މީހުން

ހުވަފެނަކީ ބިލާހެއް ނޫން: ހެއްކަކީ އިއްބެގެ ޑްރީމްސް

"އެންމެ ފުރަތަމަ މާލެ އައިސް އުޅުނީ ކޮންމެވެސް ގެއެއްގައި. އެ ގޭގެ މީހުންނަށް އެކި ކަހަލަ މަސައްކަތް ކޮށްދެމުން ކިޔެވީ. އެއީ އާއިލާގައި މާ ބޮޑު ތަނަވަސްކަމެއް ނެތީމަ އޭރުގެ ރާއްޖެތެރޭ ގިނަ މީހުން އެމީހުންގެ ކުދިން މާލެ ފޮނުވައިގެން ކިޔުއްވިގޮތް،" އެންމެ ކުރީގެ ހަނދާންތަކުން އޭނާ ފެއްޓެވި އެވެ.

"ދެން ވަކި ހިސާބަކުން އަޅުގަނޑު އުޅުނު ގޭގެ މީހުން އަޅުގަނޑާ މެދު ކަންތައްކުރާ ގޮތާ މެދު މަންމަމެން ހިތްހަމަނުޖެހިގެން އެންމެފަހުން އަޅުގަނޑު ބެހެއްޓީ ކޮޓަރިއެއް ކުއްޔަށް ހިފާފައި އެތަނުގައި. އެކަމަކު ކުއްޔަށް ތަނެއް ހިފައިގެން އުޅެން ޖެހުން ވެސްވީ މަންމަމެންނަށް ފަސޭހަ ކަމަކަށް ނޫން."

"އޭރު ސްކޫލްގައި އަޅުގަނޑު އުޅުނުއިރު ފެންނާނެ މަޖީދީ މަގުގައި މީހުން ފިހާރަތައް ހުޅުވައިގެން ވިޔަފާރިތައް ފުޅާކުރަމުން ގެންދާ މަންޒަރު. ދެން އަޅުގަނޑު ހިތަށް އަރަނީ އަޅުގަނޑަށް ވެސް އެގޮތަށް ފިހާރައެއް ހުޅުވައިގެން އުޅެވޭނެ ނަމައޭ"

"އޭރުގެ މުއްސަނދި އާއިލާތައް ފެނިފައި އަޅުގަނޑު ހިތަށް އެރީ އެވަރުގެ މުއްސަނދިކަމެއް ކީއްވެގެން ހެއްޔޭ އަޅުގަނޑަށް ނުހޯދެންވީ. އެހެން ހިތަށް އަރާފައި އަޅުގަނޑު ވިޔަފާރިއަށް ވަނީ."

މިއީ ޑްރީމްސް ހޯލްޑިންގެ ބާނީ އަދި ފުވައްމުލަކުގެ މަޝްހޫރު ޒުވާން ވިޔަފާރިވެރިޔާ އިބްރާހިމް ހުސެއިން (އިއްބެ) އޭނާގެ ކާމިޔާބީ އަށް ވާސިލުވުމަށް ދަތުރު ފެއްޓެވި ގޮތެވެ. މާލޭގައި ހުޅުވާފައިވާ އޭނާގެ ހަތް ފިހާރައާ އެކު އޭނާގެ "ޑްރީމްސް" މިއަދު އެ ވަނީ ހަގީގަތަކަށް ހަދައިފަ އެވެ.

"އެ ހިތްވަރު އަޅުގަނޑަށް ލިބުނީ ކުޑައިރު އުޅެން ޖެހުނު ގޮތުން. އެ ޗެލެންޖު ހިތުގައި އަބަދުވެސް ކައްކާލަ ކައްކާލަ އަޅުގަނޑު ހުރީ. އަޅުގަނޑުގެ އާއިލާ އަޅުގަނޑުގެ އަމިއްލަ މަސައްކަތުން ތަނަވަސްކުރުމުގެ ޗެލެންޖު."

ޔަގީނަށް ވެސް އިއްބެ އަކީ ރާއްޖޭގެ ވިޔަފާރީގެ މައިދާނަށް ބަލާލާއިރު މި ދާއިރާ އަށް ޝައުގުވެރިވާ އެހެން ފަރާތްތަކަށް ނަމޫނާއަކަށް ވާނެ ހިތްވަރެކެވެ. ފައިވާން ވިއްކަން 1996 ވަނަ އަހަރު މަޖީދީމަގުގައި ހުޅުވި ފިހާރައަކަށް ފަހު އިބްރާހިމް ހުސެއިން މިއަދު ވެފައި ވަނީ ފައިވާނުގެ ވިޔަފާރީގެ އެންމެ ނުފޫޒުގަދަ އެއް ނަމަށެވެ. އަދި އެ އިންގިލާބަށް ފަހު މޯބައިލް ފޯނުގެ ވިޔަފާރީގައި ވެސް ހޯއްދަވަމުން އަންނަ ކުރިއެރުމަށާއި ރިއަލް އެސްޓޭޓްގެ ވިޔަފާރީގެ ތެރޭގައި ވެސް އޭނާގެ ނަން ބޮޑެވެ.

