ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އޭޑީކޭއިން އޮންލައިން ފްލޫ ކްލިނިކެއް

Mar 14, 2020

މާލޭގައި ރޯގާ ޖެހިގެން ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔުމުގެ ބަދަލުގައި، އެފަދަ މީހުން ގޭގައި ބައިތިއްބައިގެން ފަރުވާ ހޯދޭނެ އޮންލައިން ފްލޫ ކްލިނިކެއް އޭޑީކޭ ހޮސްޕިޓަލުން ހަމަޖައްސައިފި އެވެ.

ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، ހޮސްޕިޓަލުތަކަށް ނުދިޔުމަށް ސިއްހީ އިދާރާތަކުން އިލްތިމާސް ކުރަމުންދާ ދަނޑިވަޅެއްގައި އޭޑީކޭ އިން މިއަދުން ފެށިގެން އޮންލައިން ފްލޫ ކްލިނިކެއްގެ ހިދުމަތް ތައާރަފްކޮށްފަ އެވެ.

އެގޮތުން، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 ގެ ނިޔަލަށް 3313553 ނަންބަރަށް ގުޅުއްވައި އެޕޮއިންޓަމަންޓް ހެއްދޭނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެޕޮއިންޓަމަންޓް ހެއްދުމުން، ކިޔު ތަރުތީބާ އެއްގޮތަށް އޮންލައިން ކްލިނިކުގެ ޑޮކްޓަރެއް ގުޅުއްވައި، ބަލީގެ ތަފްސީލުތައް ހޯދައި މައުލޫމާތު ފޯރުކޮށްދެވޭނެކަމަށް އޭޑީކޭ އިން މައުލޫމާތުދެ އެވެ. އަދި ގޭގައި ހުރެގެން ބޭސްކުރުމާއި، ރައްކާތެރި ބޭސް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ބޭސް ސިޓީ ފޯރުކޮށްދެވޭނެކަމަށްވެސް އެ ހޮސްޕިޓަލުން އިތުރަށް ބުންޏެވެ.

ނުރައްކާތެރި ކޮވިޑް-19 ގެ އިތުރުން މި ދުވަސްވަރަކީ އާއްމު ރޯގާވެސް ފެތުރެމުންދާ ދުވަސްވަރަކަށްވާތީ، ސަރުކާރުންވެސް ވަނީ އާއްމު ރޯގާއަށް ފަރުވާދިނުމަށް ހާއްސަ ފްލޫ ކްލިނިކެއް ސެނަހިޔާ ހޮސްޕިޓަލުގައި ހުޅުވައިފަ އެވެ.

އަދި ބިދޭސީންނަށް ހާއްސަ ކްލިނިކެއް ހުޅުމާލޭގައި ގާއިމުކުރުމުގެ އިތުރުން، ރާއްޖޭން ބޭރުން އަންނަ ފަރާތްތަކަށް ހާއްސަ ޓްރެވެލް ކްލިނިކެއްވެސް މާލޭގައި ވަނީ ހުޅުވައިފަ އެވެ.

ރާއްޖޭން މިހާތަނަށް ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ނުވަ މީހަކު ވަނީ ފެނިފަ އެވެ. އެ ނުވަ މީހުންނަކީ ވެސް ރިސޯޓްތަކެއްގައި ތިބި ބިދޭސީންތަކެކެވެ.