ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އިގްތިސޯދު އެންމެ ކަމަކަށް: ނަތީޖާ މިފެންނަނީ!

ރާއްޖޭގައި މިހާރު މިއޮތް ޒަމާނީ މަސްވެރިކަން އުފަންވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ދޯނި ފަހަރުގައި އިންޖީނު އެޅި ހިސާބުންނެވެ. އަދި މިހާރު ރާއްޖޭގެ އިގްތިސޯދުގެ މައި ނާރު ކަމަށްވާ ޓޫރިޒަމް ތައާރަފު ވެގެން އައީވެސް ހަމަ އެ ދުވަސްވަރު އެވެ. އަދި އެ ޒަމާން ފެނިގެން ދިޔައީ ބޮޑު ޝިޕިން ފްލީޓެއް ވެސ ްރާއްޖޭގައި އޮތް ތަނެވެ. މިއާއެކު ދަނޑުވެރިކަމުގެ ރޮނގުން ވެސް މުހިންމު މަސައްކަތް ތަކެއް އެ ދުވަސްވަރު ރާއްޖޭގައި ކުރެވިގެން ދިޔަ އެވެ.

ނަމަވެސް އޭގެ ފަހުން ވަޑައިގެންނެވި ހުރިހާ ވެރިން ދަތުރު ކުރެއްވީ މަސްވެރިކަމާއި ދަނޑުވެރިކަން އަދި ޝިޕިން ފަދަ ބޮޑެތި ވިޔަފާރިތަކާ ދުރަށެވެ. ރާއްޖޭގެ ބޮޑު ބޯޓު ކުންފުނި ބަނގުރޫޓު ވެގެން ހުއްޓާލިއިރު، މަސްވެރިކަމަށް ދިރުން ގެނެސްދިން ފެލިވަރު މަސް ފެކްޓްރީ ހެދި ހިސާބުން އެކަން ވެސް ކުރި ނާރާ ހުއްޓުނީ އެވެ. މި ޒަމާނަށް އައިއިރު ފެންނަން އޮތީ ހަމަ އެންމެ ސިނާއަތެކެވެ. އެއީ ބޭރުން އަންނަ މެހުމާނުންނަށް، މެހުމާން ދާރީ ދީގެން، ފައިސާ ހޯދާ ޓޫރިޒަމް ސިނާއަތެވެ. ދުނިޔޭގެ އޮޔާއި ވައިގެ އަސަރު އެންމެ އަވަހަށް ކުރާ ޓޫރިޒަމް އެވެ.

ރާއްޖެ އާ ޒަމާނަކަށް އަލިވިލިގެން އައިރު ފެންނަން މި އޮތީ ހަމައެކަނި ޓޫރިޒަމް އެވެ. މުޅި ގައުމުގެ އިގްތިސޯދު އޮތީ ޓޫރިޒަމް ސިނާއަތަށް ބަރޯސާވެފަ އެވެ. ދިވެހިން ދުނިޔެ އަށް ލޯހުޅުވިގެން ގޮސް އެހެން ގައުމުތަކުގެ ރައްޔިތުން ބޭނުންވާ ޒާތުގެ ހިލޭ ބޭސް ފަރުވާ އާއި ހިލޭ ކިޔެވުން އަދި ހިލޭ ހެނދުނުގެ ސަޔާއި ހިލޭ ދަތުރުފަތު އަދި ހިލޭ ބޯހިޔާވަހިކަމަށް ފައިސާ ލިބޭ ހަމައެކަނި ވަސީލަތަކަށް ހަދައިގެން މި ތިބީ ޓޫރިޒަމެވެ. ދިވެހިން މިހާރު ކައިބޮއި އުޅެން ޖެހިފައި މިވަނީ ހަމައެކަނި ޓޫރިޒަމުން ހޯދާ އާމްދަނީ އަކުންނެވެ.

