ވިޔަފާރި

ހުޅުލެ-މާލެ ބްރިޖާ ވައްތަރީ ކޮން ބްރިޖެއް؟

Sep 8, 2015
1

ބްރިޖްގެ ފަރުމާތައް ބަލާލުމަށް ބްރިޖްގެ ފޮޓޯ "ގޫގުލް އިން" ސާޗްކޮށްލީމެވެ. މިގޮތަށް ބަލައިލުމުން މި ބްރިޖާ ކުޑަކޮށް ތައްތަރު އެހެން ބްރިޖްތައް ފެނެ އެވެ. ރާއްޖެ- ޗައިނާގެ ރަހުމަތްތެރިކަމުގެ ރަމްޒެއްގެ ގޮތުގައި ފެންނާނެ "ޗައިނާ- މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ފަރުމާކުރީ "ދިވެހިން ބޭނުންވާ ގޮތަށް ޗައިނާ އިން" ނެވެ. އެހެންވެކަން ނޭނގެ އެވެ. ޗައިނާއިން ފަރުމާކޮށްފައިވާ ބައެއް ފާލަންތަކުގައި "މި ކުލަތައް" އެބަ ހުއްޓެވެ. އެފަދަ އެއް ބްރިޖަކީ ޗައިނާގެ ޝެން ހާހީ- ޑޮންގައި ބްރިޖެވެ.

ޗައިނާގެ ހަންގްޒޫ ބޭގައި 2008 ވަނަ އަހަރު ހުޅުވާފައިވާ "ޑޮންގައި" މި ބްރިޖްވެސް ރާއްޖޭގެ ބްރިޖާ ހަމައެކަނި ވައްތަރުވުވަނީ ބުޑުތަކެވެ. މި ބްރިޖް ހިފެހެއްޓުމަށް ޖަހާފައިވާ ބުޑުތައް ރާއްޖޭގެ ބްރިޖާ ތަފާތެވެ. އެގޮތުން ރާއްޖޭގެ ބްރިޖުގެ ފަރުމާގައި ދައްކާލި ތަނބުތަކުގައި ހުރި ބަނޑިބަނޑި ލެއްވުމެއް ޑޮންގައި ބްރިޖަކު ނެތެވެ. ނަމަވެސް ބްރިޖް މަތީގައި ޖަހާފައިވާ ލައިޓްތައް ފަރުމާކޮށްފައިވާ ރާއްޖެއާ ދާދި އެއްކަލަ ގޮތަކަށެވެ. މި ބްރިޖުގެ އިތުރުން، ރާއްޖޭގެ ބްރިޖާ އެއްގޮތް "ސިފަ ތަކެއް" ހުރި އެހެން ބްރިޖްތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އަޅާފައިވާ 4.8 ކިލޯ މީޓަރުގެ ބްރިޖަކާއި މެލޭޝިޔާގެ މެންގްކަބޮން ބްރިޖްގެ އިތުރުން، އެމެރިކާގައި 28ވަނަ ރައީސްގެ ހަނދާނުގައި ބިނާކޮށްފައިވާ "ވޫޑްރޫ ވިލްސަން" ބްރިޖް ހިމެނެ އެވެ.

ދިގު މިނުގައި 20.3 މީޓަރު ހުންނަ ހުޅުލެ-މާލެ ބްރިޖްގެ ވަންނަ ދޮރޯށިން ސިފަވަނީ "މިސްކިތެއްގެ ދޮރޯއްޓެވެ" މިފަދަ އެހެން ގޭޓެއް ހުރި ބްރިޖެއް ދުނިޔެއަކު ހުންނާނެ ހެނެއް ހިޔެއް ނުވެ އެވެ. މި އަހަރު އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ މި ބްރިޖްގެ މަސައްކަތް ނިންމުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރެވެ.

ކޮންމެއަކަސް، ދިވެހިންގެ ހުވަފެނެއްގެ ގޮތުގައި ދެކެމުން ގެންދާ ބްރިޖްގެ ކުރެހުން މި އޮތީ ފެނިފަ އެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި ދެން ފެށިގެން ދާނީ އަމަލީ މަސައްކަތެވެ.