ވިޔަފާރި

މޯލްޑިވިއަނާއި ސްރީލަންކަންގެ ކާގޯ ފްލައިޓް ލަންކާއަށް

Mar 29, 2020

ސްރީލަންކަން އެއާލައިންސް އާއި މޯލްޑިވިއަންގެ ކާގޯ ފްލައިޓެއް ސްރީލަންކާއަށް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ރާއްޖެއަށް ބޭނުންވާ ކާގޯ ގެންނަން ބާއްވާ ޗާޓަރު ފްލައިޓް އޮންނާނީ މިއަދު އެވެ. އަދި ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކާއިން ބާއްވާ ކާގޯ ފްލައިޓް އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.

ސްރީލަންކަން އިން ރާއްޖެއަށް ބާއްވާ ފްލައިޓް މާލެއިން ފުރާނީ 31 ވަނަ ދުވަހުގެ ހެނދުނު 8:25 ގަ އެވެ. އެ އެއާލައިނުން ބުނީ ރާއްޖެ އިން ފުރާ ފްލައިޓަށް މާލެއިން ސްރީލަންކާއަށް ގެންދަން ބޭނުންވާ ބައެއް ސާމާނު ގެން ގޮސް ދިނުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ރާއްޖެއިން ލަންކާއަށް ގެންދާ ބޭބީ ފުޑާއި އެ ފަދަ ބައެއް ތަކެތި މާލެއިން ގެންގޮސް ދޭން ބައެއް ފަރާތްތަކުން އެދެމުންދާ ކަމަށެވެ. އެހެންކަމުން މި ފަދަ ތަކެތި އެ އޮފީހަށް ގެންގޮސް ދިނުމުން ލަންކާއަށް ގެންގޮސް ދޭނެ ކަމަށެވެ.

ކޮވިޑް-19 ފެތުރުމުގެ ބިރު އޮތުމާއެކު ރާއްޖެއަށް އޮން އެރައިވަލް ވިސާ ދިނުން ސަރުކާރުން ވަނީ މެދުކަނޑާލާފަ އެވެ. މި ބަދަލާއެކު ރާއްޖެއަށް ބާއްވާ ޝެޑިއުލް ފްލައިޓްތައް ވަނީ ހުއްޓިފަ އެވެ. އޭގެ ސަބަބުން ވައިގެ މަގުން ރާއްޖެއަށް ގެންނަ ކާބޯ ތަކެތީގެ ބައެއް ބާވަތްތައް ހުސްވުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.

މޯލްޑިވިއަން އިން ވަނީ ކޮލަމްބޯ އާއި ޓްރިވެންޑްރަމް އަދި ޗެންނާއީ އަދި ތައިލެންޑާއި ދުބާއީ އަށް ޗާޓަރު ފްލައިޓް ތަކެއް ބާއްވަން އިއުލާނު ކޮށްފަ އެވެ. އަދި އެހެން ބައެއް ގައުމުތަކަށް ފްލައިޓް ބާއްވަން ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 16 މީހެކެވެ. އޭގެ ތެރެއިން 14 މީހަކު ތިބީ ރާއްޖޭގަ އެވެ. އެ މީހުންގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނެ އެވެ.