ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
Maldives Cases
17
Confirmed
13
Recoverd
0
Deaths
Global Cases
723,740
Confirmed
152,042
Recoverd
34,018
Deaths
ދުނިޔެ

ކޮވިޑް-19 އާ ދެކޮޅަށް ޗައިނާ އިން ދުނިޔެއަށް ނަގައިދިން ފިލާވަޅު

މިދިޔަ އަންގާރަ ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިން އެ ގައުމުގެ ވޫހާން ސިޓީއަށް ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ. މިހާރު މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސްފައިވާ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ސިޓީއަށް ގައުމުގެ އެންމެ މަތީ ވެރިޔާ ކުރެއްވި ޒިޔާރަތަކީ އެ ބައްޔާ ދެކޮޅަށް އެ ގައުމުން ކުރި ހަނގުރާމަ ކާމިޔާބު ކުރެވިއްޖެކަމުގެ ރަމްޒެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަވި އެވެ.

މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި އެ ވައިރަހާއެކު، ޗައިނާ އިން ވަގުތީ ގޮތުން އެޅި ބިޔަ ހޮސްޕިޓަލުތައް މިހާރު ހުރީ ފަޅަށެވެ. މީގެ މަހެއްހާ ދުވަސް ކުރިން، ހޮސްޕިޓަލުތައް ފުރިގެން، އެޅި ތަންތަން މިހާރު ފަރުވާދޭނެ ބަލި މީހަކު ނެތިގެން، އޭގެ ތެރެއިން ގިނަ ހޮސްޕިޓަލުތައް ވަނީ ބަންދުކުރަންވެސް ފަށައިފަ އެވެ.

އެ ވައިރަސް ފެތުރެން ފެށި ގައުމުގައި އަލަށް ބަލި ފެންނަ އަދަދު އެތަކެއް ހާހުން މިހާރު ވަނީ ސަތަކޭއަށް ވުރެ ދަށްވެފަ އެވެ. ނަމަވެސް، ދުނިޔޭގައި އެ ވައިރަހުގެ ބިރުވެރިކަން ދަނީ މަޑުޖެހުމެއްނެތި ފެތުރެމުންނެވެ. އެ ވައިރަސް ފެނިފައިވާ ގައުމުތަކުގެ އަދަދު 100 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ބަލި ފެތުރޭ އެޕިސެންޓަރުގެ ގޮތުގައި މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ޔޫރަޕުކަމަށް ކަނޑައަޅައިފަ އެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވާ އިޓަލީ ވަނީ އެކީގައި ބަންދުކޮށްފަ އެވެ. އެހެން ގައުމުތަކުން ދަނީ މީހުން އެތެރެވުން މަނާކޮށް، ބޯޑަރުތައް ބަންދުކުރަމުންނެވެ. އެހެނަސް އެ ވައިރަސް ފެތުރުން ކޮންޓްރޯލްނުވެ، މުޅި ދުނިޔެއަށް ބަލިމަޑުކަމެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން އެވަނީ ކަނޑައަޅައިފަ އެވެ.

އެއާއެކު ގިނަ ބަޔެއްގެ އުފައްދަނީ އެންމެ ސުވާލެކެވެ. އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ގައުމުން އެޅި ފިޔަވަޅުތައް އެހެން ގައުމުތަކަށް ނަކަލު ނުކުރެވޭނެތޯ އެވެ.

މައުލޫމާތު ފެތުރުމާއި ހޭލުންތެރި ކުރުވުން

މި ބަލި އެހާ ބޮޑަށް ފެތުރި، ދުނިޔެއަށް ބަލާއާފާތަކަށް މެދުވެރިވީ، ވޫހާން ސިޓީން އެ ވައިރަސް ފެނުމާއެކު އެކަމުގެ މައުލޫމާތު ސިއްރު ކުރުމުން ކަމަށް ގިނަ ބަޔަކު ޗައިނާ ސަރުކާރަށް ތުހުމަތު ކުރެ އެވެ. އެކަން އެގޮތަށް އެންމެ ފުރަތަމަ ހިނގި ނަމަވެސް، ޗައިނާ ސަރުކާރުން ފަހުން ވަނީ ރައްޔިތުން ހޭލުންތެރިކުރުވަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އޭގެ ތެރޭގައި ޑަބްލިޔުއެޗްއޯ އިން ވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއްކަމަކީ، ކޮވިޑް-19 ގެ އަލާމްތަކަކީ ކޮބައިކަން ރައްޔިތުންނަށް އަންގައިދިނުމެވެ. އެހެން ގޮތަކަށް ބުނާނަމަ، އާއްމު ރޯގާގެ އަލާމާތްތަކާއި ކޮވިޑް-19 ގެ އަލާމްތަކުގައި ހުރި ފަރަގު ރައްޔިތުންނަށް ވިސްނައި ދިނެވެ. އަދި އެކަމުން ރައްކާތެރިވާން އެޅޭނެ ފިޔަވަޅުތައް ވަރަށް ހަލުވިކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނެވެ.

