ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އާމްދަނީ ދަށްވިއަސް، ހަރަދުތައް ބޮޑު ތަނުން މައްޗަށް!

Mar 18, 2020
1

ކޮވިޑް-19 ގެ ސަބަބުން ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ދިޔަނަމަވެސް، ހަރަދުތައް މަތިވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައިިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ފަސް ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މާޗް 12 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވަނީ 4.1 ބިލިއަން ރުފިޔާ އެވެ.

ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓެކުހުން ލިބުނު އާމްދަނީ ވަނީ މިހާތަނަށް ދަށްވެފަ އެވެ. މިދިޔަ އަހަރު 3.7 ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު ލިބިފައިބަނީ 3.5 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 798.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބިފައިވަނީ 531.5 މިލިއަން ރުފިޔާ އެވެ. މި މުއްދަތުގައި ހިލޭ އެހީ ވެސް ވަނީ މަދުވެފަ އެވެ. ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު 428.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި އަހަރު ލިބުނީ 14.3 މިލިއަން ރުފިޔާ އެވެ.

އާމްދަނީ އާއި ހަރަދު ކުރުކޮށް:

  • ހިލޭ އެހީގެ އާމްދަނީ: 14.3 މިލިއަން ރުފިޔާ
  • ޓެކުހުގެ އާމްދަނީ: 3.5 މިލިއަން ރުފިޔާ
  • މުސާރަ އަށް ކުރި ހަރަދު: 1.6 ބިލިއަން ރުފިޔާ
  • ސަރުކާރު ހިންގުމުގެ ޖުމްލަ ހަރަދު: 4.5 ބިލިއަން ރުފިޔާ

ހިސާބުތައް ދައްކާ ގޮތުގައި މި މުއްދަތުގައި ދައުލަތުގެ ހަރަދު ވަނީ ބޮޑުވެފަ އެވެ. މިދިޔަ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ހަރަދުކޮށްފައިވަނީ ހަތަރު ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މި އަދަދު ވަނީ 4.5 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުސާރަ އާއި ޕެންޝަނަށެވެ. މި ބަޔަކަށް 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރު ހޭދަކޮށްފައިވަނީ 1.5 ބިލިއަން ރުފިޔާ އެވެ. އަދި ހިންގުމުގެ ހޭދަ އަށް މި އަހަރު 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު ހޭދަކޮށްފައިވަނީ 1.2 ބިލިއަން ރުފިޔާ އެވެ.

މި އަހަރަށް ފާސްކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުން ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި މިހާތަނަށް ޖުމްލަ ލިބިފައިވަނީ 4.1 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުގެ ގޮތުގައި ހޭދަވެފައިވަނީ 4.5 ބިލިއަން ރުފިޔާ އެވެ.

ކޮވިޑް-19ގެ ބަލާ އާފާތުގެ ސަބަބުން ހަރަދު ކުޑަ ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ހަރަދު ކުޑަކޮށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.