ޓުއަރިޒަމްގެ ދާއިރާ އަކީ ވެސް އިއްބެގެ ބޮޑު ހުވަފެނެކެވެ. ފަހަރެއްގައި އޭނާގެ މި ދަތުރުގެ ފުރަތަމަ މަންޒިލަކަށް ޓުއަރިޒަމްގެ ދާއިރާ ވެފައި އޮތީމަ ކަމަށް ވެސް ވެދާނެ އެވެ.

"ޑްރީމްސް" ހަގީގަތަށް ވުމުގެ ކުރިން އެންމެ ފުރަތަމަ އޭނާ އަކީ ރިސޯޓެއްގެ އާދައިގެ ވަޒީފާއެއްގައި އުޅުއްވި މީހެކެވެ. ކުރީގެ އެމްއީއެސް އިން ގްރޭޑް 10 އެއް ނިންމާލި ގޮތަށް ގޮސް އޭނާ ގުޅިވަޑައިގަތީ އޭރުގެ ބޮލިފުށި ރިސޯޓްގެ ވަޒީފާއަކާ އެވެ. މިހާރު ޖުމެއިރާގެ ގޮތުގައި މަޝްހޫރުވެފައިވާ އެ ރިސޯޓްގައި އޭނާ އަދާކުރެއްވީ ރިސެޕްޝަނިސްޓެއްގެ ޖޮބެވެ.

ނަމަވެސް އިއްބެ ވިދާޅުވީ ރިސޯޓަކަށް އޭނާ މިސްރާބު ޖެއްސެވީ އެއްގޮތަކަށް ވެސް އެތަނަކަށް ގޮސް އެތަނެއްގައި ދިރިއުޅުމެއް ފެށުމުގެ ހިޔާލެއްގައި ނޫން ކަމަށެވެ.

"އަޅުގަނޑަށް ވިސްނުނު އެއްޗަކީ ރިސޯޓް ލައިފަކީ އަދި ލައިފެއް ނޫނޭ. އަސްލުގައި. އެތަނުގައި ލައިފެއް ފަށައިފި ނަމަ އަނބިދަރިން ފެންނާނީ މަހަކު އެއް ފަހަރު ނުވަތަ އަހަރަކު ދެ ތިން ފަހަރުއޭ،" އިއްބެ ކިޔައި ދެއްވި އެވެ.

"އެހެންވީމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަޅުގަނޑު މަސައްކަތްކުރީ އަޅުގަނޑުގެ ދެފައި މައްޗަށް އަޅުގަނޑު ތެދުވަން"

"ރިސޯޓްގެ އޮފީސް ތެރޭގައި އުޅުނުއިރު ވެސް އަޅުގަނޑު އަބަދުވެސް އުޅޭނީ ކޮންމެވެސް މީހަކާ ވާހަކަ ދައްކާ އެމީހެއްގެ ހިޔާލު ހޯދާލުމުގައި. އެއީ އަޅުގަނޑު އޭރު އުޅުނީ އަމިއްލަ އަށް ކަމެއް ފަށަންވިއްޔާ. އަމިއްލަ މަސައްކަތެއް ފަށައިގެން އަޅުގަނޑު ދެމިގަންނާނެ ގޮތް ބޭނުންވެފައި އަޅުގަނޑު ހުރީ."

އިއްބެ ވިދާޅުވީ ރިސޯޓް އޭނާ ހިޔާރުކުރެއްވީ ކުރިއަށް ދާނެ މަގެއް ކޮށަން ކަމަށެވެ. އެހެން އުޅެނިކޮށް އޭނާގެ ޝައުގުވެރިކަން އެންމެ ފުރަތަމަ ދަމައިގަތީ ޓްރެވަލް އެޖެންސީގެ މަސައްކަތަށެވެ.

"އޭރު އާންމުކޮށް ރިސޯޓްތަކަށް ގެސްޓުން ގެންނަނީ ލަންކާގެ ޓްރެވަލް އެޖެންސީތައް މެދުވެރިކޮށް. އަޅުގަނޑު ހިތަށް އެރީ ކީއްވެހޭ އެމީހުން ފަދައިން ޓްރެވަލް އެޖެންސީއެއް އަޅުގަނޑަށް ނުހިންގެންވީ."

