ރިޕޯޓް

ފުރަތަމަ ވެސް ލިބުނީ އެއްމާބަނޑު ދެބެން، އެކަމަކު ރޮވުނީ އުފަލަކުން ނޫން!

މިދިޔަ މަހުގެ 29 ވަނަ ދުވަހަށް އިރުއެރިއިރު ފައިސަލް އަލީ އަށް އެއީ ހަމަ އާދައިގެ ދުވަހެކެވެ. ކައިރީގައި އޮތް އަނބިމީހާ ކައިރިން ތެދުވިގެން ގޮސް ފެންވަރަން ފާޚާނާ އަށް ވަނީ އޮފީހަށް ދާން ގަޑިޖެހޭތީ އެވެ.

ނަމަވެސް ކުރިއަށް ދެން އެޅި ފިޔަވަޅާ އެކު ފައިސަލްގެ ފައިދަށުން ބިންގަނޑު ދަމައިގެންދިޔައީ އެވެ.

ގައިގައި ސައިބޯނިލައިގެން ފެންވަރަން ހުއްޓައި އޭނާ އަށް އިވުނީ ނިކަން ބާރު އަޑުފަށްގަނޑެކެވެ. އެއްޗެއް ވެއްޓިގެން ގޮސް ބިންމަތީގައި ޖެހުނު އަޑެވެ.

ތެޅިފޮޅިގަނެގެން އޭނާ ފާޚާނާ އިން ބޭރަށް ނުކުތްއިރު ތަޅުންގަނޑު މައްޗަށް ދެމިފައި އޮތީ ބަލިވެ އިން އޭނާގެ އަންހެނުންނެވެ. އެއީ 24 އަހަރުގެ އައިމިނަތު ވަހީދާ އެވެ. އޭނާގެ ބަނޑަށް އަށް މަހެވެ.

ބަނޑު ވަރަށް ވެސް ބޮޑެވެ. އެއްމާބަނޑު ދެ ބެއިން އެ ބަނޑުގައި އޮތީމަ ކަމަށް ވެސް ވެދާނެ އެވެ.

ފައިސަލް ފާހާނައަށް ވަންއިރު ކޮޓަރި ތެރޭގައި ނަލަކޮށް ހުރި އައިމިނަތު ވެއްޓުނީ ފިޓްޖެހިގެންނެވެ.

ވެއްޓިގެން ގޮސް މެޝިނުގެ އަރިމަތީގައި މޫނު ޖެހި ލޯ ކައިރި ދުޅަވެފައި އޮތް އަނބިމީހާ ފެނުމުން އެންމެ ފުރަތަމަ ހަދާނެ ގޮތެއް ވެސް ފައިސަލަކަށް ނޭނގުނެވެ. އަނބިމީހާ ދެ އަތްދަނޑި މައްޗަށް ލައިގެން ދުއްވައިގަތުންވެސް ވީ ފަސޭހަ ކަމަކަށް ނޫނެވެ.

އެހެންވެ އޭނާ ހަޅޭފަޅޭޖަހައިގަތީ އެވެ. ގޭގައި ދެން ތިބި މީހުން ގެނެސް އެމީހުންގެ އެހީއާ އެކު އެމްބިއުލާންސަކަށް ގުޅާލައިގެން ގޮސް ވެއްދީ އޭޑީކޭ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމަށެވެ.

އިމަޖެންސީ އަށް ވެއްދިތަނުން އަނެއްކާވެސް އައިމިނަތު ފިޓް ޖެހިއްޖެ އެވެ. ޑޮކްޓަރުން އައިސް އެންމެ ފުރަތަމަ ވެސް ހެއްދީ ސްކޭނެކެވެ. އެއަށް ފަހު ނިންމީ އައިމިނަތުގެ ބަނޑުގައި އޮތް ދެ ކުދިން ވީހާ ވެސް އަވަހަކަށް ސިޒޭރިއަން ހަދައިގެން ނެގުމަށެވެ.

އޮޕަރޭޝަނަށް ފަހު ވޯޑަށް ބަދަލުކުރަނިކޮށް ވެސް އައިމިނަތަށް ފިޓް ޖެހުނެވެ. އެއަށް ފަހު އޭނާގެ ހާލު އެއްކޮށް ރަނގަޅުވަންދެން އައިސީޔޫގައި ހޭދަކުރި ތިން ދުވަހު ވެސް ފިޓް ޖެހުނެވެ.

ކުރިން ދުވަހަކު ވެސް ފިޓްޖެހިފައި ނެތް އައިމިނަތަށް ފިޓްޖެހުނީ ބަލިވެ އިނދެ ލޭގެ ޕްރެޝާ މަތިވެގެން ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ކޮންމެއަކަސް ހީވެފައި އޮތީ ލިބުނު އެއްމާބަނޑު ދެ އަންހެން ކުދިންނާ އެކު އަންހެނުންނަށް ދިމާވި ކުއްލި މި ނުތަނަވަސްކަމުން ފައިސަލަށް އަރައިގަނެވިދާނެ ކަމަށެވެ. ނަމަވެސް އެކަންވީ އެހެންނެއް ނޫނެވެ.

ދުވަސްނުފުރާ، ސިޒޭރިއަން ހައްދައިގެން ނެގި ދެ ކުދިންނާ އެކު ލިބެން އޮތް އުފާވެރިކަން އޮތީ އޭގެ މާ ކުރިން މިލައި މޯޅިވެފަ އެވެ. އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށް ވެސް ސީރިއަސްވީމަ އެވެ.

އެންމެ ފުރަތަމަ އަށް ނެގި ކުއްޖާ އަށް ފައިސަލް އާއި އައިމިނަތު ދިން ނަމަކީ އައިކާ އެވެ. ހާލު ދެރަވެގެން އަދިވެސް ނާސަރީގައި އޮތީ އެއަށް ފަހު ނެގި އަރީކާ އެވެ.

އަރީކާގެ މައްސަލަ އަކީ އޭނާގެ ގޮހޮރުގައި އުފެދިފައިވާ އައިބެކެވެ. ގޮހޮރު މުޅިން ފުރިހަމަނުވެ ހުރިއިރު ވަކި ހިސާބަކުން ގޮހޮރު ވަނީ ބެދިފަ އެވެ. އޭގެ ސަބަބުން ނަޖިސް ބޭރުނުވެ އޭނާގެ ބަނޑު އޮތީ ވިހޭއިރު ވެސް ނިކަން ބޮޑުވެފަ އެވެ.

އޭޑީކޭގެ ޑޮކްޓަރުން މިހާރު ވަނީ ކުއްލި އޮޕަރޭޝަނެއްކޮށް މި ތުއްތު އަރީކާ އަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ހޯދައިދީފަ އެވެ. އެގޮތުން މިހާރު ވަނީ އޭނާގެ ފޫޅާ ދިމާލު ތިރިން ބަނޑުގައި ލޯވަޅެއް އަޅައިގެން އޭނާގެ ގޮހޮރުގެ ބައެއް ބޭރަށް ނެރެ ބޮޑުކަމުދިއުމުގައި ފަސޭހަކުރުމަށް ވަގުތީ ހައްލެއް ހޯދައިދީފަ އެވެ.

މިހެން ހެދީ އެ ކުއްޖާގެ ފުރާނަ އަށް ނުރައްކާވެދާނެތީ އެވެ.

މި ވަގުތީ ހައްލަށް ފަހު ފައިސަލް އާއި އައިމިނަތު މިހާރު ތައްޔާރުވަމުން ދަނީ މީގެ ތިން މަސް ފަހުން އަރީކާ ކުރަން ޖެހޭ އޮޕަރޭޝަނަކަށެވެ. އެއީ އަރީކާގެ މައްސަލަ ރާއްޖެއިން ބޭރަށް ގޮސް އޮޕަރޭޝަންކޮށްގެން އެއްކޮށް ރަނގަޅުކުރެވިދާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ދީފައިވީމަ އެވެ.

ނަމަވެސް ރަތަފަންދޫ އަށް ނިސްބަތްވާ ފައިސަލް އާއި ރަސްގަތީމަށް ނިސްބަތްވާ އައިމިނަތުގެ އަތުގައި އެމީހުންގެ ދަރިފުޅުގެ ބޭސްފަރުވާ އަށް އިތުރަކަށް ހޭދަކުރާނެ އެއްވެސް އެއްޗެއް މިހާރަކު ނެތެވެ. އަތުގައި ހުރި ހުރިހާ ފައިސާއަކާއި އެކި މީހުންގެ އަތުން ލިބުނު ހުރިހައި ފައިސާއިން އެމީހުންނަށް އޭޑީކޭގެ ބިލްގެ ރަނގަޅަކަށް ނުދެއްކުނެވެ.

އެންމެފަހުން އެ ބިލަށް އެރި ބައި ލައްކަ އަށް ވުރެ ރުފިޔާ ދެއްކީ އަންހެން ކުއްޖާގެ ބޭބެއަތުން ފަހުން ދައްކާ ގޮތަށް ފައިސާ ނަގައިގެންނެވެ. އެ ބޭބެއެއް އޭނާގެ އަންހެން ކޮއްކޮ އަށް އެހީވީ އޭނާގެ ދެ ތިން މަހުގެ މުސާރަ އެޑްވާންސްކޮށް ނަގައިގެންނެވެ.

ފައިސަލް އަކީ އެމްޓީސީސީގެ ފެރީ ސެކްޝަނުގައި މަސައްކަތްކުރާ ސެކިއުރިޓީ އޮފިސަރެކެވެ. އޭނާގެ އަންހެނުން މިހާރު ހުންނަނީ ގޭގަ އެވެ.

ދެ މީހުން އުޅެނީ އަންހެން ކުއްޖާގެ ދައްތައަކާ ހިއްސާވެގެން މާލެއިން ކުއްޔަށް ހިފާފައިވާ އެޕާޓްމެންޓެއްގަ އެވެ. ކުލީގެ ގޮތުގައި މަހަކު 9000ރ. ދައްކަން ޖެހޭއިރު ފައިސަލްގެ މުސާރަ އަކީ 4،700ރ. އެވެ. އިތުރު ގަޑި އާއި އިނާޔަތްތަކުން ޖުމްލަ 8000ރ. އަށް އެރި ނަމަވެސް އުޅެނީ ދެކޮޅުނުޖެހިގެންނެވެ.

އޭނާގެ އަތުގައި އިންސްޓޯލްމެންޓަށް ނަގާފައި ހުރި ސައިކަލެއް ވެސް އެބަހުއްޓެވެ. އެއަށް ވެސް ކޮންމެ މަހަކު 3000ރ. ދައްކަން ޖެހެ އެވެ.

"އެހެންވީމަ އަޅުގަނޑު މި ދަނީ ވަރަށް ގިނަ ތަންތަނަށް އެހީ އަށް އެދެމުން ސިޓީ ވެސް ފޮނުވަމުން. އެއީ ދަރިފުޅަށް ބޭސްކުރާނެ ތަނަވަސްކަން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާގައި ނެތީމަ،" ފައިސަލް ބުންޏެވެ.

އޭނާ ބުނީ އޭޑީކޭ އަށް ދައްކަން ޖެހުމުގެ ސަބަބުން އާސަންދަ އަށް ލިބެނީ 40 ޕަސެންޓް ކަމަށްވެފައި ބާކީ ހުރިހާ ޚަރަދެއް ކުރަން ޖެހުނީ އަމިއްލަ އަށް ކަމަށެވެ.

ހޮސްޕިޓަލްގެ ޚަރަދު ވެސް މީހުން ގާތު ސަލާންޖަހައިގެން ދެއްކުމަށް ފަހު މިހާރު އެމީހުން އެތިބީ އަނެއްކާވެސް އެހީ އަށް އެދި ދެ އަތް ދިއްކޮށްލައިގެންނެވެ.