ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކަރަންޓީގައި ތިބި ބައެއް މީހުން ބައްދަލުކުރާ މައްސަލަތަކެއް ބަލަނީ

ކަރަންޓީން ފެސިލިޓީތަކުގައި ތިބި ބައެއް މީހުން އެކުގައި އުޅޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ އެކަން ބަލަން ފަށައިފި އެވެ.

ކޮވިޑް19 އާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެފަދަ ދެތިން މައްސަލައެއް ސަރުކާރުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

ކަރަންޓީގައި ތިބޭ މުއްދަތުގައި އެކަކު އަނެކަކާ ބައްދަލްވެ ނޫޅެވޭނެ ކަމަށާ ކަރަންޓީން ކުރާ މީހަކަށް ވަރަށް ރަނގަޅަށް އޭނާގެ އުޅުން ބަހައްޓަން ޖެހޭގޮތް ކިޔައިދީފައިވާނެ ކަމަށް މަބުރޫކް ވިދާޅުވިއެވެ. މަބުރޫކް ވިދާޅުވީ އެކަންކަން މިހާރު އެޗްޕީއޭއާ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ބަލަމުންދާ ކަމަށެވެ.

"..އެހެންނެއް ނޫޅެވޭނެ، ވަރަށް ކްލިއާ ގައިޑްލައިން ދީފަ ހުންނާނެ. މިހާރު އަދި އެ އެއްޗެހި ހުރީ ތަންކޮޅެއް ހަރުކަށިވެސް ގޮތަކަށް. ވަކި އިރެއްގަ އޭނަ ހުންނަ ކޮޓަރީގެ ދޮރު މައްޗަށް ނިކުމެވޭނެ، ދޮރުމަތީގައި ހުންނަ ބީޗަށް ނިކުމެވިދާނެ. އޭނާ އެކަންޏޭ އެހެން އުޅެވޭނީ. އިތުރު މީހަކާ ކައިރީގައި ނޫޅެވޭނޭ. މިހެން ހެދިފަ ހުންނަ ގައިޑްލައިނެއް. އެހެން ނަމަވެސް ބުނި ގޮތް ނޫން ގޮތަށް އުޅެފަހުރި ކޭސްތަކެއް އެބަހުރި ލިބިފައި." މަބުރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަންކަން ބެލުމަށްފަހު އެޗްޕީއޭއިން ނިންމާ ނިންމުމުގެ މައުލޫމާތު ހާމަކުރާނެ ކަމަށެވެ.

މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 824 މީހަކު އެބަތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން ބައެއް މީހުން ކޮޓަރިތަކުން ނިކުމެ، އެހެން ކޮޓަރިތަކުގައި ތިބޭ މީހުންގެ ކައިރިއަށް ގޮސް ބައްދަލްކޮށް ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ.

މިފަދަ މައްސަލަތަކެއް އެޗްޕީއޭއިން ބަލަމުންދާއިރު، ކަރަންޓީގައި ހުރި ދިވެއްސަކަށް ކޮވިޑް19 ޖެހިފައިވާކަން އިއްޔެ ވަނީ ޔަގީން ކުރެވިފައެވެ. އެއީ އިނގިރޭސިވިލާތުން މިމަހުގެ 22 ވަނަ ދުވަހު ރާއްޖެ އައި މީހެކެވެ. އޭނާގެ ކިބައިން މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ރޯގާގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ. ނަމަވެސް 25 ވަނަ ދުވަހު ބައެއް އަލާމާތްތައް ފެންނަން ފެށުމުން އޭނާގެ ސާމްޕަލް ނަގާ ޓެސްޓް ކުރުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ.