއާފާތާއެކު އެތަނަށް މިހާރު ދުވާލެއްގެ މައްޗަށް 19،000 ޑޮލަރުގެ ގެއްލުމެއް ވެއެވެ. އެއީ ފޫބައްދަން ދަތި ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ރަށު ޓޫރިޒަމްގެ ދައުރު މިވަނީ ވަރަށް ފުޅާވެފަ އެވެ. މިހާރު ރާއްޖޭގައި 700 އާ ގާތް ކުރާ އަދަދަކަށް ގެސްޓްހައުސްތައް އެބަހުއްޓެވެ، މަސްވެރި ކަމުގެ ބަދަލުގައި އެތަންތަން ބަދަލުވެފައި ވެފައިވަނީ ރަށްތަކުގެ އިގްތިސޯދީ ލޭނާރަށެވެ.

މީގެ ކުރިން މަސްވެރިކަމުން ރަށްރަށަށް ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް މިހާރު މަސްވެރިކަން ވެސް ގުޅިފައި އޮތީ ގެސްޓްހައުސް ވިޔަފާރިއާ އެވެ. ކުދި ޑިންގީތައް ހޯދައި ގެސްޓުން ގޮވައިގެން އެކްސްކާޝަނަށް ގޮސް ހިދުމަތްތައްދޭ އާއިލާތައް ބައިވަރެވެ. އަދި އެފަދަ އުޅަނދު ފަހަރުގައި ކެޔޮޅުކަމު ގޮސް މަސް ކޮޅު ގެސްޓްހައުސްތަކަށް ވިއްކާލުމުން ބޮޑު އާމްދަނީއެއް ލިބެ އެވެ. މިފަދަ ވިޔަފާރިތަކަކީ ވެސް ލޯނުން ފުޅާ ކޮށްފައިވާ ކަންކަމެވެ.

އަދ ގެސްޓްހައުސް ސަބަބުން ރާއްޖޭގެ ރަށްތަކާއި ވެރިރަށް މާލެ ދެމެދު ވަނީ ވަރުގަދަ ޓްރާންސްޕޯޓް ލިންކެއް ވެސް އެޅިފަ އެވެ. މާލެ އާއި ރަށްރަށާ ދެމެދު އޮންނަ ސްޕީޑް ލޯންޗު ދަތުރުތަކުގެ ވިޔަފާރި ވެސް ތަރައްގީކޮށްފައި ވަނީ ލޯނު ފަދަ ފައިނޭންޝަލް ފެސިލިޓީތަކުންނެވެ.

ނިމިދިޔަ ހައެއްކަ އަހަރު ދުވަހަށް ބަލާނަމަ އިމާރާތް ކުރުމުގެ ދާއިރާ ނަގާފައި އެންމެ ބޮޑަށް ފުޅާވި އެއް ދާއިރާއަކީ ޓްރާންސްޕޯޓް ސެކްޓާ އެވެ. އެ ދާއިރާވެސް ގުޅިފައި ވަނީ ރަށްރަށް ފުރާ އަދި އަންނަ ޓޫރިސްޓުންގެ ދަތުރު ކުރުމަށެވެ.

އެތައް ބައެއްގެ ވަޒީފާ ގެއްލުމުގެ ބިރު

ގެސްޓްހައުސް ތަކަށް އަންނަ ގެއްލުމުގެ ބުރަ ރަށުގެ ހުރިހާ ވިޔަފާރި ތަކަށް ކުރާނެ އެވެ. ސަބަބަކީ މި ވިޔަފާރިތަކާ ގުޅިގެން އެތަށް ވަޒީފާއެއް ރަށުގައި އުފެދިފައި ވުމެވެ. މި ވިޔަފާރިތަކުގައި ގިނަ ބަޔަކު ވަޒީފާގައި އުޅެ އެވެ. ގިނަ އަދަދެއްގެ ދިވެހި ޒުވާނުން މި ދާއިރާގައި މަސައްކަތް ކުރެ އެވެ. އެހެންވެ ކޮރޯނާއާއެކު މިހާރު އޮތް ގެއްލުމުން އަރައި ނުގަނެވިއްޖެނަމަ އެތައް ބައެއްގެ ވަޒީފާތައް ގެއްލިގެން ދާނެ އެވެ. މިއީ ރަށްރަަށަށް އިގްތިސޯދީ އަދި އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަކަށްވާނެ އެވެ.

ރާއްޖޭގައި ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި މިހާރު ވެސް ޓްރާންސްޕޯޓް ސެކްޓާއަށް އަސަރު ކޮށްފައިވެ އެވެ.

"އަޅުގަނޑުމެން މި ތިބެނީ ވާގޮތެއް ބަލަން. މިހާރުވެސް އަނެއްހެން ކުރާނެ ކަމެއް ނެތް... އެކަމަކު ދައްކަން ޖެހޭ ލޯނު އެބަ އޮތް. ސަރުކާރުން އެބަޖެހޭ މިކަމަށް ކޮންމެ ވެސް ލުޔެއް ހޯދައި ދޭން،" އޭނާ ވިދާޅުވި އެވެ.

