ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މިފްކޯއިން މަސްވެރިންނަށް މިއަދު 40 މިލިއަން ރުފިޔާ ދެނީ

މަސްވެރިން ކިރުވާފައިވާ މަހަށް، މިއަދު 40 މިލިއަން ރުފިޔާ ދޭން، ފައިސާ ފޮނުވާފައިވާނެ ކަމަށް މިފްކޯއިން ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ މިއަދު ވިދާޅުވީ 17 ދުވަހު މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުދީ އެބަހުރި ކަމަށާ ނުދީ ހުރި ފައިސާގެ އަދަދު 60 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އެ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްވެރިންނަށް މިއަދު 40 މިލިއަން ރުފިޔާ ދޭން ފައިސާ ފޮނުވާނެ. އަނެއްކާ އަންނަ ބުރާސްފަތި ދުވަހު ވެސް ފައިސާ ފޮނު ވާނެ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެއް ކަމަށާ، ނަމަވެސް ކޮރޯނާ ވައިރަސްގެ ސަބަބުން އެކްސްޕޯޓް ކުރާ މަހަށް ފައިސާ ލިބުމުގައި ކޮންމެ ވެސް ވަރެއްގެ ދަތިކަމެއް އެބަހުރި ކަމަށެވެ.

"މިހާރު ރާއްޖެއަށް ދުވާލަކު 300 ޓަނުގެ މަސް ބާނާ. މިހާރު މަސް ގަންނަނީ މިފްކޯ އިން އެކަނި. އެހެންވެ، ލޯޑު ވެސް ބޮޑުކޮށް ދަނީ،" އިސްމާއިލް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ޔޫރަޕުގެ ގިނަ ގައުމުތައް ބަންދު ކޮށްފައި ވާތީ، ބޮޑު ކަންނެލީގެ އަގު ވަނީ ވެއްޓިފަ އެވެ.