ނަމަވެސް، ގިނަ ގައުމުތަކުން އަދިވެސް އެކަން އެންމެ އެކަށީގެންވާ މިންވަރެއްގައި އެކަން ނުކުރެވޭކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ. އިޓަލީގައި އެ ބަލި އެހާބޮޑަށް ފެތުރިގެންގޮސް، މުޅި ގައުމު ބަންދުކުރަންޖެހޭ ހާލަތަށް ކަންކަން ދިޔައީ، އެ ފަރަގު ރައްޔިތުންނަށް އަންގައި ދިނުމަށް ފެއިލްވުމުންކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފަ އެވެ.

އެންމެ މުހިއްމީ ސްޕީޑު

ވައިރަސް ފެތުރިގެން ދިޔުމާއެކު، ޗައިނާގެ ހެލްތު އޮފިޝަލުން އެންމެ އިސްކަމެއް ދިނީ އެ ބަލި ޖެހުނު މީހުން ދެނެގަނެ، އަދި އެ މީހުނާ ކޮންޓެކްޓްވި އިތުރު މީހުން ހޯދައި، އެ އެންމެން އެކަހެރިކޮށް ކަރަންޓީނު ކުރުމަށެވެ. އާބާދީ ބޮޑު ސަރަހައްދުތަކުގައި ދުވާލެއްގެ މައްޗަށް 15،000 އެއްހާ މީހުން އެ ވައިރަހަށް ޓެސްޓް ކުރަމުން ގެންދިޔަ އެވެ.

ޗައިނާއަށް ފޮނުވި ޑަބްލިޔުއެޗްއޯގެ ޓީމުން ބުނެފައިވާ ގޮތުގައި، ޗައިނާގައި ބަލި ޖެހުނު މީހަކާ އެކުގައި ދިރިއުޅޭ ނޫނީ މަސައްކަތްކުރާ މީހުންގެ ތެރެއިން، ފަސް ޕަސަންޓާއި 10 ޕަސަންޓާ ދެމެދުގެ މީހުނަށް އެ ބަލި ފެތުރިފައިވާ ކަމަށެވެ.

ބަލި ޖެހޭ މީހުން އަވަހަށް ދެނެގަތުން މުހިއްމު ވަނީ އެ ސަބަބާ ހެދިކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ. އެހެން ގައުމުތަކުގައި އެ ބަލި އެތައް ގުނައަކަށް ފެތުރިގެންދަނީ، ޕޮޒިޓިވްވާ މީހުން ދެނެގަތުމުގައި އަދިވެސް ލަސްވާތީކަމަށް ވަނީ ބުނެފަ އެވެ.

ހިލޭ ބޭސްފަރުވާ

ކިތަންމެ ބަލިވިޔަސް، ފޯރުންތެރިކަންނެތް މީހުން ހޮސްޕިޓަލަށް ނުދިޔުމަކީ ވަރަށް ގާތްކަމެއްކަން ޗައިނާ ސަރުކާރަށް ވިސްނި، އިންޝޫރަންސްގެ ބޭރުން، ކޮރޯނާ ވައިރަހާ ގުޅޭ ހުރިހާ ބޭސްފަރުވާއެއް ސަރުކާރުން ހަމަޖައްސައިދޭނެކަމަށް ބުނުމަކީ އެ ބަލި ފެތުރުމާ ދެކޮޅަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ސިއްހީ މާހިރުން ފާހަގަކުރެ އެވެ.

އެ ވައިރަހުގެ ސަބަބުން ޗައިނާ އިން އެކަނި 3،000 އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. ނަމަވެސް، ވޫހާން ސިޓީ ހިމެނޭ ހޫބޭ ޕްރޮވިންސުން މަރުވި މީހުންގެ އަދަދު އެންމެ 112 ގައި ހުރި ކަމީ، އެފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާކަމަށް ސިއްހީ މާހިރުން ގަބޫލުކުރެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މީގެ ކުރިން ބުނެފައިވަނީ މި ވައިރަސް ހުއްޓުވުމަށްޓަކައި، ކޮންމެ ގައުމަކުން އެ ގައުމަކާ ގުޅޭ ފިޔަވަޅު އެޅުން މުހިއްމު ކަމަށެވެ. ނަމަވެސް، ޗައިނާގެ އިތުރުން އެ ވައިރަސް ފެތުރުމާ ދެކޮޅަށް އެންމެ ކާމިޔާބު ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރާއި، ހޮންކޮންގް އަދި ޓައިވާން ވެސް އަމަލުކޮށްފައިވަނީ ދާދި އެއް ވިސްނުމެއްގެ ތެރެއިންނެވެ.

ބަލި ޖެހޭ މީހުން އަވަހަށް ދެނެގަނެ، މީހުން ހޭލުންތެރިކޮށްގެން މި ބަލާއާފާތުން ސަލާމަތްވެވޭނެކަން އެފަދަ ގައުމުތަކުން އެވަނީ ދައްކުވައިދީ، ކޮރޯނާ ވައިރަހާ ދެކޮޅަށް އެހެން ގައުމުތަކަށް މިސާލެއް ގާއިމުކޮށްފަ އެވެ.