މިހާރު ބާޒާރުން ލިބެން ހުރި އައިފޯނުތަކުގެ ތެރެއިން ފޯނެއް ކޮންމެއަކަސް މި ދުވަސްކޮޅު ނުގަންނައްޗެވެ. އެޕަލް އިން އެމީހުންގެ އައިފޯނު ސިލްސިލާގެ އެންމެ ފަހުގެ އުފެއްދުންތައް މިއަދު ދައްކާލަން ތައްޔާރުވަމުން އަންނާތީ އެވެ.
ސެން ފްރެންސިސްކޯގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި އެޕަލް އިން އައިފޯނު ސިލްސިލާގެ އާ ދެ އުފެއްދުމެއް ދައްކާލާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެއީ އައިފޯން 6އެސް އާއި އައިފޯން 6އެސް ޕްލަސް އެވެ.
މާ ބޮޑު ބަދަލުތަކެއް މި ފޯނުތަކަށް ނަޔަސް ފުދޭވަރެއްގެ ބޮޑު އަޕްގްރޭޑެއް އަންނާނެ ކަމަށް ބެލެވެ އެވެ. ކޮންމެއަކަސް އެޕަލްގެ އާ ފޯނުތަކާ ބެހޭ ގޮތުން އެނގެނީ އަދި މި ވަރަށެވެ.
ކެމެރާގެ އަޕްގްރޭޑަކީ އާ އައިފޯނުން އެންމެ ފާހަގަކޮށްލެވޭ ބަދަލަށް ވާނެ އެވެ. ފޯނުގެ މެއިން ކެމެރާގެ އަޕްގްރޭޑް 12 މެގަޕިކްސެލްސް އަށް އަރައިގެންދާއިރު ފްރޮންޓް ފޭސިން ކެމެރާ ވެސް ފަސް ޕެގަޕިކްސެލްސް އަށް މަތިވެ 1080 ޕިކްސެލްސްގެ ވީޑިއޯ ކުރުމުގެ ކޮލިޓީ އެއަށް ލިބިގެންދާނެ އެވެ.
އަދި އެންމެ ހާއްސަ ސިފައަކީ 4ކޭ ރިޒޮލިއުޝަންގެ ވީޑިއޯ މި އާ އައިފޯނުން ކުރެވުމެވެ.
އެޕަލް އިން އެ ވަނީ އެމީހުންގެ އެޕަލް ވޮޗުގައި މިހާރު ވެސް ޕްރެޝާ ސެންސިޓިވް ޓަޗްގެ ޓެކްނޮލޮޖީ ބޭނުންކޮށްފަ އެވެ. އާ އައިފޯނުތައް ވެސް އެނބުރި އަންނަނީ މި އަޕްގްރޭޑާ އެކުގައި ކަމަށްވެ އެވެ. މާނަ އަކީ އެކި ފެންވަރުގެ ޓަޗްތައް ދެނެގަތުމުގެ ގާބިލުކަން އައިފޯނަށް ލިބި އެގޮތުގައި މަސައްކަތްކުރަން ފަށާނެ ކަމެވެ. މިއިން ކޮންމެ ޓަޗަކީ ވަކި ހާއްސަ ކަމަކަށް ބޭނުންކުރެވޭ ޓަޗްކަން ފާހަގަކޮށްލަން ޖެހެ އެވެ.
އަލަށް ނެރޭ އައިފޯނުތަކުގައި ވަނީ 2ޖީބީގެ ރޭމްއެއް ކަމަށް ވަރަށް ގިނަ ރިޕޯޓްތައް ބުނެ އެވެ. އަދި އައިފޯން 6 އާއި 6 ޕްލަސްގެ މެމޮރީ ދެ ގުނަ އަށް ބޮޑުވެގެންދާނެ ކަމަށް ބެލެވެ އެވެ. މި އާ ފޯނުގެ ރޭމް މަތިކޮށްލާފައިވުމުގެ ސަބަބުން ގިނަ އެޕްތަކެއް އަޅައިގެން ފޯން ސްލޯވުމުގެ މައްސަލަ ހައްލުވާނެ އެވެ.
އާ އައިފޯނުތައް ދައްކާލުމަށް އެޕަލް އިން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި އާ އެޕަލް ޓީވީ އަކާއި 12.9 އިންޗީގެ އައިޕެޑް ޕްރޯ ވެސް ދައްކާލާނެ ކަމަށް ބެލެވެ އެވެ.