ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންދުކުރަން ބޭނުންވާ ގެސްޓްހައުސްތަކުގެ މައުލޫމާތު ހޯދަނީ

Mar 16, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ރާއްޖޭގައި މިހާރު ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން، މިވަގުތަށް ބަންދުކުރަން ބޭނުންވާ ގެސްޓްހައުސްތަކުގެ މައުލޫމާތު ހޯދަމުން އަންނަކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވައިރަހާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒް ވިދާޅުވީ އަތޮޅު ތެރޭގައި ހިންގާ ގެސްޓްހައުސްތަކުގެ ތެރެއިން، ބަންދުކުރަން ބޭނުންވާ ގެސްޓްހައުސްތަކުގެ މައުލޫމާތު ކައުންސިލުތައް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ލޯކަލް ގަވަންމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކުރަމުންދާ ކަމަށެވެ.

ނަމަވެސް، އެ މައުލޫމާތު ހޯދާ ސަބަބެއް، މަބުރޫކު މިއަދު ހާމަކުރައްވާފައެއް ނުވެ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް ސޯލިހު އިއްޔެވެސް ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އިސްނެންގެވުމަކަށް، ސާކްގެ އަށް ގައުމުގެ ވެރިން މިއަދު ފެއްޓެވި ވީޑިއޯ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުމުގެ ކުރިންވެސް ޓޫރިސްޓުން އަންނަ މިންވަރު ދަށަށްދާން ފަށައިފި ކަމަށެވެ.

"މިއަހަރުގެ ފެބްރުއަރީ މަހު ޓޫރިސްޓުން އައި މިންވަރު ވަނީ 14.3 ޕަސަންޓް ދަށްވެފައި. އަދި މިމަހުގެ ފުރަތަމަ 10 ދުވަހު އެ އަދަދު ވަނީ 22.8 ޕަސަންޓަށް ވެއްޓިފައި،" ރައީސް ވިދާޅުވި އެވެ.

އެގޮތުން، އެ މިންވަރު ދަށަށްދާ ހަލުވި މިނަށް ބަލާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 35 ޕަސަންޓު ދަށްވާނެކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.

ކޮވިޑް-19 ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަ ކުރަން ސަރުކާރުން "އިގްތިސޯދީ އެހީ" ގެ ޕެކޭޖެއް ނެރެން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްލާއީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ވަޒީފާތައް ގެއްލުމުން ސަލާމަތް ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީއާ ގުޅިގެން ޕެކޭޖެއް ނެރެން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ޕެކޭޖުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ލުއި ފަސޭހަ ގޮތެއްގައި ފައިނޭންސް ހަމަ ޖެހިގެން ދާނެ ކަމަށެވެ.

ގައުމީ ބޭންކުން ވަނީ ޓޫރިޒަމް ސެކްޓާގެ ގެސްޓްހައުސް އާއި ރިސޯޓު ތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ދެ މިލިއަން ޑޮލަރާ ހަމައަށް (ގާތްގަނޑަކަށް 30 މިލިއަން ރުފިޔާ) ނެގޭ ލޯނު ފެސިލިޓީއެއް ދީފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.