ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސީއެސްސީއަށް ފޮނުވާ ލިޔުންތައް އީމެއިލް ކުރަން އެދެފި

Mar 15, 2020

ދުނިޔޭގައި ވަރަށް ހަލުވި މިނުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅާ ހުރިހާ ލިޔެކިޔުންތަކެއް މީގެ ފަހުން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކޮމިޝަނުން އަންގައިފި އެވެ.

ސީއެސްސީން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ ކޮވިޑް-19އާ ގުޅިގެން ކޮމިޝަނުގެ އިދާރާއިން ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތައް ވީހާވެސް މަދުކުރުމުގެ ގޮތުން މިއަދުން ފެށިގެން ކޮމިޝަނުގެ އިދާރާއަށް އާންމު ފަރާތްތަކުންނާއި ސަރުކާރުގެ އިދާރާތަކުން ފޮނުވާ ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.

އެކަމާ ގުޅިގެން، ސަރުކާރާއި ބައެއް އަމިއްލަ ކުންފުނިތަކުންވެސް ވަނީ ފައިސާ ދެއްކުން ފަދަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.