ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވަގުތު ފާއިތުނުވަނީސް ރާއްޖެ ލޮކްޑައުން ކުރަން ބައެއް ޑޮކްޓަރުން ގޮވާލައިފި

Mar 16, 2020
32

ކޮވިޑް-19 މިހާރު އެންމެ ބާރަށް ފެތުރެމުންދާ ގައުމުތައް މިސާލަކަށް ބަލައިގެން، ވަގުތުފާއިތުނުވަނީސް، ރާއްޖެ ވެސް ލޮކްޑައުން ކުރަން ބައެއް ޑޮކްޓަރުން ސަރުކާރަށް ގޮވާލައިފި އެވެ.

ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ގިނަ ގައުމުތަކުން ލޮކްޑައުނަށް ނުގޮސް މަޑުކުރީ ބޭރުން އައި މީހެއްގެ ގައިން އެހެން މީހުނަށް ބަލިފެތުރިއްޖެކަން ކަށަވަރުވަންދެކަށް ކަމަށެވެ.

"އޭގެ ފަހުން އެ ގައުމުތަކުން މި ބުނަނީ އޭގެ ދެ ތިން ހަފްތާ ކުރީން ލޮކްޑައުން ކުރެވުނު ނަމައޭ. ދެން އެ ގޯސް ނެހެދުމަށް އެހެން ގައުމުތަކަށް އިލްތިމާސް ކުރަނީ. އެކަމަކު ޖެހިގެން އަންނަ ގައުމުން ވެސް ހަމަ އެ ގޯސް ތަކުރާރުކުރާތަން މި ފެންނަނީ،" ނިޔާފް ވިދާޅުވި އެވެ.

ނިޔާފްގެ ވާހަކަފުޅަށް ތާއީދުކުރައްވަމުން އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވެސް ވިދާޅުވީ ރާއްޖޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކުރި ނަމަވެސް، ރާއްޖެ ލޮކްޑައުން ކުރަންޖެހޭ ކަމަށެވެ.

ޑރ. މުހައްމަދު އަލީ އިތުރަށް ވިދާޅުވި ގޮތުގައި، ކޮރޯނާ ވައިރަސް ފެތުރިގެން ދިޔުމާ ދެކޮޅަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާތަނަށް އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީގު ހައްގު ކަމަށެވެ.

"މިއީ އެންމެންނަށްވެސް ވަރަށް އުނދަގޫ ވަގުތުކޮޅެއް. އެކަމަކު އެންމެ ފައިދާ ބޮޑީ، މިހާރު ކުރިމަތިވެފައިވާ ހަގީގަތް ގަބޫލުކުރުން،" ސިއްހީ ކުއްލި ހާލަތު ތަންފީޒު ކުރަންޖެހޭކަމަށް ފާހަގަކުރައްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުން ހެދި ގޯސްތަކުން ފިލާވަޅު ދަސްކޮށް، ރަނގަޅު ފިޔަވަޅު އެޅުން ބުއްދިވެރި ކަމަށެވެ.

"މިހާރުވެސް މިދައްކަނީ އިޓަލީން މީހުންއައުން މަނާކުރެވުނެއްލަހޭ. ބަލިމީހުން ގިނަވީމާ ފަރުވާދިނުން ކީއްކުރަން، ޓެސްޓުވެސް ނުކުރެވޭނެ،" އެންމެން ބަންދަށް ދާން ގޮވާލައްވަމުން ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.

އޭގެ އިތުރުން، އެޗްޕީއޭއިން މިހާރު ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ. އަދި، ޔޫރަޕްގެ ސްޕެއިން، ޖާމަނީ އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފަ އެވެ.

އޭގެއިތުރުން ރާއްޖޭގެ ހުރިހާ ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި ތައުލީމްދޭ ހުރިހާ މަރުކަޒެއް ދެ ހަފުތާގެ ދުވަހަށް ބަންދު ކުރުމަށް ވެސް ވަނީ އަންގާފަ އެވެ. މީގެކުރިން ރާއްޖޭގެ ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފަ އެވެ. ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

އަދި އިއްޔެ ވަނީ މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ކުޅިވަރު ކުޅޭ އެންމެހައި ތަންތަން ދެ ހަފްތާއަށް ބަންދުކުރަން ނިންމައިފަ އެވެ.

މުޅި ރާއްޖެ ލޮކްޑައުންކުރުމަށް ގޮވާލައި އަޑުތައް ގަދަވަމުން ދިޔަ ނަމަވެސް، ސަރުކާރުން މިހާތަނަށް ބުނެފައިވަނީ އެ ފަދަ ހާލަތެއް އަދި ރާއްޖޭގައި ނެތް ކަމަށެވެ.