ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިސްކިތްތަކުގައި ޖަމާއަތް ހަދާތީ ކަންބޮޑުުވުން

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ކުރެވޭ ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދު، ވަކި މުއްދަތަކަށް މިސްކިތްތަކުގައި ގާއިމު ނުކުރާގޮތަށް ހަމަޖައްސާފައި ވަނިކޮށް ބައެެއް މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ގިނަ ބަޔަކު ނަމާދު ކުރަމުންދާތީ އިލްމުވެރިންނާއި، އާންމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިއްޔެގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް މިސްކިތްތައް ބަންދު ނުކުރާ ކަމަށާ ކޮންމެ ވަގުތަކު މިސްކިތްތަކުގައި ބަންގި ގޮވާނެ ކަމަށް އިސްލާމިިކް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މިސްކިތްތަކުން ބަންގި ގޮވަމުންދަނީ ގޭގައި ނަމާދު ގާއިމްކުރުމަށެވެ.

އިސްލާމިކް މިނިސްޓްރީން މިފިޔަވަޅުތައް އެޅިނަމަވެސް ގިނަ މިސްކިތްތަކެއްގައި ނަމާދު ވަގުތުތަކުގައި ޖަމާއަތް ހަދައިގެން ދަނީ ނަމާދު ކުރަމުންނެވެ. އަދި ޖަމާއަތް ނުހެދިނަމަވެސް މިސްކިތުގެެ އެކި ސަރަހައްދުތަކުގައި ވަކި ވަކިން ގިނަ ބަޔަކު ނަމާދު ކުރާ މަންޒަރު ފެންނަ ވީޑިއޯތަކާއި، ފޮޓޯތައް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އާންމުކޮށްފަ އެވެ.

އަދި އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އަޅާފައިވާ މިފަދަ މުހިންމު ފިޔަވަޅަކަށް އެންމެން ސަމާލުކަން ދިނުން މުހިންމުކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން އިލްމުވެރިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް އިލްމުވެރިން ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތް ގާއިމްކުރުން ވަގުތީ ގޮތުން ހުއްޓާލީ ވަރަށް މުހިންމު ބޭނުމެއްގައި ކަމަށެވެ. އަދި މިއީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

މީގެ އިތުުރުން މި ހާލަތުގައި ގޭގައި ނަމާދު ކުރުމަށާއި، މިސްކިތްތަކަށް ނުދިއުމަށްވެސް އެ އިލްމުވެރިން ތަކުރާރުކޮށް ވަނީ ގޮވާލާފަ އެވެ. އަދި ފުލުހުން އެކަންކަން ބަލާ އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ.

ކޯވިޑް19 ގެ ވަބާ ފެތުރިފައިވާ ގައުމެއްގައި އެ ވަބާއިން އެ ގައުމުގެ ރައްޔިތުން ސަލާމަތްކޮށް ރައްކާތެރި ކުރުމަށްޓަކައި، ދައުލަތުގެ ކަމާބެހޭ ފަރާތުން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ކުރެވޭ ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދު، ވަކި މުއްދަތަކަށް މިސްކިތްތަކުގައި ގާއިމު ނުކުރާގޮތަށް ހަމަޖައްސާފައި އޮތް އޮތުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުންވެސް ވަނީ ބުނެފައެވެ.

އެ މަޖިލީހުގެ 21ވަނަ ފަތުވާގައި ބުނެފައިވަނީ މިފަދަ ހާލަތެއްގައި ޖަމާއަތުގައި ކުރެވޭ ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދު، ވަކި މުއްދަތަކަށް މިސްކިތްތަކުގައި ގާއިމު ނުކުރާގޮތަށް ހަމަޖައްސާފައި އޮތް އޮތުމަކީ ހުއްދަ ކަމެއް ކަމަށެވެ.

"މިއީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި ކީރިތިރަސޫލާގެ މާތްޚަލީފާއިންނާއި މާތްސަހާބީންގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުން ސާބިތުވެ އެނގެން އޮތް ކަމެެއް." އެ ފަތުވާގައި ބުނެފައިވެއެވެ.

ކުރިއަށް އޮތް ދެ ހުކުރު ދުވަހު، ހުކުރު ނަމާދުގެ ޖަމާއަތުވެސް މާލޭ ސަރަހައްދުގައި ނޯންނާނެ އެވެ.