ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އައްޑޫގެ ގެއެއް "ބަންދުކޮށް" ކުއްޖަކު ޓެސްޓްކުރަނީ

އައްޑޫ ސިޓީ، ހިތަދޫގެ ގެއަކަށް މީހުން ވަނުމާއި ނުކުތުން މަނާކޮށް، އެ ގޭގެ ކުޑަ ކުއްޖަކު ކޮވިޑް-19އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) މިރޭ އަވަސްއަށް ވިދާޅުވީ، އިންޑިއާގެ ކޮޗިންއިން އައި ކުއްޖަކު ހުން އައިސް ހުރުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޭނާ ޓެސްޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ޓެސްޓްތައް ނިމެންދެން އެ ގެއިން އެއްވެސް މީހަކު ނުވަނުމަށާއި ގެއިން ނުނުކުތުމަށް އަންގައި އެ ގެ ކަރަންޓީނު ކޮށްފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.

ކުޑަ ކުއްޖާ އާއިލާއާއެކު ކޮޗިން އައިސް، އައްޑޫއަށް ގޮސްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ސޯބެ ވިދާޅުވީ މިއީ ރައްޔިތުން ހާސްވެ ޕެނިކްވާން ޖެހޭ ކަމެއް ނޫން ކަމަށާއި ކުއްޖާ ޓެސްޓް ކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. މިއީ އައްޑޫ ސިޓީއިން ކޮވިޑް-19އަށް މީހަކު ޝައްކުވި ފުރަތަމަ ފަހަރެވެ. އަދި ވަކި ގެއެއް ކަރަންޓީނު ކުރި ވެސް ފުރަތަމަ ފަހަރެވެ.

މީގެކުރިން ބައެއް ރަށްރަށާއި ރިސޯޓްތައް މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންކޮށްފައިވެ އެވެ. މިހާރު ވެސް އއ. މަތިވެރި އޮތީ ލޮކްޑައުންކޮށްފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ދެ ހަފުތާ ބަންދުވާނެ އެވެ. އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން އެންގި އެވެ.

އޭގެއިތުރުން ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.