ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އެންމެ ބާރު ބޮޑުވެފައި ވަނީ ދަޅު މަހަށް

Mar 18, 2020

ދުނިޔެއިން ބަލާއާފާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 އާ ގުޅިގެން ގިނަ ބަޔަކު ދަނީ ކާބޯ ތަކެތި ގަނެ ރައްކާ ކުރަމުންނެވެ. ހާއްސަކޮށް ރާއްޖެ އެއްކޮށް "ލޮކް ޑައުން" އަކަށް ހިނގައިދާނެ ކަމަށް ބުނެ ފަތުރޭ އަޑުތަކާއެކު އާންމުންގެ ހާސްކަން ވަނީ އިތުރުވެފަ އެވެ. އެހެންވެ މިހާރު ވެސް ގިނަ ބަޔަކު މުދާ ގަނެ ދަނީ ފޮރުވަމުންނެވެ.

މި ހާސްކަމާއެކު އެންމެ ބާރު ބޮޑުވެފައި ވަނީ މިފްކޯގެ މަސް ދަޅަށެވެ. ސަރުކާރުގެ މަސް ކުންފުނީގެ މަސް ފިހާރަ އާއި އެނޫން ވެސް ކުންފުނިތަކުގެ މަސް ފިހާރަތައް ކައިރި އަބަދުހެން އޮންނަނީ ފުރިފަ އެވެ. ގަނޑުކޮށް ނުގަތުމަށް ބުނަމުން ދިޔަ ނަމަވެސް ގިނަ ބަޔަކު ދަނީ ގަނޑުކޮށް ވިޔަފާރި ކުރަމުންނެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ބުނެފައިވާ ގޮތުގައި މިހާރު ދުވާލެއްގެ މައްޗަށް 2،000 އެއްހާ މަސް ދަޅު ކޭސް ވިއްކަ އެވެ.

"މިއީ އާއްމުކޮށް ވިކޭ ވަރަށް ވުރެ ވެސް މާ ގިނަ އަދަދެއް. މި އަދަދަށް އާއްމުކޮށް ވިއްކަނީ ރޯދަ މަހު. އެހެން ނޫނީ މި ވަރަށް މަސް ދަޅެއް ނުވިކޭ،" މިފްކޯގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވަރަށް ދަޅު މަސް ލިބެން ހުންނާނެ އެވެ. އެހެންވެ ގަނޑުކޮށް މަސްގަނެ ރައްކާ ކުރުމުގެ ބޭނުމެއް އަދި ނެތެވެ.