ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިޔަފާރިތަކުގެ ހާލަތު ރިޕޯޓު ކުރެވޭނެ ގޮތް ހަދަނީ

އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކަށް ވެސް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރާ ލޯން ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީގައި ގާއިމު ކޮށްފައިވާ ޖޮބް ސެންޓާ ޕޯޓަލްގައި ވަރަށް އަވަހަށް އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކުގެ ހާލަތު ރިޕޯޓު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދޭނެ ކަމަށެވެ.

މިހާރު ވެސް މެދު އަދި ކުދި ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ގާއިމު ކޮށްފައިވާ ކުންފުނި، އެސްއެމްޑީއެފްސީގެ ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ވިޔަފާރިތަކަށް ވެސް އޮތް ކަން ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވީ އެ ކުންފުންޏަށް ވީވަރަކުން ގިނަ ބަޔަކަށް އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ.

"އެސްޑީއެފްސީއަށް ވެސް ކުރެވެން އޮތް މަސައްކަތަކީ ވަރަށް ލިމިޓެޑް މަސައްކަތެއް، އެކަމަކު ވެސް ވީހާ ވެސް ގިނަ ފަރާތްތަކަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ،" ފައްޔާޒުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅިގެން، އެސްޑީއެފްސީ އިން ވަނީ އެކުންފުނިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށް، އެ ހަ މަސް ދުވަހުގެ އިންޓްރެސްޓް ރޭޓް ހަތަރު ޕަސެންޓަށް ކުޑަކޮށްފަ އެވެ.

މިދިޔަ އަހަރު މާޗް މަހުން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފަރިތަކަށް މާލީ އެހީތެރިކަން ފޯރުކޯށްދިނުމުގެ ހިދުމަތް ދެމުން އަންނަ އެސްޑީއެފްސީ އިން ގެސްޓްހައުސް އެޅުމަށާއި ދަނޑުވެރިކަމަށާއި ވިޔަފާރި ފެށުމަށާއި ވިޔަފާރި ފުޅާ ކުރުމަށް ލޯނު ދޫކުރެ އެވެ. ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަވުމުގެ އިތުރުން، އިކްއިޓީއަށް ދޭން ޖެހޭ ވަރު ވެސް ކުޑަ އެވެ.