ނަތީޖާއަކީ ދުނިޔޭގެ އިގްތިސޯދަށް އަންނަ ކޮންމެ ލޮޅުމަކާއެކު ދިވެހިންގެ އާމްދަނީއަށް އަސަރު ކުރުމެވެ. މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އިގެ ބަލާމުސީބާތާއެކު ދިވެހި ދައުލަތުގެ އާމްދަނީއަށް އަސަރުކޮށް، ހާސްކަމެއްގެ ތެރެ އަށް ވެއްޓިގެން ދިއުމުގެ ސަބަބަކީ އެންމެ ސިނާއަތަކަށް އިގްތިސޯދުގެ ބަރޯސާކޮށްފައި ބޭއްވުމެވެ

މަސްވެރިކަން ތަރައްގީނުކޮށް ކުރީ އެހެންކަމެއް

ރާއްޖޭގެ ޓޫރިޒަމްގެ 48 އަހަރުގެ ތާރީހުގައި ގަލްފް ހަނގުރާމަ އާއި ސުނާމީ ކާރިސާ އަދި 9/11 ގެ ހަމަލާ އާއި 2008 ގައި ދުނިޔެ ދުށް އިގްތިސޯދީ ބޮޑު ހީނަރުކަމުގެ ސަބަބުން ރާއްޖެ އަށް ބޮޑެތި ގެއްލުންތައް ވިއެވެ. އެއިން ކޮންމެ ފަހަރަކު ލަނޑު ލިބިފައިވި ނަމަވެސް ދިވެހިންގެ ހެޔެއް ނާރަ އެވެ. ކޮންމެ ފަހަރަކު އިގްތިސޯދު ރަނގަޅުވެ ވަރުޖެހިލުމުން އިތުރު އާ ސިނާއަތެއް ތަރައްގީ ކުރުމުގެ ބަދަލުގައި އެހެން ހުރިހާ ކަމެއް ކުރަން ފަށަ އެވެ.

މަސްވެރިކަން ތަރައްގީ ކުރާކަށް ނޫޅެ އެވެ. މަސްވެރިން މަސް ގަންނަ ވަސީލަތް ތަކަށް އިންވެސްޓް ނުކޮށް، ކުރަމުން ދިޔައީ "ކަނޑު ގޮވާ" ން ކުރުމާއި "ފަޅު ގޮވާ" ން ކުރުމެވެ. ނިމިގެން ދިޔަ ދިހަބާރަ އަހަރަށް ބަލާއިރު މި ފަޅު ގޮވާން ކުރަން ކުދި ފާނަ ކޮއްޓައްލި އަދަދެއް ވެސް ބުނަން ވެސް ނޭނގެ އެވެ. އެކަމަކު މިއަދާ ހަމަ އަށް ވެސް މީގެ އެންމެ ފާނަ އެއް ވެސް ބޮޑު ވެގެން ވިއްކޭ ވަރެއް ނުވި އެވެ.

ކޮންމެ ފަސް އަހަރަކުން ކުދި ފާނަ ކޮއްޓަށް އަޅަ އެވެ. ބޭރުން ފަންޑު ހޯދައިގެން ފާނަ ކޮއްޓަން އެޅުން ނޫން ކަމެއް މަސްވެރިކަން ތަރައްގީ ކުރަން ވެސް ކޮށްފައެއް ނެތެވެ. މިކަމުން ރާއްޖޭގެ މަސްވެރިންނަށާއި މަސްވެރިކަމަށް ވީ ހަމަ އެއްވެސް ފައިދާއެއް ނެތެވެ.

