މަސްތުވާތަކެތި

ދައުވާ ކުރަން ފޮނުވި ފަހުން ޑުރަގުގެ ބޮޑަކު ދޫކޮށްލައިފި

Mar 30, 2020
2

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން ފުލުހުން ހައްުޔަރުކޮށްފައިވާ މީހަކު ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ މިއަހަރުގެ ޖަނަވަރީ 30 ވަނަ ދުވަހު ޑްރަގް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގއ. ހޯޑެނދޫ / އަލޯރާ އަރުޝަރު ހާލިދު، އިތުރު ބަޔަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ތަހުގީގު ނިންމާ ޕީޖީ އޮފީހަށް ފޮނުވުމުން އެ މައްސަލާގައި ދައުވާ ކުރަން މިއަދު ކޯޓަށް ހުށައެެޅުމަށް ޕީޖީ އޮފީހުން ނިންމާފައިވާ ކަމަށެވެ. ޕީޖީ އޮފީހުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ޑައެމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

ނަމަވެސް މިއަދު އަރުޝަދުގެ ބަންދާމެދު ގޮތް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. މި މައްސަލާގައި ދެން ހިމެނޭ ގދ. ހޯނޑެއްދޫ/ އިތުރުމަތީގޭ، އަހުމަދު ސުނައިންއާ، ގދ. ހޯނޑެއްދޫ / މެޑްރިޓްހައުސް، އަހުމަދު ގިޔާސްއާ، ގދ. ހޯނޑެއްދޫ/ ގުލޭނޫރަންމާގޭ، އަލީ ޒުބައިރު ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ އަމުރެއް ދީފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ބަލަމުންދާ ނުވަ ކިލޯޔަށްވުރެ ގިނަ ޑައަމޯފިން އާ ހަތަރު ގްރާމަށްވުރެ ގިނަ ކޮކެއިން ފެނިފައިވާ ކަމަށާ މި މައްސަލާގައި ކުށުގެ ވެށިގެން ވެސް ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްގައި ހުރި ގިނަ އަދަދެއްގެ ފައިސާއަކީވެސް މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ ބޭންކް އެކައުންޓްވެސް ވަނީ ފްރީޒް ކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލާގައި 4.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށެވެ.