ހަބަރު

ކޮވިޑް-19: އެމް ސެވަން އިން ލުއި ފަސޭހަ ސްކީމެއް

ކޮރޯނާ ވައިރަހާއި ގުޅިގެން އެމް ސެވަން އިން ވިޔަފާރިކުރާ ފަރާތްތަކަށް އެހީތެރިވުމަށް "އެމް ސެވަން ފަސޭހަ ކްރެޑިޓް" ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފްކޮށްފި އެވެ.

އެމްސެވަން އިން ބުނީ ކޮރޯނާގެ ނުރައްކާތެރިކަން މުޅިދުނިޔެއަށް ބޮޑުވެފައިވާއިރު ރާއްޖޭގައި ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށް ސަރުކާރުން ލަފާ ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ފަތުރުވެރިކަމުގެ ފަތުރުވެރިކަމުގެ ހަރަކާތްތަކާއި ޓްރޭޑްފެއާތައް ހުއްޓުމަކަށް އައިސް އެމްސެވަންގެ ވިޔަފާރިއަށް ވަނީ ބޮޑު ހީނަރުކަމަކާއި ކުރިމަތިލާންޖެހިފައި ކަމަށެވެ.

ވިޔަފާރިއަށް ލިބޭ ގެއްލުމަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކަމަށް އެމްސެވަން އިން ވަނީ ފާހަގަ ކޮށްފަ އެވެ. އެހެން ކަމުން އެމްސެވަން އިން ފާއިތުވި ތިން އަހަރު ދުވަހު ވިޔަފާރިކޮށްފައިވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ވަނީ ކްރެޑިޓް ސްކީމެއް ތައާރަފްކޮށްފަ އެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ހުށަހޅާ ޕްރޮޕޯސަލްތަކަށް ބަލައި ވިޔަފާރި ފުޅާކުރުމަށް ޕްރިންޓް ކުރާ ތަކެއްޗަށް މި ސްކީމް އިން އެހީތެެރިކަން ލިބޭނެ ކަމަށް އެމްސެވަން އިން ބުނެ އެވެ.

މި ސްކީމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކުންފުނީގެ ކޯޕަރޭޓް އެފެއާޒް އީމެއިލް އަށް ޕްރޮޕޯސަލް މެއިލް ކުރުމުން ދެ ދުވަސްތެރޭގައި އެ ފަރާތްތަކާއި ބައްދަލުކޮށް މި ސްކީމްގެ ކަންކަން ހަމަޖެހިފައިވާ އުސޫލުން ކުރި އަށް ގެންދާނެ ކަމަށް ވެސް އެމްސެވަން އިން ބުންޏެވެ.