މަސްވެރިކަން ރާއްޖޭގައި ފުޅާކޮށް މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރު ވާން އޮތީ "ވެލިއުއެޑް" ނުވަތަ ބާނާ މަހުން އާ އުފެއްދުންތައް ތައްޔާރު ކޮށްގެންނެވެ. އެހެން ނަމަވެސް މިވީ 40 އަކަަށް އަހަރު ތެރޭގައި މަސްވެރިކަން ތަރައްގީ ނުކޮށް ރާއްޖެ އޮތީ މާ ފަހަތުގަ އެވެ. ރާއްޖޭގެ މަސްވެރިކަމަކީ ދުނިޔޭގެ މީހުން ޑިޕެންޑްވާ ވަރުގެ ކަމަށް ހެދިފައެއް ނުވެ އެވެ. މަސްވެރިކަމުން ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާނެ ރަނގަޅު ޕްރޮޑަކްޓްތަކެއް ނުނެރެވެ އެވެ. މީގެ ބަދަލުގައި ރާއްޖޭގެ މަސްވެރިކަން އޮތީ ބޭރުގެ ގައުމު ތަކުން ބޭނުން ވަގުތަކު ކުޅޭ އެއްޗެއްގެ ގޮތުގަ އެވެ.

ދިވެހިންގެ ފުޑް ރިޒާވެއް ނެތް

މިދިޔަ ފަސް އަހަރު އެކަނި ވެސް ރާއްޖޭގައި 50 ރިސޯޓު ހުޅުވި އެވެ. އަދި މިހާރު ރާއްޖޭގައި ޓޫރިޒަމް ތަރައްގީ ކުރަން 400 މަޝްރޫއެއް ކުރިއަށް އެބަދެ އެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށްވާއިރު މި ހުރިހާ ރަށެއް ރިސޯޓު ހަދަން ދޫކޮށްލިއިރު ދަނޑުވެރި ކަމަށް ދޫކޮށްފައި ވަނީ މަދު ރަށެވެ. ދަނޑު ހައްދަން ރަށެއް ދޫކުރި ނަމަވެސް ދިވެހިންނަށް ބޭނުންވާ ވަރުގެ "ފުޑް ރިޒާވް" އެއް އުފައްދަން އެއް ވެސް މަސައްކަތެއް ނުކުރެ އެވެ.

ކުރިން ދުނިޔެއަށް ކުރިމަތިވި ބޮޑެތި ތަދުތަކުގައި ރާއްޖޭން އުފައްދާ ބާވްތަކުން ކައިބޮއެ ހެދި ނަމަވެސް މިއަދު އެކަން ކުރެވޭނެ ގޮތެއް ނެތެވެ. ހަމައެކަނި ޓޫރިޒަމަށް މުޅި އިގްތިސޯދު ބަރޯސާ ކޮށްގެން އޮތުމުން ޓޫރިޒަމަށް ކުރާ އަސަރެއްގެ ސަބަބުން އެކްސްޕޯޓް / އިމްޕޯޓް ހީނަރުވާ ވަގުތުތަކުގައި ކުރެވޭނެ ކަމެއް ދިވެހިންނަށް ނުފެނުނެވެ.

ރާއްޖެ އޮތް ސަރަހައްދުގެ ފައިދާ ވެސް ނުނެގޭ

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތީ އެންމެ ހައި ޓްރެފިކް އޮތް ހިސާބުގަ އެވެ. ވައިގެ މަގުން ބެލިއަސް ކަނޑު މަގުން ބެލިއަސް މިކަން އޮތީ މިހެންނެވެ. ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ވެސް ހުރަސް ކުރެވޭނީ ރާއްޖެ ސަރަހައްދުންނެވެ. ދުނިޔޭގެ މާސިންގާހާ ބޮޑެތި ކޮންޓެއިނާ އާގު ބޯޓު ފަހަރު ކޮންމެ ދުވަހަކު އެތައް ސަތޭކަ ދަތުރެއް ރާއްޖެތެރެއިން އަޅާފައި ކުރެ އެވެ. އެކަމަކު ރާއްޖެ އަށް ލިބިފައިވާ މި ވަސީލަތުގެ ބޭނުމެއް ހިފިފައެއް ނުވެ އެވެ.

