ރިޕޯޓް

މަންމައެއްގެ ހިތުގެ އެންމެ ފުންމިނުން: ތުއްތު ލުހްޔާގެ ވާހަކަ

“އައިޖީއެމްއެޗުން ނުވަ މަސްވަންދެން 18 ސްކޭން ހެދިއިރު ނެތް ބުނެފައި ނުވަތަ ފާހަގަކޮށްފައި މި ކުއްޖާ އަކީ މިފަދަ އެއްވެސް މައްސަލައެއް ހުރި ކުއްޖެއް ކަމަކަށް. އެހެންވީމަ އުއްމީދުކޮށްގެން ތިބެވުނީ ހަމަ އާދައިގެ ކުއްޖަކަށް އެންމެ ފުރަތަމަ."

މިއީ އަލަތު ދަރިފުޅަށް ދިމާވެފައިވާ ސިއްހީ ބޮޑު މައްސަލައަކާ ގުޅިގެން ހިތްހަލާކުވެ ދިރިއުޅުން އެފުށް މިފުށަށް ޖެހިފައިވާ މައެއްގެ ހިތުގެ އުދާސްތަކެވެ.

އުމުރުން 30 އަހަރުގެ ދެމަފިރިން ކަމުގައިވާ މަރިޔަމް އެވްލީން އާއި މުހައްމަދު އިޝާންގެ އަލަތު ދަރިފުޅު ލުހްޔާގެ މައްސަލަ އަކީ ކޯޑަލް ރެގްރެޝަން ސިންޑްރޯމް އެވެ. މި ޑިސްއޯޑާގެ ސަބަބުން ކުޑަކުއްޖާގެ ހެދުބޮޑުވުން އައިބުވެ މައިބަދަ ފުރިހަމައެއް ނުވެ އެވެ. މީގެ އެންމެ ސީރިއަސް ކޭސްތަކުގައި ގޮހޮރާއި ޔޫރިނަރީ ބްލެޑާ ވެސް އައިބުވެ ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމަށް ބޭނުންވާ ދޮރު ވެސް ހުންނަނީ ބަންދުވެފަ އެވެ.

ދެން ޖެހެނީ ލޯވަޅު އަޅާށެވެ. ލުހްޔާ ބޮޑުކަމުދަނީ އެގޮތަށް ބަނޑުގެ އަރިމަތީ ފަރާތުގައި އަޅާފައިވާ ލޯވަޅަކުން އޭނާގެ ގޮހޮރުގެ ބައެއް ބޭރަށް ނެރެގެންނެވެ.

އޭނާގެ އުނަގަނޑުގެ ކަށިގަނޑެއް އަދި އުކުޅުވަޅާ ދެ ފައި ގުޅޭ ހިސާބުގަ އާއި ކަކުލުގައި ވެސް ހުޅެއް ނެތެވެ.

ކުރުގޮތަކަށް ބުނަނީ ނަމަ މިއީ މި މަހުގެ 18 ވަނަ ދުވަހު ފުރަތަމަ އުފަން ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނަ ތުއްތު ލުހްޔާގެ ހާލެވެ. އުފަންވީއްސުރެން ފެށިގެން އޭނާގެ މަންމަ އާއި ބައްޕަގެ ކަމަކަށް ވެފައި ވަނީ އެމީހުންގެ ދަރިފުޅު ގޮވައިގެން ކޮންމެވެސް ހޮސްޕިޓަލަކަށް ނުވަތަ ކޮންމެވެސް ޑޮކްޓަރެއްގެ ގާތަށް ދިއުމެވެ.

ނަމަވެސް ދެ މީހުންގެ ތަނަވަސްކަން ވެސް ހަގީގަތުގައި މި ތުއްތުކުއްޖާގެ ބޭސްފަރުވާގެ ކަންކަމަކަށް ތަނެއް ނުދެ އެވެ. ބޮޑަށް ބަރޯސާވެފައި ވަނީ ސަރުކާރުން ލިބޭ 2000 ރުފިޔާގެ އެހީއަކާއި އާންމުންގެ ފަރާތުން ލިބޭ އެހީއަކަށެވެ. 

