ވިޔަފާރި

މުދާ ގެންނަން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކެއް

ރާއްޖެއަށް ބޭނުންވާ މުދާ ގެންނަން މޯލްޑިވިއަނުން ޗާޓަރު ފްލައިޓް ތަކެއް ބާއްވަން ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވިއަންގެ ޕީއާރް އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މުދާ އެތެރެ ކުރަން ބޭނުންވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލީ ކުރިއަށް ރޯދަ މަސް އޮތުމާއެކު މުދާ ގެންނަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

"ގައުމީ އެއާލައިންގެ ހައިސިއްޔަތުން ހުޅުވާލާ ފުރުސަތެއް މިއީ. ބޭނުން ވިޔަފާރިވެރިއަކަށް ޗާޓަރު ކުރަން ފުރުސަތު ލިބޭނެ،" ވަސީމް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ވަނީ ކޮލަމްބޯ އާއި ޓްރިވެންޑްރަމް އަދި ޗެންނާއީ އާއި ތައިލެންޑާއި ދުބާއީ އަށް ޗާޓަރު ފްލައިޓް ތަކެއް ބާއްވަން އިއުލާނު ކޮށްފަ އެވެ. އަދި މީގެ އިތުރުން ވެސް އެހެން ގައުމުތަކަށް ފްލައިޓް ބާއްވަން ފުރުސަތު އޮންނާނެ ކަމަށް ބުންޏެވެ.

ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިރޭ 12:00 އިން ފެށިގެން ބަންދު ކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ސަރުކާރުން މިގޮތަށް ނިންމާފައި ވަނީ ކޮރޯނާ ވައިރަސް ދިވެހި ރައްޔިތުންގެ ތެރޭގައި ފެތުރުމުގެ ފުރުސަތު އޮތުމުންނެވެ. އެހެންވެ އެއާޕޯޓް ބަންދު ކުރުމާއެކު ރާއްޖެއަށް ކާގޯ އެތެރެ ކުރާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވާނެ އެވެ. އެހެންވެ ޗާޓަރު ފްލައިޓުތަކެއް ބާއްވާނެ ކަމަށް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައިވެ އެވެ.