މި ޝައުގުވެރިކަމެއްގެ ތެރޭގައި އުޅުއްވަނިކޮށް އޭނާއާ ދެން ބައްދަލުވަނީ ވަޒީފާ އަދާކުރެއްވި ރިސޯޓަށް ވަރަށް ގިނަ ގެސްޓުން ފޮނުވާ ބޭރުގެ ޓްރެވަލް އެޖެންސީއެއްގެ ސީއީއޯއަކާ އެވެ.

އެއަށް ފަހު އޭނާއާ އެކު ދެކެވުނު ވާހަކަތަކަކަށް ފަހު 2500 ރުފިޔާގެ އެ ވަޒީފާ ދޫކޮށް އިއްބެ ގޮސް ފެއްޓެވީ ޓްރެވަލް އެޖެންސީއެއްގެ ވިޔަފާރި އެވެ. އެއީ ޑްރީމްސް ޓުއާ އެވެ.

އިއްބެ ވިދާޅުވާ ގޮތުން އޭނާގެ އެ ވިޔަފާރި ވަރަށް ވެސް ކާމިޔާބެވެ. ނަމަވެސް އިންޑަސްޓްރީގެ ތެރެއިން ދިމާވި ބަދުނަސީބެއްގައި ޖެހި އެ ވިޔަފާރި އެއްފަރާތްކޮށްލެއްވުމުގެ ވިސްނުން ވަކި ހިސާބަކުން އައީ އެވެ. އެހިސާބުން އަނެއްކާވެސް އެހެން ހުވަފެނެއް ހަގީގަތަށް ހެދުމަށް އޭނާ ދުއްވައިގަތީ އެވެ.

އޭރު އުޅުއްވަނީ އަމިއްލަ ކުންފުންޏެއްގެ މާކެޓިން މެނޭޖަރަކަށެވެ. ނަމަވެސް އަމިއްލަ ވިޔަފާރިއަކަށް ހިތުގައި އޮތް އެދުމެއްގެ ބޮޑު ކަމަކުން އެ ވަޒީފާ އަމިއްލަ އަށް ދޫކޮށްލެއްވީ އެވެ.

މި އަންނަނީ އޭނާ 1996 ވަނަ އަހަރު ހުޅުވި "ފުޓްސްޓެޕް" ގެ ވާހަކަ އެވެ.

"އަމިއްލަ އަށް އަޅުގަނޑު އެ ފިހާރަ ހުޅުވީ. އެތަނުގެ ސޭޓަކަށް ވެސް ހުރީ އަޅުގަނޑު ފުރަތަމަ. ފައިވާންތައް ފޮހެ ރީތިކޮށް، ތަން ފޮޅައި ސާފުކޮށް މޮޕްލައި ބިއްލޫރިތައް ސާފުކުރީ ވެސް އެންމެ ފުރަތަމަ އަޅުގަނޑު އަމިއްލަ އަށް،" ކުރީގެ ހަނދާންތައް އާ ކުރައްވަމުން އިއްބެ ގެންދެވި އެވެ.

މި ފިހާރައެއް ހުޅުވިތާ ދެ ތިން އަހަރު ފަހުން އޭނާ ވަނީ އިތުރު ދެ ތިން ފިހާރަ ހުޅުވައިފަ އެވެ. އޭރު އޭނާގެ މި ވިޔަފާރި ފުޅާކުރައްވަމުން ގެންދެވީ އާއިލާގެ އިތުރު ދެ މެމްބަރަކު ވެސް އޭގެ ތެރެއަށް ވައްދަވައިގެންނެވެ.

ނަމަވެސް ޑްރީމްސް ހޯލްޑިންގެ ނަމުގައި 2008 ވަނަ އަހަރު ރަޖިސްޓްރީކުރެއްވި ކުންފުންޏަކާ އެކު އިއްބެ އަނެއްކާވެސް އޭނާގެ އަމިއްލަ ވިޔަފާރިއެއްގެ ކުޑައިގެ ދަށަށް ދިޔައީ އެވެ.

އޭނާގެ ހަތް ފިހާރައަކީ ޑްރީމްސް ސްޓައިލް، ޑްރީމްސް ފެބްރިކް، އެނިއު، ކިންގް ކޮއިލް ޝޯރޫމް އަދި ޑްރީމްސްގެ މޮބައިލް ތިން ފިހާރައެކެވެ. މީގެ އިތުރުން ޑްރީމްސް ހޮޓެލްގެ ދަށުން އިއްބެ ވަނީ ލޯކަލް ޓުއަރިޒަމްގެ ތެރެއަށް ވެސް ވަދެ ވަޑައިގެންފަ އެވެ.