އިހަކަށް ދުވަހު ވެސް އެއައީ އިންޑިއާ އަށް ގޮސް ޑޮކްޓަރުންނަށް ދައްކައިގެން އޮޕަރޭޝަނެއް ކޮށްގެންނެވެ. އެއީ ކުޑަކަމުދިއުމުގައި ލުހްޔާ އަށް ލުޔެއް ހޯދައިދިނުމަށް ކުރި އޮޕަރޭޝަނެކެވެ.

"އިންޑިއާ އިން މިފަހުން އައިފަހުން ކުރިއަށް ވުރެ ރަނގަޅު. ލޯ ހުޅުވާލާ މީހުންނާ މަޖާކޮށްލާ ހީލާ ހަދާ. ކުރިން ހީވަނީ މަރުވެފައި އޮންނަހެން. ނޭވާލާކަން އެކަނި،" ދަރިފުޅުގެ މިހާރުގެ ހާލަތު ކިޔައިދެމުން އެވްލީން މިއަދު ބުންޏެވެ.

އެވްލީން އަކީ ވަޒީފާއެއް އަދާކޮށްގެން އާމްދަނީއެއް ލިބޭ މަންމައެއް ނޫނެވެ. މާލޭގެ އާއިލާއަކަށް ނިސްބަތްވިޔަސް ވަރަށް އާދައިގެ އާއިލާއެކެވެ. އޭނާގެ މަންމަ ވަރިކޮށްފައިދިޔަގޮތަށް ބައްޕަގެ ޚަބަރެއް ދުވަހަކު ވެސް ނުވާ ކަމަށް އެވްލީން ބުނެ އެވެ.

"މަންމަގެ ތިބޭނެ ހަ ދަރިން. ބައްޕަގެ ނޭނގޭ މިހާރު ދަރިން ތިބި އަދަދެއް ވެސް. ބައްޕައަކަށް އަދި ނުވެސް އެނގޭނެ އޭނަގެ ކާފަ ދަރިއަކު ދުނިޔެ އަށް އުފަންވި ކަމެއް ވެސް. މިއީ އަދި ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ވެސްމެ،" އާއިލާގެ ހާލަތު އެވްލީން ކިޔައިދިނީ މިހެންނެވެ.

އޭނާ އިނދެގެން އުޅޭ އިޝާން އަކީ ކޮންސްޓްރަކްޝަންގެ ދާއިރާގައި އަދާކުރާ ވަޒީފާއަކުން އާމްދަނީއެއް ހޯދާ ޒުވާނެކެވެ.

"ފިރިމީހާ އަށް މުސާރައެއްގެ ގޮތުގައި ލިބެނީ 8000 ރުފިޔާ. އަހަރެމެން މި އުޅެނީ ވެސް ކުއްޔަށް. އުޅޭ ތަނުގެ ކުއްޔަށް އެބަދޭ އޭގެ ތެރެއިން 4000 ރުފިޔާ. ދެން ދަރިފުޅަކީ ބަލި ކުއްޖަކަށްވީމަ ސަރުކާރުން ލިބޭ 2000 ރުފިޔާގެ އެހީ،" އެވްލީން ކިޔައިދިނެވެ.

އޭނާ ބުނީ އެންމެފަހުން އިންޑިއާ އަށް ދިޔައިރު އާންމުންގެ އެކި މީހުން 200 އެއްހާ ޑޮލަރުގެ އެހީވި ކަމަށެވެ. އަދި އެންސްޕާ އިން 500 ޑޮލަރުގެ އެހީއެއް ދަރިފުޅުގެ ބޭސްފަރުވާ އަށް ލިބުނު ކަމަށް ވެސް ބުންޏެވެ.