ތިރީސް ޑިގްރީ ޗެނަލުން ދާ ބޯޓު ފަހަރަށް ހިދުމަތް ދޭން، ޓްރާންސްޝިޕްމަންޓް ބަނދަރެއް "2020" އަންނަވާއިރަށް އޮންނާނެ ކަމަށް ތަސައްވުރު ކުރި އެވެ. އެކަމަކަށް މަސައްކަތެއް ނުކުރެ އެވެ. މި ސިނާއަތަކީ ރާއްޖޭގެ ޓޫރިޒަމް މަތިން ދިވެހިން ހަނދާން ނެތޭ ވަރުގެ މަންފާ އޮތް ކަމެއްކަން އެނގުނު ނަމަވެސް އިންޑިއާ "ސިޔާސީ ބަލާޔާ" ހުރެ އަދި އެ މީހުންގެ އަތްދަށުވެގެން ތިބެހެން ހަދައިގެން އެކަން ވެސް ނުވި އެވެ. އިންޑިއާ ކުރާ ކަންކަން ބަލައިގެން އެ މީހުންގެ ފިޔަވަޅު މަތި ފިޔަޅު އަޅަން ތިބުމުގެ ނަތީޖާއަކީ ރާއްޖޭގައި ދެވަނަ ސިނާއަތެއް ނެތުމެވެ. ދިވެހިންނަށް ބޮޑު ސިނާއަތެއް އުފައްދަން އޮތް ފުރުސަތުގެ ބޭނުން ކުރަން ނޫޅުމުގެ ނަތީޖާއަކީ މީގެ ފައިދާ އަވައްޓެރިން ނަގަން ދޫކޮށްލާފައި ބޭއްވުމެވެ.

ރައީސް އަބްދުﷲ ޔާމީންގެ އުރުގައި އާ ސިނާއަތެއްގެ ގޮތުގައި އެސްއީޒެޑްގެ ތެރެއިން އައިހެވެން ތަރައްގީ ކުރަން ޓްރައި ކުރެއްވި ނަމަވެސް ސިޔާސީ ގޮތުން ރާއްޖެ ބައިބައިވެ އިންޑިއާގެ މުށުތެރެއަށް ވަނުމުގެ ސަބަބުން އެކަން ވެސް ތަރައްގީއެއް ނުކުރެވުނެވެ.

އިގްތިސޯދު މި ހުއްޓެނީ ހަތަރު އަނގޮޅިއަކަށް

ޗައިނާ އިން އުފައްންވި ކޮވިޑް-19 ގެ ބަލާ މުސީބާތުން އެންމެ ބޮޑު ގެއްލުމެއް އިގްތިސޯދީ ގޮތުންވާނެ ގައުމަކީ ރާއްޖެ އެވެ. އެކަން އެދަނީ ތަޖުރިބާކާރުން ބުނަމުންނެވެ. މީގައި އޮތީ މައިގަނޑު އެންމެ ސަބަބެބެވެ. އެ ސަބަބަކީ އެންމެ ސިނާއަތަކަށް އިގްތިސާދު ބަރޯސާކޮށްފައި ބޭއްވުމެވެ. ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވެގެން ދިއުމުގެ ނަތީޖާއަކީ މި އަހަރު ލިބޭ ކަމަށް ކުރިން ބުނި އަދަދުގެ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުމުގެ ބިރު އޮތުމެވެ. މިހާރުގެ ފޯކާސްޓްތަކުން ދައްކާ ގޮތުގައި ކުރިން ރާއްޖޭގެ އިގްތިސޯދުގެ ދުވެލި ބޮޑު ތަނުން ދަށްވާނެ އެވެ. ކުރިން ބެލިފައިވަނީ އިގްތިސޯދީ ދުވެލި ހުންނާނީ 7.5 ޕަސެންޓުގައި ކަމަށެވެ. އެކަމަކު މިހާރުގެ ލަފާ ކުރުމަކީ ދުވެލި 0.5 އާއި މައިނަސް 5.6 ޕަސެންޓަށް ވެއްޓޭނެ ކަމެވެ.