އއ. ރަސްދޫއިން މިއަދު ކިނބުލެއް ފެނިއްޖެ އެވެ. އެ ކިނބޫ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން ބުނި ގޮތުގައި ކިނބޫ ފެނިފައިވަނީ މިރޭ 7:00 ހާއިރު ރަސްދޫ ގޮނޑުދޮށުންނެވެ. އާންމު މީހަކަށް ފެނުނު އެ ކިނބުލުގައި ތިން ފޫޓު ހުރި ކަމަށް ފުލުހުން ބުންޏެވެ.
މީގެ ދުވަސްކޮޅެއް ކުރިން ކ. އަތޮޅު ޖުމެއިރާ ވިޓަވެލި ރިސޯޓްގެ ގޮނޑުދޮށުން ހަތަރު ފޫޓްގެ ކިނބުލެއް ފެނުނެވެ. ނަމަވެސް އެ ކިނބޫ ހިފަން އުޅެނިކޮށް ވަނީ މޫދަށް ފައިބައިގެން ގޮސްފަ އެވެ.
އޭގެ ކުރިން ވައިކަރަދޫއިން ވެސް ކިނބުލެއް ފެނުނެވެ. އެ ކިނބޫ އޮތީ މަރުވެފަ އެވެ.