އޭގެ ކުރިން އިންޑިއާ އަށް ލުހްޔާ ގޮވައިގެން ދިޔަފަހަރު ދިޔައީ އާންމުންގެ އެކި މީހުން އެހީގެ ގޮތުގައި ދިން 25،000ރ. އިން ފުއްދާލައިގެންނެވެ.

މިހާރު މި ދެމަފިރިންނާއި ލުހްޔާ ދަނީ އަނެއްކާވެސް އިންޑިއާ އަށް ބޭސްފަރުވާގެ ދަތުރަކަށް ފުރަން ތައްޔާރުވަމުންނެވެ. އެވްލީން ބުނީ އައިޖީއެމްއެޗަށް ދަރިފުޅު ދައްކައިގެން ޓެސްޓެއް ހެދުމަށް ވެސް އޭނާގެ ހިތެއް މިހާރަކު އަސްލު ނޭދޭ ކަމަށެވެ. 

އެއީ އައިޖީއެމްއެޗުން ކުރެވިފައިވާ ތަޖުރިބާ ހިތިކަމުންނެވެ.

"އިންޑިއާ އިން ދެއްކި ޑޮކްޓަރުން ބުނަނީ ދަރިފުޅުމުގެ ހެދިބޮޑުމަށް މައްސަލަތަކެއް ދިމާވެފައި ވަނީ ބަނޑަށް ތިން މަހުގައި އައިޖީއެމްއެޗުން އަހަންނަށް ދިން އެންޓިބަޔޯޓިކްސްގެ ޑޯޒްތައް މާ މަތިވުމުގެ ސަބަބުން ކަމަށް. އާންމުކޮށް 250 އެމްއެލް ދޭން ޖެހޭ ތަންތަނުގައި 500 އެމްއެލްގެ ޑޯޒް ދީފައި ހުރިކަން އިންޑިއާގެ ޑޮކްޓަރުން ފާހަގަކުރި،" އައިޖީއެމްއެޗުގައި ކުރެވުނު ތަޖުރިބާގެ ވާހަކަތައް ކިޔައިދެމުން އެވްލީން ބުންޏެވެ.

"އެކަމަކު އައިޖީއެމްއެޗުން މިހާރު ބުނަނީ އަޅުގަނޑުގެ ދަރިފުޅުގެ ކިބައިގައި މި މައްސަލަތައް ހުރި ވާހަކަ އެމީހުން އެންމެކުރިން ވެސް އަޅުގަނޑުމެން ގާތު ބުނީމޭ. އެކަމަކު އެއީ ހަމަ ކަނޑައެޅިގެން ދޮގު. މި ދަންނަވަނީ 18 ސްކޭން ހެދިއިރު ނެތް އެ ވާހަކަ އަޅުގަނޑުމެންނަށް ކިޔައިދީފައެއް"

"އެންމެފަހުން އޮޕަރޭޝަންކުރަން ޖެހިގެން ޑޮކްޓަރު ޔަގާނިގީ ލައްވައި ހެދި ސްކޭނަކަށް ފަހު އޭނާ ބުނީ ދަރިފުޅުގެ ފައި ވެސް ހަރަކާތްނުކުރާ ވާހަކަ. ދެން އައިޖީއެމްއެޗުން ބެލި ކުޑަކުދިންގެ ޑޮކްޓަރުން ބުނަމުން ދިޔައީ ވިހެއީމަ ވެސް ރަނގަޅުވެދާނެއޭ."

ބަލިވެ އިން ދުވަސްވަރު ބާރުގަދަ އެންޓިބަޔޯޓިކްސްތަކެއް އެވްލީން ނެގީ ބަލިވެ އިނދެ އޭނާގެ ހަކުރު މަތިވެގެންނެވެ.

އޭނާ ބުނީ މިފަހުން އިންޑިއާ އަށް ފުރުމުގެ ކުރިން ވެސް އައިޖީއެމްއެޗުގައި ދަރިފުޅު އެޑްމިޓްކުރި ކަމަށާއި އެފަހަރު ވެސް އެދެވޭ އެހީއެއް އެތަނުން ލިބިފައި ނުވާ ކަމަށެވެ.

