ދުނިޔެ

ނިއުޒީލެންޑް މިސްކިތް ހަމަލާ: 51 މީހުން މަރާލިކަމުގެ ދައުވާއަށް އިއުތިރާފްވެއްޖެ

ނިއުޒީލޭންޑްގެ ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ބަޑީގެ ހަމަލާދިން މީހާގެ މައްޗަށް އުފުލާފައިވާ 51 މީހުން މަރާލި ކަމުގެ ދައުވާއަށް އޭނާ އިއުތިރާފު ވެއްޖެ އެވެ.

އޭގެ އިތުރުން، ބަޑީގެ ހަމަލާާދިން އޮސްޓްރޭލިއާގެ ބްރެންޓަން ޓަރަންޓް ވަނީ އިތުރު 40 މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނުކަމުގެ ދައުވާއަށްވެސް އިއުތިރާފްވެފަ އެވެ.

އެ ހަމަލާއަކީ ނިއުޒީލޭންޑްގެ ތާރީހުގައި ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާއަށް ވެފައިވާއިރު އެ ހާދިސާއާއި ގުޅިގެން އެ ގައުމުގެ ޕާލިމަންޓުން ބަޑި ގެންގުޅުމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް މިލިޓަރީ އަދި ސެމި އޮޓޮމެޓިކް ބަޑި ނުގެންގުޅެވޭ ގޮތަށް ވަނީ މަނާކޮށްފަ އެވެ.

ޓަރަންޓް މީގެ ކުރިން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އަދި އޭނާގެ ޝަރީއަތް ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް އޮތީ ތާވަލުކޮށްފައި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ހުކުމް އިއްވާ ޝަރީއަތަށް ހާޒިރުނުވެވޭތީ، ޓަރަންޓަށް ހުކުމް އިއްވުމަށް ވަކި ތާރީހެއް ކަނޑައަޅާފައެއްނުވެ އެވެ.

ނަމަވެސް، މެއި 1 ވަނަ ދުވަހާ ހަމައަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ކުރިން ޖިމްއެއްގައި ޕާސަނަލް ޓްރޭނާއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޓަރަންޓް ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 15 ދުވަހު ކްރައިސްޓްޗާޗްގެ ދެ މިސްކިތަކަށް ވަދެ ހުކުރު ނަމާދަށް ތިބި މީހުން ގަޔަށް ބަޑި ޖަހައި މަރާލައިފަ އެވެ. އަދި އެ މަންޒަރު ވަނީ ފޭސްބުކް މެދުވެރިކޮށް ލައިވް ވެސް ކޮށްފަ އެވެ.

އެ ހަމަލާ ދިނުމުގެ ކުޑަވަގުތު ކޮޅެއް ކުރިން، ޓަރަންޓް ވަނީ އޭނާގެ ހަރުކަށި ހިޔާލުތައް ހިމަނައި، 74 ސޮފްހާގެ "މެނިފެސްޓޯ" އެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

އޭނާގެ މެނިފެސްޓޯ އެކުލަވާލާފައިވަނީ، އިމިގްރޭޝަން އާ އެކި ނަސްލުގެ މީހުން "މަސްހުނި" ވެ ޔޫރަޕާއި ހުޅަނގުގައި ދިރިއުޅޭ "ހަގީގީ" ދޮން މީހުންނަށް ކުރިމަތިވާ "ނުރައްކާތަކާއި" ގުޅޭ ގޮތުންނެވެ.