ސީރިޔާ

ދިވެހިން ހަދިޔާކުރި 1800 މަސްދަޅުކޭސް ސީރިއާއަށް ފޮނުވައިފި

ދިވެހިން ހަދިޔާކުރި 1800 މަސްދަޅުކޭސް ސީރިއާއަށް ފޮނުވައިފި އެވެ.

ސިރިއާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ފިނިމޫސުމުގައި އެހީވުމަށްޓަކައި ދިވެހިންގެ ފަރާތުން މަސްދަޅު ހަދިޔާކުރުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުންނެވެ.

ތިން މަހަށް ކުރިއަށް ގެންދިޔަ ހަރަކާތުން 1800 ކޭސް މަސްދަޅު ހަމަކުރެވިފައިވާ ކަމަށް އެ ހަރަކާތުން ވަނީ ބުނެފައެވެ. މިއީ އެއްކޮންޓެއިނާއެއްގެ މަސްދަޅެވެ. ދިވެހިންގެ ފަރާތުން ހާލުގައި ޖެހިފައިވާ ސީރިއާގެ ރައްޔިތުންނަށްދޭ މަސްދަޅުގެ މިހަދިޔާ ބެހުމަށް ހަމަޖެހިފައިވަނީ، އިންސާނީ އެހީދޭ ތުރުކީގެ ޖަމިއްޔާ އެއް ކަމުގައިވާ، އިންސާނީ ޔަރްދިމް ވަގުފީ (އައިއެޗްއެޗް) މެދުވެރިކޮށެވެ.

އެންމެ ފުރަތަމަ މަސްދަޅު ބެހުމަށް ނިންމާފައި އޮތީ، ފިނިމޫސުމުގައި ކަމަށް ވީނަމަވެސް، މިމަސްދަޅު ކޮންޓެއިނާ އެ ގައުމަށް ފޯރާފައި ވަނީ ފެބުރުވަރީމަހު ކަމަށާ ސަބަބަކީ ފެތުރެމުންދާ ކޯވިޑް-19 ރޯގާގެ ސަބަބުންނާއި، ސިއްހީގޮތުން ބޭނުންވާ ލިޔެކިޔުންތައް ލިބުމުގައި ދިމާވި ދަތިތަކަކުން ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ވަނީ ބުނެފައެވެ.

ކުރިން މަސްދަޅު ބަހަން ނިންމާފައި އޮތީ ފިނިމޫސުމާއި ދިމާކޮށް ކަމުގައި ވީނަމަވެސް، ފިނިމޫސުމްވެސް ނިމުމަކަށް އައުމާއި ކުރިޔަށް އޮތީ ރަމަޟާންމަސް ކަމުގައި ވާތީ، މަސްދަޅު މިހާރު ބެހުމަށް ހަމަޖެހިފައިވަނީ މި ރޯދަމަހާއި ގުޅިގެން ކަމަށްވެސް އެ ހަރަކާތުން ބުނެއެވެ.

ސީރިއާގައި ދަތި ހާލުގައި ދިރިއުޅެމުންދާ މުސްލިމުންނަށް ދިވެހި ރައްޔިތުންގެ ފަރާތުން މީގެ ކުރިންވެސް ވަނީ އެކި ފަހަރު މަތިން ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.