"މި ކޮޅުން ބޭނުމެއް ނުވޭ އަސްލު މިހަރު ދަރިފުޅުގެ އެއްވެސް ޓެސްޓްތަކެއް ހަދާކަށް އަސްލު. އެންމެފަހުން ވެސްވީ ގޮތަކީ ދަރިފުޅު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން އުޅުނުއިރު ބުނީ ހަކުރު ވެސް ހުރި ވާހަކަ. އެކަމަކު އިންޑިއާ އަށް ގޮސް ޓެސްޓްހެދިއިރަކު އޭގެ އެއްވެސް މައްސަލައެއް ނެތޭ ބުނީ. އޭރު އައިޖީއެމްއެޗުން ވަނީ ދަރިފުޅުގެ ހަރުކު ކޮންޓްރޯލްކުރާށޭ ކިޔާފައި އިންސުލިން ވެސް އެކި ފަހަރުމަތިން ދީފައި،" ލުހްޔާގެ މަންމަ ކިޔައިދިނެވެ.

"ދަރިފުޅުގެ އަނގައިން ލޭ އައިސްގެން ލޭ މަނާނުވެގެން އެތަނަށް ދިޔަ ދުވަހެއްގައި ވެސް ދަރިފުޅު އިމަޖެންސީ އަށް ވައްދައިގެން އެތައްއިރެއްވީއިރު ވެސް ޑޮކްޓަރެއް ނަރުހެއް އެޓެންޑެއް ނުކުރޭ. ހަޅޭލަވައިގެން އެމީހުން ގެންނަން ޖެހެނީ."

އެވްލީން ބުނީ އެމީހުންގެ ދަރިފުޅުގެ ސިއްހީ ހާލަތު ހުރިގޮތުން ލޭ ވެސް އަބަދުހެން ކަހަލަ ގޮތަކަށް އަޅަން ޖެހޭ ކަމަށާއި ރަނގަޅު އެއްޗެއް ކާން ވެސް ނުދެވޭ ކަމަށެވެ. އަދިވެސް ލުހްޔާ އަށް ދެނީ ހަމައެކަނި ކިރެވެ.

މީގެ އިތުރުން އޭނާގެ ކުޑަކަމުދިއުމުގެ ނިޒާމާއި ބޮޑުކަމުދިއުމުގެ ނިޒާމެއް ނެތި ހަށިގަނޑުގައި ލޯވަޅު އަޅާފައިހުރުމުގެ ސަބަބުން ނެޕީގެ ޚަރަދު ވެސް އިންތިހާ އަށް ބޮޑު ކަމަށް އެވްލީން ބުންޏެވެ.

"ހަފުތާއެއްގެ ތެރޭގައި ދެ ބޮނޑި ނެޕީން ނުހިފެހެއްޓޭ. މިސާލަކަށް 62 ނެޕީ އޮންނަ ޕެކެޓެއް ވެސް ހަފުތާއެއް ނުވަނީސް އެބަ ހުސްވޭ. ވާގޮތަކީ ދަރިފުޅުގެ ކުޑަކަމުދިއުމާއި ބޮޑުކަމުދިއުމުގައި އެއްވެސް ކަހަލަ ހިފެހެއްޓުމެއް ނުހުރޭ. އަބަދުވެސް ބޮޑުކަމުދެވިފަ ކުޑަކަމުދެވިފަ އޭނާ ހުންނަނީ،" އެވްލީން ބުންޏެވެ.

ދަރިފުޅުގެ މި މައްސަލައާ އެކު މާޔޫސްވެފައިވާ މި އާއިލާ އަށް އެހީވުމަށް އަންނަ ހުކުރު ދުވަހު ރާޅުގަނޑު ސަރަހައްދުގައި ހާއްސަ އިވެންޓެއް އޮންނާނެ އެވެ.