ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

ވެބް ކޮންފަރަންސްކޮށް މަޖިލިސް ޖަލްސާ ބާއްވަން ތައްޔާރުވަނީ

Mar 28, 2020
3

ވެބް ކޮންފަރެންސް މެދުވެރިކޮށް ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ބާއްވަން ފަހުގެ ތައްޔާރީތައް ވަމުން އެބަދެ އެވެ.

ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުން އައންނަ ކޮވިޑް-19 ބަލިން ރައްކާތެރިވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލައިފަ އެވެ. އަދި އަންނަ ހަފުތާއިން ފެށިގެން މެންބަރުން ގޭގައި ތިއްބަވައި އިންޓަނެޓް މެދުވެރިކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ވެސް ވަނީ ނިންމައިފަ އެވެ.

ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ މިއަދު ވަނީ އެކަމުގެ ތައްޔާރީތައް ވަމުން އަންނަ ފޮޓޯތަކެއް ޓުވީޓް ކުރައްވައިފަ އެވެ. އެ ފޮޓޯތަކުގައި ބައެއް މެންބަރުންނާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވާތަން ފެނެ އެވެ. އެގޮތުން ރައްޔިތުން މަޖަިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް އެމްޑީޕީ މެންބަރުންގެ އިތުރުން ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް އެ ތައްޔާރީތަކުގައި ބައިވެރިވެ އެވެ.

ވީޑިއޯ ކޯލްގެ އިތުރުން ޗެޓް މެދުވެރިކޮށް ވެސް މެންބަރުން ވާހަކަފުޅު ދައްކަ އެވެ. އެ ޗެޓްލޮގްގައި ނިޒާމީ މައްސަލައެއް ނުވަތަ ވާހަކަ ދެއްކުމަށް ފުރުސަތަކަށް ވެސް ބައެއް މެންބަރުން ވަނީ އެދިފަ އެވެ.

"ވެބް ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިޔުމުގެ ފަހު ޓްރައިލް ރަން ކުރިޔަށް ދަނީ،" އިންތި ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

ސަރުކާރު ބަންދު ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދު ކޮށްފައި ނުބޭއްވޭނެ ކަމަށާއި ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތައް ގޭގައި ތިބެގެން ކުރިޔަށް ގެންދާއިރު ދާދި ފަހުން މަޖިލީހުން ވަނީ އެކަން ކުރާނެ ގޮތުގެ އުސޫލެއް ފާސްކޮށްފަ އެވެ. އެގޮތުން ފުރުސަތަށް އެދޭނެ ގޮތާއި ނިޒާމީ މައްސަލައެއް ނަގާނެ ގޮތުގެ އިތުރުން ވޯޓަށް އަހާނެ ގޮތްތައް ބަޔާން ކޮށްފައިވެ އެވެ.