މަސްތުވާތަކެތި

60 ކިލޯގެ މައްސަލަ: 11 މީހުންގެ ވަނަވަރު ހާމަކޮށްފި

ފަސްދޮޅަސް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި 11 މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގ. ބޮއިލިންފިޝް އަހުމަދު ވިޝާމްއާ އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ޓްރެފިކް ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މަަސްތުވާތަކެތި ބަލާދިޔަ ކަމަށް ތުހުމަތު ކުރެވޭ އިރުއަލިމަސް ދޯނި ބަލާ ފާސްކުރެވިފައިވާ ކަމަށެވެ.

އަދި މި މައްސަލައާއި ގުޅިގެން މާލެއާ ހުޅުމާލެއިން ހަތަރު ގެއެއް ބަލާފާސްކޮށްފައިވާ ކަމަށާ ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާ މި މީހުންގެ ބަންދަށް މިހާރު 10 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. ހައްޔަރުކުރެވުނު 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ބަލާދިޔަ ދޯނީގައި ތިބި މީހުންނެވެ. އެހެން މީހުން ހައްޔަރުކުރީ މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންގައެވެ.

ފުލުހުން ހައްޔަރުކުރި މީހުންގެ ވަނަވަރު

  • އަހުމަދު ވިސާމް، މ. ބޮއިލިންފިޝް
  • މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ/ ގުލްދަސްތާގެ
  • މުހައްމަދު މާއިޝް، މ. މާކޮޅު
  • މުހައްމަދު ޝާމިން، މއ. ވިރާހް
  • އަހުމަދު ޝިފާޒް، ހުޅުމާލެ، ފްލެޓް ނަންބަރު 06-ޖީ4
  • އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ
  • ހުސައިން ސުނާޒް، މ. މުލި/ ސޯސަންވިލާ
  • ސައުދުﷲ ރަޝީދު، މ. ކެޕްރިކޯން
  • މުހައްމަދު ނަޝީދު، މ.މުލި/ ހުދުފިނިފެންމާގެ
  • މުހައްމަދު މާއިދު، މ.ކޮޅުފުށި/ އޯޝަންވިއު
  • މުހައްަމދު ރިޝްވާން އިބްރާހިމް، މ.މުލި/ މުޝްތަރީގެ

ފުލުހުންގެ ބެލުމުގެ ދަށައް ގެންދިޔަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ކުށުގެ ރެކޯޑް އޮތް މީހުންނެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، ޓްރެފިކް ކުރުމުގެ އިތުރުން ފޭރުމާއި، ވައްކަމާ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުން ފަދަ ކުށުގެ ރެކޯޑްތައް ވެއެވެ.

ކުށުގެ ރެކޯޑް

  • އަހުމަދު ވިޝާމް - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، މަސްތުވާތަކެތި ޓްރެފިކް ކުރުން
  • މުހައްމަދު ހަމީދު - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ވައްކަން، މަސްތުވާތަކެތި ޓްރެފިކް ކުރުން
  • މުހައްމަދު މާއިޝް - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، މަސްތުވާތަކެތި ޓްރެފިކް ކުރުން، ފޭރުން، ވައްކަން
  • މުހައްމަދު ޝާމިން - މަސައްކަތަށް ހުރަސްއެޅުން، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، މަސްތުވާތަކެތި ޓްރެފިކް ކުރުން، ފޭރުން
  • އަހުމަދު ޝިފާޒް - ފޭރުން، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ހެކި ނައްތާލަން އުޅުން
  • އަބްދުﷲ ޝާމް - ވައްކަން، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، މާރާމާރީ
  • ހުސައިން ސުނާޒް - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ވައްްކަން
  • ސައުދުﷲ ރަޝީދު - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ފޭރުން
  • މުހައްމަދު ނަޝީދު - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ބިރުދެއްކުން، ބަނގުރާ ބޭނުންކޮށްގެން ގެންގުޅުން، ވައްކަން
  • މުހައްމަދު މާއިދު - ވައްކަން، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން، ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރެން އުޅުން
  • މުހައްމަދު ރިޝްވާން އިބްރާހިމް - މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުން،

ފުލުހުން މިރޭ ވަނީ އެ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ބައެއް ފޮޓޯތައްވެސް އާންމުކޮށްފައެވެ.

މި އޮޕަރޭޝަންގައިު 61 ކިލޯއަށްވުރެ ގިނަ ޑައަމޯފިން (ހެރޮއިން) ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެތި ފެނިފައިވާ ކަމަށާ އަދި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ ކުރިން ސީޕީ ކުރެއްވި ޓްވީޓެއްގައި ވަނީ މަސްތުވާތަކެތީގެ އަގު 72 މިލިއަނަށް އަރާ ކަމަށް ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައަށް ބޭނުންވާ އެވިޑެންސް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.