އޮފްބީޓް

ސެނިޓައިޒާ ޑިސްޕެންސާއަކަށް މީހުން ބޭނުންކުރާތީ ފާޑުކިއުން

ކޮވިޑް-19 ގެ ނަން ދީފައިވާ ކޮރޯނާވައިރަހުގެ ބަލާއާފާތް ދުނިޔޭގައި ބާރު ސްޕީޑްގައި ފެތުރެމުންދާއިރު އެކި ގައުމުތަކުން ރައްކާތެރިކަމުގެ އެކި ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. އެކި ގައުމުތަކުގައި ހުންނަ ތަފާތު އޮފީސް ތަކުގައި ވެސް އެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ތަފާތު ކަންކަން ދަނީ ކުރަމުންނެވެ.

އެގޮތުން ވީހާވެސް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް އެކި ތަންތަނުގައި ސެނިޓައިޒާ ބެހެއްޓުން ވެސް މިހާރު ވަނީ އާއްމު ވެފަ އެވެ. ސާފު ތާހިރު ކަމަށް ސަމާލުކަން ދިނުމަށް ސައޫދީ އަރަބިޔާގެ ތެޔޮ ކުންފުންޏަކުން އެޅި ފިޔަވަޅަކުން ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އެ ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ.

ބައެއް ނޫސް ރިޕޯޓްތައް ބުނާ ގޮތުން ސައޫދީ އަރަމްކޯ ކުންފުނިން ވަނީ އެ ކުންފުނީގައި މަސައްކަތްކުރާ ބޭރު ގައުމެއްގެ މީހެއްގެ ގައިގައި ހޭންޑް ސެނިޓައިޒާ ފުޅިއެއް ހަރުކޮށް "ހިއުމަން ހޭންޑް ސެނިޓައިޒާ" އެއްގެ ގޮތުގައި އެމީހާ ބޭނުން ކޮށްފަ އެވެ.

މި މީހާގެ ގައިގައި ސެނިޓަރިޒާ ފުޅި ހަރުކޮށްފައި ހުއްޓާ ނަގާފައިވާ ފޮޓޯތައް މިހާރު ސޯޝަލް މީޑީއާގައި ވައިރަލް ވެފައިވާއިރު އެ ފޮޓޯތަކުން ފެންނަނީ މާސްކެއް އަޅައިގެން ހުރި މި މީހާގެ ގައިގައި ހޭންޑް ސެނިޓައިޒާ ފޮއްޓެއް ހަރުކޮށްފައިވާ ތަނެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން މަސައްކަތުގައި އަވަދިނެތި އުޅޭއިރު އެ މީހުން ކައިރީގައި އެމީހާ ގޮސް އަތް ސާފުކުރަން ސެނިޓައިޒާ ހާކަން ދައުވަތު ދޭތަނެވެ.

މިޑްލް އީސްޓް އައި އިން ރިޕޯޓް ކޮށްފައިވާ މި ޚަބަރަށް ވަރަށް ގިނަ ބަޔަކު މިހާރު ދަނީ ފާޑު ކިޔަމުންނެވެ. މިއީ ޒަމާނީ ގޮތަށް އަޅުން ގެންގުޅުން ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.

ޕާކިސްތާން - ކެނޭޑިއަން ނޫސްވެރިއެއް ކަމަށްވާ ތާރީކް ފަތާހްގެ ފާޑުކިޔުން ތެޔޮ ކުންފުންޏަށް އަމާޒުކޮށް މިއީ އިންސާނީ ކަރާމަތަށް ވެސް ބެލުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށް ބުނެފައި ވެއެވެ.

އެހެން މީހަކު ބުނި ގޮތުގައި މި މީހާގެ ހާލަތު ފެނިފައި ހިތަށް ވަރަށް އަސަރު ކުރި އެވެ. މިއީ ސައޫދީ އަރަމްކޯގައި ބޭރު ގައުމުތަކުން އަންނަ މަސައްކަތްކުރަން އަންނަ މީހުން ގެންގުޅޭ ހާލު ކަމަށާއި ހޭންޑް ސެނިޓައިޒާ ޑިސްޕެންސާއެއް ގައިގައި ބަނދެގެން އިންސާނަކު ގެންގުޅެން ވާނެތޯ އޭނާ ސުވާލު އުފައްދާފައި ވެއެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން އިންސާނުންގެ ގޯސްކަން އިތުރަށް ގޯސްވެފައިވާ ކަމަށް ވެސް އެ މީހާ ބުނެފައި ވެއެވެ.