ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު ހަތަރު ރިސޯޓެއް ލޮކްޑައުނަށް

Mar 14, 2020

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ބިދޭސީންތަކެއް ފެނިގެން، އިތުރު ހަތަރު ރިސޯޓެއް ލޮކްޑައުންކޮށް، އެ މީހުން ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިިއަދު ބުނީ، މީރު އައިލެންޑް ރިސޯޓާއި، ބަންޑޮސް އައިލެންޑް ރިސޯޓާއި، ޝެރަޓަން އަދި އޮޅުވެލި ރިސޯޓުގައި ތިބި ބިދޭސީންތަކެއްގެ ފަރާތުން ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވާތީ އެމީހުން ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އެ ހަތަރު ރިސޯޓުވެސް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.

ވައިރަހާ ގުޅިގެން މިހާރުވެސް ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ވަނީ މޮނީޓަރިންގެ ހާލަތުގަ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19 ވައިރަސްގެ މައުލޫމާތުތައް ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ހެލްތު ޕޮރެކްޓެޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ އެއް ގޮތަށް މޮނިޓާރިން ހަލާތުގައި ހުރި އަށް ރިސޯޓެއްގެ މުވައްޒަފުން އެ ރިސޯޓުތަކުން ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

މި ގޮތުން މުވައްޒަފުން ފޭބުން މަނާކޮށްފައިވާ ރިސޯޓުތަކަކީ ޅ. ކުރެއްދޫ ރިސޯޓާއި، އއ. ބަތަލާ ރިސޯޓާއި އއ. ކުރަމަތި ރިސޯޓާއި، ކ. ސަމަ އައިލެންޑް ރިސޯޓާއި، އދ. ވިލަމެންދޫ ރިސޯޓާއި، ކ. ރީތި ރަށް ރިސޯޓާއި، ދ. އިރުވެލި ރިސޯޓާއި، ސަން ގިލި އަދި، ލ. ސިކްސް ސެންސަސް ރިސޯޓެވެ. އެއީ، މިހާތަނަށް އެކި ގޮތް ގޮތުން ކޭސްތައް ފެނިފައިވާ ރިސޯޓުތަކެވެ.

އޭގެ ތެރެއިން ޅ. ކުރެއްދޫގެ ދެ ބިދޭސީ މުވައްޒަފަކަށާއި ދެ ޓޫރިސްޓުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އއ. ބަތަލާ ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންނަށާއި އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންނަށް ވެސް ވައިރަސް ޖެހިފައިވެ އެވެ. ދެން ވައިރަސްއަށް ޕޮޒިޓިވްވީ ކ. އަނަންތަރަ ދިގު ރިސޯޓުގައި ހުރި ބިދޭސީއަކަށެވެ.

މިހާތަނަށް ރާއްޖޭން އެ ވައިރަސްއަށް ޕޮޒިޓިވް ނުވަ މީހަކު ފެނިފައިވާއިރު، ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ.