ކޮވިޑް-19

ކޮވިޑް ޖެހިގެން ސައުދީން މީހަކު މަރުވެއްޖެ

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް، ކޮވިޑް19 ޖެހުނު މީހަކު ސައުދީގައި މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ސައުދީން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާން ވިދާޅުވީ ކޮވިޑް19 ޖެހިގެން ފަރުވާ ދެމުންދިޔަ މީހަކު ސައުދީގައި މަރުވެފައިވާ ކަމަށެވެ. އެއީ އަފްގާނިސްތާނަށް އުފަން 51 އަހަރުގެ މީހެއް ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

ތަރްޖަމާން ވިދާޅުވީ ސައުދީގައިވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ކަމަށެވެ. އެގޮތުން ވޭތިވެދިޔަ 24 ގަޑިއިރު މި ބަލި ޖެހުނު މީހުންގެ އަދަދު 205 ވަނީ އަރާފައެވެ. އެންމެ ގިނަ މީހުން ފެނިފައިވަނީ ޖިއްދާ އަދި ރިޔާޒުންނެވެ. އެއީ ޖިއްދާއިން 82 މީހެއް، އަދި ވެރިރަށް ރިޔާޒުން 69 މީހެކެވެ.

ސައުދީން މިހާތަނަށް ކޮރޯނާ ޖެހުނު މީހުންގެ އަދަދު ވަނީ 767ކަށް އަރާފައެވެ.

ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސައުދީ އަރަބިއްޔާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިރެއިން ފެށިގެން 21 ދުވަހުގެ މުއްދަތަކަށް، ވަނީ ކާފިއު ހިންގާފައެވެ. ސައުދީގައި ކާފިއު ހިންގަން ނިންމާފައިވަނީ ރޭގަނޑު 19:00 އިން ހެނދުނު 06:00 އަށް، އެ ގައުމުގެ ހުރިހާ ސަރަހައްދަކަށެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޮރޯނާ ފެތުރެމުންދާއިރު އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ހަތަރުލައްކައަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 17 ހާހުން މައްޗަށް އަރާފައެވެ.