ޓެކްނޯލޮޖީ

އެޕަލްގެ އާ އައިފޯނާއި، އެޕަލް ޓީވީ، އައިޕެޑް ޕްރޯ ދައްކާލައިފި

Sep 10, 2015

އާ އައި ފޯނާ ބެހޭ ގޮތުން ކުކް ބުނީ ބަލާބެލުމަށް ކުރީގެ ފޯނުތަކާ އެއްގޮތް ސިފަ ތަކެއް ހުންނަ ގޮތަށް ޑިޒައިން ކޮއްފައިވާ މި ފޯނުގެ ހުރިހާ ކަމެއްހެން ބަދަލުކޮށް ފެންވަރު މައްޗަށް ޖައްސާފައިވާނެ ކަމަށެވެ. މިފަހަރުގެ ދެ އައިފޯން ކަމައްވާ އައިފޯން ސިކްސްއެސް އަދި ސިކްސްއެސް ޕްލަސް ގައިވެސް ބޭނުންކޮއްފައިވާ މެޓީރިއަލް އަކީ މަތިންދާބޯޓުގައި ބޭނުން ކުރާ މެޓީރިއަލްއެކެވެ. ހަތަރު ކުލައަކުން މިފަހަރު ފޯނު ލިބެން ހުންނާނެ އެވެ. އެއީ ރިއްސާއި، ރަނާއި، ސްޕޭސް ގްރޭގެ އިތުރުން ރޯސް ގޯލްޑެވެ. ހުރިހާ ތަފާތުތަކާއެކުވެސް އައިފޯނަށް ގެނެއްސައިވާ އެންމެ ބޮޑު ތަފާތަކަށް ފާހަގަ ކުރެވުނީ ތްރީޑީ ޓަޗް ސްކްރީނެވެ. މީގެ އިތުރުން ބާރަ މެގަ ޕިކްސެލް ކެމެރާއަކާއި ފަސް މެގަ ޕިކްސެލްގެ ކުރިމަތީ ކެމެރާއެއްވެސް ހިމެނޭނެއެވެ. އާ އައިފޯން ފިހާރަތަކާ ހަމައަށް އަންނާނީ މިމަހު ފަންސަވީހުގައެވެ.

އައިޕެޑް ޕްރޯ އަކީ ކުރިންވެސް ބެލެވުނު ގޮތަށް ބޮޑު އަދި ހަލުވި އުފެއްދުމެކެވެ. 12.9 އިންޗީގެ މި އައިޕެޑް ގެ ބޯމިން އައިޕެޑް އެއާ އަކާއި އެއްވަރެވެ. އަދި ފަނަރަ އިންޗީގެ މެކްބުކް ޕްރޯ އަކަށް ވުރެ ސްކްރީނުގައި ޕިކްސެލް ގިނަ މި އައިޕެޑް ގައި އިންނާނީ ރެޓީނާ ޑިސްޕްލޭއެކެވެ. ނަމުން ވެސް އިޝާރާތް ކުރާހެން، އައިޕެޑް ޕްރޯ އަމާޒުކޮއްފައި ވަނީ ވިޔަފާރިއާއި އޮފީސް ބެނުންތަކުގެ އިތުރުން ޑިޒައިން ކުރާފަރާތްތަކަށެވެ.

އެޕަލްޓީވީ އަށް ބަލާލާއިރު، މިއީ އެޕްސްޓޯރަކާއެކު އަންނަ ޓީވީ އެކެވެ. އެޕަލް އިން ގަބޫލުކުރާ ގޮތުގައި ޓީވީގެ މުސްތަގުބަލަކީ އެޕްސް އެވެ. މި ޓީވީ އާއި އެކު ތޫނުފިލި ޕާސަނަލް އެސިސްޓެންޓް ސިރީ ވެސް ހިމެނެއެވެ. ބަލަން ބޭނުންވާ ޗެނަލާއު ޖުމްލަކޮށް ޓީވީ އެއްގެ ރިމޯޓުން ކުރެވޭނެ ހުރިހާ ކަމެއްވެސް ސިރީ ކައިރީ ބުނެލުމުން ކޮއްލަދޭނެއެވެ. ތާޑް ޕާޓީ ޑިވަލޮޕަރުންނަށް އެޕްލިކޭޝަންތައް ހުޅުވާލާފައި ވުމަކީ ޓީވީއަށް ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމެވެ. އަދި ޓީވީން އެޕެއްގެ އެހީގައި ފިހާރަތަކުން ތަކެތިވެސް ގަނެވޭނެއެވެ.