އިއްބެ ވިދާޅުވީ އޭނާގެ މިހުރިހާ ވިޔަފާރިއެއްގެ ވެސް ބިންގަލަކީ އޭނާގެ މަންމަ އާއި ބައްޕަ ކަމަށެވެ.

"ދުނިޔޭގައި ހުރިއިރު އަޅުގަނޑުގެ ބައްޕަ ވަރަށް ގިނައިން ބުނާނެ ހިތްވަރު ދެރަ ނުކުރައްޗޭ، ހިތްވަރު ބަލި ނުކުރައްޗޭ. ކަންތައްތައް ކުރެވޭނެއޭ މަސައްކަތްކުރީމަ ﷲ އިރާދަކުރެއްވިޔާ ކާމިޔާބު ވެސް ލިބޭނެއޭ،" އިއްބެ ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ކަމަކީ ކަންތައްތައް ހޯދައި ބެލުން. އެހެން މީހުން ކަންތައްތައް ކުރަނީ ކިހިނެތްތޯ ބަލައި ހޯދައި އެގޮތްތައް ދަސްކުރީ އަޅުގަނޑު،" އިއްބެ ވިދާޅުވި އެވެ.

"ވަރަށް ގިނަ ވަގުތު މި މަސައްކަތަށް ދީގެން. އޮފީހުގައި އަޅުގަނޑަށް ކަނޑައެޅިފައި އޮންނަ ގަޑި އަށް ވުރެ ޑަބަލް ވަގުތު އަޅުގަނޑު ހޭދަކުރަން. އެގޮތަށް މަސައްކަތްކޮށްގެން އަޅުގަނޑު ހޯދީ އަޅުގަނޑު ކުރިއަށް ދާން ޖެހޭ މަގު. އެ މަގު ހޯދުމަކީ ފަސޭހަ ކަމެއް ނޫން. މަސައްކަތް ނިންމާލާފައި ގެއަށް ގޮސް އެނދަށް އަރައި އޮށޯންނަ މީހާ އަކަށް އެ މަގެއް ނުހޯދޭނެ"

"ކިޔެވުމުގެ އިތުރުން އަމިއްލަ އަށް އެބަޖެހޭ ކަންތައްތައް ތަޖުރިބާތަކެއް ކުރަން. އެކަމަކު މިހާރު މި އުޅޭ ކުދިންނަށް ވާގޮތަކީ ވަޒީފާ އަށް ގޮސްފައި ގަޑީ ނިމުނީމަ ދެން ނިމުނީ. ދެން ދުއްވައިގަންނާނީ ކޮފީއެއް ބޯން. އެހެން އުޅެގެން ކާމިޔާބު މީހަކަށް ނުވެވޭނެއޭ އަޅުގަނޑު ބުނާނީ"

"އަޅުގަނޑު ދަންނަވާނީ ކާމިޔާބު ލިބޭނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވި ވަރަށް ބޮޑެތި ގުރުބާނީތަކެއް ވެގެންނޭ. އެކަން ކުރެވޭނީ ވަރަށް ގިނަ ވަގުތު ދީގެން ވަރަށް ރޫހުގައި މަސައްކަތްކޮށްގެން."

އެހެންވީމަ އިއްބެގެ އަނެއް ހުވަފެނަކީ ކޮބައި ހެއްޔެވެ؟

"މިހާރުގެ އެންމެ ބޮޑު ހުވަފެނަކީ ރިސޯޓް އިންޑަސްޓްރީ އަށް ވަނުން. އަޅުގަނޑުގެ ނަމުގައި ރިސޯޓެއް އޮވެ ހިންގޭނެ ދުވަހެއް އައުން. އެއީ އަޅުގަނޑުގެ ވިޔަފާރީގެ މި ދަތުރު ފުރިހަމަވާނެ ދުވަސް. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ވެސް ކާމިޔާބުކުރާނަން."

މިއީ އިއްބެ އަބަދުވެސް ވާހަކަ ދެއްކެވި ގޮތެވެ. އަބަދުވެސް އަމާޒެއް ކަނޑައަޅުއްވައިގެން އެ ކަމެއް ހާސިލުކުރެއްވުމަށް ނިކަން ގަދައަޅުއްވައި މަސައްކަތްކުރައްވާ ފަރާތެކެވެ.

ޔަގީނަށް ވެސް ޒުވާން އެހެން ވިޔަފާރިވެރިންނަށް މިއީ ނަމޫނާ ބޭފުޅެކެވެ.