އަންދާޒާތައް ދައްކަނީ ގޯސްކޮށް

ރާއްޖޭގެ އިގްތިސޯދު މި އަހަރު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރީ 7.5 ޕަސެންޓްގަ އެވެ. ނަމަވެސް މި ބަލާއާފާތާއެކު އަންނަ ލޮޅުންތަކުގެ ސަބަބުން އިގްތިސޯދީ ދުވެލި 0.5 ޕަސެންޓާއި މައިނަސް 5.6 ޕަސެންޓަށް ވެއްޓޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ. އަދި މި އަހަރަށް އާމްދަނީ ލިބޭނެ ކަަމަށް ކުރިން ލަފާކުރި ވަރަށް ވުރެ 2.1 ބިލިޔަން ރުފިޔާ އާއި 6.9 ބިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ދަށް ވާނެ ކަމަށް ވެސް މިހާރު ބެލެވެ އެވެ. އެހެންކަމުން މިއީ ސަރުކާރަށް ވެސް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެ އެވެ.

ސަރުކާރަށް ދެވޭނީ ކޮން އެހީއެއް؟

ބޮޑު ބަލާއާފާތެއްގެ ތެރޭގައި ދުނިޔެ އޮތް އިރު އަދި ރާއްޖެ ވެސް އޭގައި ޖެހިފައިވާއިރު މި ވިޔަފާރި ތަކަަށް ހަމަ ނޭވާއެއް ލާން ސަރުކާރަށް ދެވޭނީ ކޮން އެހީއެއް ހެއްޔެވެ؟

ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ތަފާތު އެހީތަކާއި ލުއިތައް ސަރުކާރުތަކުން ދެއެވެ. ބައެއް ގައުމުތަކުން ވަނީ ވިޔަފާރިތަކަށް ފައިސާގެ އެހީ ލިބޭނެ ހާއްސަ ޕެކޭޖުތައް ހަދާފަ އެވެ. އިޓަލީ އާއި ސިންގަޕޫރު ފަދަ ގައުމުތަކުން ވަނީ ވިޔަފާރިތަކުގައި ހުރި ލޯނުތައް ދައްކަން ލުއި ގޮތް ތަކެއް ހަމަޖައްސައިދީފަ އެވެ. އިޓަލީން ވަނީ ލޯނުތައް ފަސް ކޮށްދީފަ އެވެ. އަދި ލޯނުތައް ފަސްކޮށް ދިނުން ހިމެނޭ ގޮތަށް 28 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ވެސް ނެރެފައި ވެއެވެ.

ދުނިޔޭގެ އެހެން ގިނަ ގައުމު ތަކުން ވެސް ދަނީ މި މުއްދަތުގައި ލޯނަށް ދައްކަން ޖެހޭ އަދަދު ލޯނު ނިމޭ ތާރީހުގެ ފަހަށް ލަސް ކޮށްދެމުންނެވެ. އެ ފިޔަވަޅުތައް ވާނީ އެ ވިޔަފާރި ތަކަށް ލިބޭނެ ލުޔަކަށެވެ.

ޔޫއޭއީގެ ސަރުކާރުން ވަނީ ތިން މަސް ދުވަހުގެ އިކޮނޮމިކް ޕެކޭޖެއް ނެރެފަ އެވެ. ޔޫއޭއީގެ ވަލީއަހުދުގެ އިސް ނެންގެވުމާއެކު ނެރުނު 1.5 ބިލިއަން ދީނާރުގެ ޕެކޭޖުގެ ދަށުން އެ ގައުމުގެ ވިޔަފާރިތަކާއި އާއްމުންގެ ދިރިއުޅުމަށް ލުއިތަކެއް ލިބިގެންދާނެ އެވެ. މި ޕެކޭޖުގެ ދަށުން ފެން ބިލާއި ކަރަންޓު ބިލް ފަދަ އަސާސީ ހިދުމަތްތަކުގެ އަގު 15 ޕަސެންޓް ވަނީ ހެޔޮކޮށްފަ އެވެ. އެހެންވެ އިގްތިސޯދީ މާހިރުންގެ ނަޒަރުގައި މި ދުވަސްވަރު ރާއްޖޭގެ ވިޔަފާރި ތަކަށް ވެސް ލުއި ތަކެއް ދޭން ޖެހެ އެވެ

"ސަރުކާރުން އެބަޖެހޭ ވަރަށް އެކްޓިވްކޮށް މަސައްކަތް ކުރަން. ނޫނީ ވަރަށް ގެއްލުން ވާނެ. ބައިވަރު ލުއިތައް މިވަގުތު ދެވޭނެ ސަރުކާރަށް. ތަޖުރިބާކާރުން ވިދާޅުވަނީ މިއީ ހަތަރު މަހެއްހާ ދުވަހުގެ ކަމެއް ކަމަށް. އެހެންވީމަ މި މުއްދަތުގައި ލޯނުގެ ލުއިތަކެއް ދެވިދާނެ. މިކަމުން ބޭންކުތަކުގެ ޕްރޮފިޓް ދަށްވެދާނެ. އެކަމަކު ފިއުޗާއަށް ބަލާއިރު އެކަން ވެސް ރަނގަޅު ވާނެ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އިގްތިސޯދުގެ މުހިންމު އެއް ނާރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި އެވެ. މި ވިޔަފާރިތައް ފުނޑިގެން ދިއުމަކީ ގައުމު އެތައް ހިސާބެއްގެ ފަހަތަށް ސޮއްސައިލާނެ ކަމެކެވެ. އެހެންވެ ވިޔަފާރިތަކަށް ލުއިތަކެއް ދޭން ޖެހެ އެވެ. ނޫންނަމަ ރާއްޖޭގެ ގިނަ ރަށްތައް ފަގީރުވުމުގެ ބިރު އެބައޮތެވެ.