ވިޔަފާރި

ލޯނު ތަކަށް 274 މިލިއަން ރުފިޔާ ދައްކައިފި

Mar 23, 2020

ސަރުކާރުން އެކި މަޝްރޫއުތައް ހިންގަން ނަގާފައިވާ ލޯނު ތަކަށް މި އަހަރުގެ މިހާތަނަށް 274 މިލިއަން ރުފިޔާ ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި މަހުގެ 12 ވަނަ ދުވަހު ނެރެފައިވާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުގެ ނިޔަލަށް ލޯނުތަކަށް ދައްކާފައިވަނީ 300.9 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ބަޖެޓުގައި ލޯނުތައް ދެއްކުމަށް 1.8 ބިލިއަން ރުފިޔާ ކަނޑަޅާފައިވެ އެވެ.

ރާއްޖެއަކީ އުމްރާނީ ތަރައްގީ އާއި މިނޫން ވެސް މަސައްކަތްތައް ކުރުމަށް މާލީ އިދާރާތަކާއި ގިނަ ގައުމުތަކުން ލޯނު ނަގާ ގައުމެކެވެ.

ރާއްޖޭގައި ލޯނެއް ރަސްމީކޮށް ނެގި ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކަނީ އޮކްޓޫބަރު 4، 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރު ވެރިކަމުގަ އެވެ. އެ ފަހަރު ލޯނު ނަގާފައިވަނީ ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރަން ހިންގި ފަސްޓް ފިޝަރީޒް މަޝްރޫއު އަށެވެ. މި މަޝްރޫއަކީ މި ޒަމާނުގައި މި ދެކޭ މަސްވެރިކަމުގެ ފެށުން ކަމަށް ބުނެވިދާނެ އެވެ. އެ ފަހަރު ނަގާފައިވަނީ 2.4 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެވެ. މި ލޯނު ނަގާފައިވަނީ ވޯލްޑް ބޭންކްގެ ގޮތްޕެއް ކަމަށްވާ އިންޓަނޭޝަނަލް ޑިވްލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ނެވެ.