މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

މާވަރުލު އެއާޕޯޓްގެ ދަތުރުތައް ފެށުން އަނެއްކާ ފަސްކޮށްފި

ގދ. މާވަރުލު އެއާޕޯޓަށް ދަތުރުތައް ފެށުން ފަސް ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ. މިއީ މާވަރުލަށް ދަތުރުތައް ފެށުން ފަސްކުރި ދެވަނަ ފަހަރެވެ.

ޓްރާސްޕޯޓުން މިއަދު ބުނީ ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރުތައް ނޫން ދަތުރެއް ނުކުރަން ސަރުކާރުން އިލްތިމާސް ކޮށްފައިވާތީ މާވަރުލު އެއާޕޯޓުގެ ފްލައިޓް އޮޕަރޭޝަންސް ފެށުން މިވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ.

"ރާއްޖޭގެ ހާލަތަށް އަންނަ ހެޔޮ ބަދަލުތަކަށް ބަލާ ‏މާވަރުލު އެއާޕޯޓުގެ އޮޕަރޭޝަންސް ފަށަން ކަނޑައަޅާ ތާރީހެއް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އިއުލާން ކުރެވޭނެ ވާހަކަ ދަންނަވަން." އެ މިނިސްޓްރީގެ މެސެޖެއްގައި ބުނެފައި ވެއެވެ.

ގދ. ގައްދޫ ކައިރީގައިވާ މާވަރުލުގައި އެއާޕޯޓެއް ހަދަން އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް ހިއްސާވާ މޫވިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް އެމްޑީޕީގެ ސަރުކާރުން ޖުލައި 10، 2011 ގައެވެ. މާވަރުލު އެއާޕޯޓްގެ ބޮޑުބައެއް ނިމިފައިވަނިކޮށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ސަރުކާރުން މޫވިން އިންޓަނޭޝަނަލްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި އެއާޕޯޓުގެ މަސައްކަތް އަލުން ހަވާލު ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެކުންފުންޏަށް އެއާޕޯޓުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި އެއާޕޯޓުގެ މަސައްކަތް ވަރަށް ބޮޑަށް ވަނީ މަޑުޖެހިފަ އެވެ.

މާވަރުލު އެއާޕޯޓާ ގުޅިފައިވާ އެއަތޮޅުގެ ރައްޔިތުން ވަނީ އެއާޕޯޓުގެ މަސައްކަތް ދިގުލައިގެން ދިޔުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެމްޓީސީސީން ބުނީ އެއާޕޯޓުގެ މަސައްކަތް ނިންމާފައިވަނީ ކަނޑައެޅި ތާރީހަށްވުރެ އަވަހަށް ކަމަށެވެ.

މާވަރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖަލްސާފައިވަނީ މީގެ ދެ ހަފުތާ ކުރިންނެވެ.