ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފެހެންދޫ އާއި ބަންޑޮސްގެ މީހުންގެ ނަތީޖާ ނެގެޓިވް

Mar 14, 2020
2

ބ. ފެހެންދޫގެ ގެސްޓްހައުސެއްގައި ހުރި ބިދޭސީއަކާއި ބަންޑޮސް އައިލެންޑް ރިސޯޓުގައި ހުރި ބިދޭސީއެއް ކޮވިޑް-19 އަށް ޝައްކުކުރެވިގެން ހެދި ޓެސްޓް ނެގެޓިވްކަމަށް ސަރުކާރުން ދާދި ދެންމެ އަކު ބުނެފި އެވެ.

ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ފެހެންދޫގައި ހުރި ފަތުރުވެރިޔާ ވައިރަހަށް ނެގެޓިވްވި ނަމަވެސް، އެ ރަށް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.

އެޗްޕީއޭއިން ބުނީ ހައި ރިސްކް ކޭސްތަކުގައި އެއް ސާމްޕަލް ނެގެޓިވްވި ނަމަވެސް، އިތުރު ސާމްޕަލެއް ނެގެޓިވް ނުވަނީސް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރާނެ ކަމަށެވެ.

ކޮވިޑް19އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް އަރާފައިވަނިކޮށެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.

މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ މުހިންމު ތިން ފިޔަވަޅެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

އޭގެ އިތުރުން، ޔޫރަޕްގެ އިތުރު ތިން ގައުމަކުން ރާއްޖެއަށް މީހުން އައުން މިއަދު ވަނީ މަނާކޮށްފަ އެވެ. މިރޭއިން ފެށިގެން ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވަނީ ސްޕެއިންގެ އިތުރުން ޖަރުމަނު އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކެވެ.