ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިމާރާތް ކުރުން

ކޮންސްޓްރަކްޝަން ވިޔަފާރިތަކަށް ކުރާ އަސަރުގެ ސާވޭއެއް މަސީން ކުރަނީ

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ހުރަސްތަކާއެކު ކޮންސްޓްރަކްޝަން ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކާއި ކުންފުނިތަކަށް ކުރަމުން އަސަރު ދެނެގަތުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ސާވޭގެ މަސައްކަތެއް ފަށައިފި އެވެ.

ކޮންސްޓްރަކްޝަން ކުންފުނިތަކަށް މަސީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ގައުމުތަކުގެ ދަތުރުފަތުރު ހުއްޓި ރާއްޖެއަަށް އަންނަ އިގްތިސާދީ ހީނަރު ކަމުގެ ސަބަބުން ކޮންސްޓްރަކްޝަން ވިޔަފާރިތަކަށް އޭގެ އަސަރު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން، ކޮންސްޓްރަކްޝަން ސިނާއަތުގެ ވިޔަފާރިތަކާއި ކުންފުނިތަކަށް ކުރާނެ އަސަރު ދެނެގަތުމުގެ ސާވޭއެއް އެ އެސޯސިއޭޝަނުން ކުރިއަށް ގެންދާ ކަމަށާއި އެ ސާވޭއަށް ބޭނުންވާ ބައެއް މައުލޫމާތު މި އެސޯސިއޭޝަންގެ އިދާރާއަށް ހިއްސާ ކޮށްދިނުމަށް އެދޭ ކަމަށް އެ ސާކިއުލާގައި މަސީން ބުނެފައިވެ އެވެ.

ކުުންފުނިތަކަށް މަސީން ފޮނުވި ސާކިއުލާއާއެކު، މަސީން ވަނީ އެ މައުލޫމާތުތައް މަސީއަށް ދިނުމަށް ސާވޭ ފޯމެއް ވެސް ފޮނުވާފަ އެވެ. އަދި މާދަމާ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން މަސީގެ ވެބައިސައިޓަށް މެއިލް ކޮށްދިނުމަށް އެ ސާކިއުލާގައި އެދިފައިވެ އެވެ.

މަސީން އެދިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ކުންފުނިތަކުގައި ތިބި ދިވެހި މުވައްޒަފުންގެ އަދަދާއި ބިދޭސީ މުވައްޒަފުންގެ އަދަދު ހިމެނެ އެވެ. މިހާރު ކުންފުނިތަކުން ހިންގަމުންދާ ސަރުކާރުގެ ޕްރޮޖެކްޓްތަކުގެ އަދަދާއި އޭގެ އަގު އަދި އެހެން ޕްރޮޖެކްޓްތަކުގެ އަދަދާއި އޭގެ އަގު ވެސް ހިމެނެ އެވެ. އަދި ކުރިއަށް އޮތް ތިން މަހަށް ލިބޭނެ ކަމަށް އަންދާޒާ ކުރާ ގެއްލުމުގެ އަދަދާއި ލިބުނު ގޮތާއި އޭގެ ތަފުސީލުތައް ވެސް ފޮނުވަން މަސީން ފޮނުވި ސާވޭ ފޯމުގައި ހިމެނެ އެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް 13 މީހަކު ފެނިފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތައް ވެސް ހިމެނޭ ގޮތަށް ގިނަ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އަދި ބައެއް ގައުމުތަކުން ވެސް ވަނީ އެ ގައުމުތަކުން ދަތުރުނުކުރެވޭ ގޮތަށް ލޮކްޑައުންކޮށްފަ އެވެ.

ސަރުކާރުން ލަފާ ކުރާ ގޮތުގައި މި ކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަންނަ ބޭރު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ގެއްލޭނެ އެވެ. އެ ކަމުން އަރައިގަތުމަށް ޓަކައި ސަރުކާރުގެ ހަރަދުތަކުގެ ތެރެއިން ގާތްގަނޑަކަށް ބިލިއަން ރުފިޔާ ސަލާމަތްކޮށް، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖެއެއް ތައާރަފުކުރި އެވެ.