ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެހީތެރިވާނަން، ދިވެހިން ވަޒީފާތަކުން ވަކިނުކުރޭ: ސަރުކާރު

ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، ދިވެހި ސަރުކާރުންވެސް ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް އެހީތެރިވެދޭނެ ކަމަށާ މި ހާލަތުގައި ދިވެހިން އަދާކުރަމުންދާ ވަޒީފާތަކުން އެމީހުން ވަކިނުކުރުމަށް ސަރުކާރުން ގޮވާލައިފި އެވެ.

ސަރުކާރުން ތައާރަފްކޮށްފައިވާ އިކޮނޮމިކް ޕެކޭޖްގެ މައުލޫމާތު ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއީ ވިޔަފާރިވެރިންނާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭ ވަގުތު ކަމަށެވެ. ސަރުކާރުން އޮތީ ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އުނދަގޫތައް ހައްލުކުރުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ތައްޔާރަށް ކަމަށާ މިއަދު ތައާރަފް ކުރެވުނު 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖަކީ ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ފޯރުކޮށްދޭ އެހީ ހެޔޮގޮތުގައި ބޭނުންކުރެވިއްޖެނަމަ މިހާރު ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ބޮޑު އެހީތެރިކަމަށްވާނެ ކަމަށެވެ. އަދި މިއީ ވަޒީފާތައް ރައްކާތެރިކޮށްދޭންޖެހޭ ވަގުތުކަން ފާހަގަކުރައްވާ ދިވެހިންގެ ވަޒީފާތައް މަދުނުކޮށް ކުރިއަށްދިއުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ.

"ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ސަރުކާރުން މި ފޯރުކޮށްދޭ އެހީ ހެޔޮގޮތުގައި ބޭނުންކޮށް، މިކަމުން އަރައިގަންނަން މަސައްކަތް ކުރާއިރު ދިވެހިންގެ ވަޒީފާތައްް މަދު ނުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ފާހަގަކޮށްލަން. ވަޒީފާތައް ރައްކާތެރިކޮށްދެއްވިއްޖެނަމަ ކޮންސެމްޝަނަށް ނޭދެވޭ އަސަރެއް ނުކޮށް، އަވަހަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެވޭނެ. މިއީ ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށާ މުޅި ގައުމަށްވެސް އެންމެ ފައިދާ ހުރި ގޮތް. ސަރުކާރުން މިދަނޑިވަޅުގައި އެއްވެސް ދިވެއްސަކު ބާކީނުވާނެހެން ފިޔަވަޅު އަޅާނަން. އެކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން." މިނިސްޓަރު ވިދާޅުވިއެޗެ.

ނޫސްވެރިންގެ މި ބައްދަލްވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ދިނުމުގައި ބަލާނެ އެންމެ ބޮޑު ކަމަކީ ދިވެހިން ވަޒީފާތަކުން ވަކިނުކުރުން ކަމަށެވެ. އެހެން ކަމުން ދިވެހިން އަދާކުރަމުންދާ ވަޒީފާތަކުން އެމީހުން ވަކިނުކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

އަދި އިކޮނޮމިކް ޕެކޭޖް ނުނަގާ ވިޔަފާރިތަކުން ދިވެއްސަކު ވަޒީފާއިން ވަކިކޮށްފިނަމަ އެމީހަކަށް ގޮތްތަކެއް ހޯދާދިނުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ފުރުސަތުދޭ ދިނުމުގައި ބަލާ އެންމެ ބޮޑު މިންގަނޑަކީ ދިވެހިން ވަޒީފާއިން ވަކިނުކުރުން އިނގޭތޯ. އެކަން އަޅުގަނޑުމެން ބަލަމުންދާނަން މި ފެސިލިޓީ އަޅުގަނޑުމެން ފޯރުކޮށްދޭ ފަރާތްތަކަށް. ދެން މިހެން ދެންނެވިޔަސް ކޮންމެވެސް ވަރަކަށް ފެސިލިޓީއެއް ނުނަންގަވާ ބޭފުޅުންވެސް ތިބަވާފާނެ ވިޔަފާރިވެރިންގެ ތެރޭގައި، އެއަށް އަޅުގަނޑުމެން ގޮތްތަކެއް ހޯދާނެ އިރާދަކުރެއްވިއްޔާ. އެފަދަ ވަޒީފާތައް ގެއްލޭ ފަރާތްތަކަށް ޓްރެއިން ފޯރުކޮށްދީގެން އަލުން ވަޒީފާގެ މާކެޓަށް ނެރުމާ އެކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން ކުރާނަން." ފައްޔާޒް ވިދާޅުވިއެވެ.

Message by Ministry Of Health